06 Aug 2012, 22:32
ރާއްޖެ އަށް ހެޔޮ އެދޭ ނަމަ ދިވެހި ދައުލަތް ހިންގަން ބޭނުންވާ މާލީ އެހީ ފޯރުކޮށް ދިނުމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލައިފި އެވެ.
ދި ޓީވީގައި ވާހަކަފުޅު ދައްކަވަމުން މިރޭ ޔާމީން ވިދާޅުވީ ރާއްޖޭގައި މިހާރު އުފެދިފައިވާ މައްސަލަތައް ހައްލު ކުރުމަށާއި ދިވެހި ރައްޔިތުންގެ މަސްލަހަތު އޮތް މުޖުތަމައެއް ހޯދައި ދިނުމުގެ ނަމުގައި ބައިނަލްއަގުވާމީ މުޖުތަމައުގެ ސަފީރުން 7 ފެބްރުއަރީގެ ފަހުން ރާއްޖޭގައި ހަރަކާތްތެރިވެވަޑައިގެންފައިވާ ކަމަށާއި އެއީ ރާއްޖެ އަށް ހެޔޮ އެދިވަޑައިގަތުމެއް ކަމަށް ބަލައިގަންނަ ކަމަށެވެ.
"އެމެރިކާ ސަފީރު ވަޑައިގެންފި އީޔޫ ސަފީރު ވަޑައިގެންފި އިންޑިޔާގެ ސަފީރެއް މިތާ އެބަހުންނަވާ އިނގިރޭސި ސަފީރު އެތައް ފަހަރު ވަޑައިގެންނެވި. އެނޫނަސް އެތައް ސަފީރުންނެއް ވަޑައިގެންފި އދ. ން ވަޑައިގަތް އަޅުގަނޑުމެނަށް ހެޔޮ އެދި ވަޑައިގެން. ހަތެއް ފެބްރުއަރީގެ ފަހުން. އަޅުގަނޑުމެން ވެސް އެކަން ގަބޫލު ކުރަން،" ޔާމީން ވިދާޅުވި އެވެ. "ބައިނަލް އަގުވާމީ މުޖުތަމައަށް އަޅުގަނޑު މިހާރު ދަންނަވާލަން ބޭނުންވާ ވާހަކައަކީ އެހާވަރަށް ދިވެހި ރައްޔިތުންނަށް ހެޔޮ އެދިގެން ކަންކަން ކުރަން ބޭނުންފުޅުވާ ކަމަށް ވަންޏާ މިހާރު މީ ރާއްޖެއަށް ފައިސާގެ އެހީތެރިކަން ބޭނުންވާ ދަނޑިވަޅޭ! އެވިދާޅުވާ ގޮތަށް ދިވެހި ރައްޔިތުން މުސްތަގުބަލަށް ކަމެއް ކޮށްދެއްވަންޏާ މި ދައުލަތް ހިންގަން ބޭނުންވާ ފައިސާގެ އިންތިޒާމްތަކެއް ހަމަޖައްސައިދެއްވާށޭ،"
ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު ވިދާޅުވީ ރާއްޖޭގައި ސިޔާސީ ގޮތުން ހިންގާ ކަންކަމާ ޝަރުއީ ދާއިރާއިން ކުރަންހުރި ކަންކަމާއި ތަހުގީގުތަކާއި އެނޫން ކަންކަން ދިވެހިން އަމިއްލައަށް ކުރާނެ ކަމަށާއި އެކަންކަން ކުރާއިރު މައްސަލައެއް އުޅޭ ނަމަ ބައިނަލް އަގުވާމީ މުޖުތަމައުން ރާއްޖެ އަށް އެހީތެރިވެވިދާނެ ކަމަށެވެ.
"ނޭޝަނަލް އިންކްއަރީގެ މަސައްކަތަކީ ވެސް އަޅުގަނޑުމެން އަމިއްލައަށް ނުކުރެވޭ ވަރުގެ ކަމެއް ނޫން. ދުނިޔޭގެ އެއްވެސް ގައުމެއްގައި މިކަހަލަ ކަމަކާ ގުޅިގެން ނެޝަނަލް އިންކްއަރީއެއް ކުރާއިރު ގައުމުން ބޭރު އެހެން ގައުމުތަކުން އެހެން ކަރަތަކުން މީހުން ގެނެސް ކޮމިޝަނަކު ނުގެންގުޅޭނެ އެކަމަކު ބައިނަލް އަގުވާމީ މުޖުތަމައުން މިހާ ބޮޑަށް ޕްރެސް ކުރީމަ އަޅުގަނޑުމެން އެކަން ވެސް ކޮށްދީފިން. އެބޭފުޅުން ވިދާޅިވި ހުރިހާ ޑިޕްލޮމެޓިކް ހައްލަކަށް ދިއުމަށްޓަކައި [އެކަން] ކުރީ. ހަގީގަތުގައި ދިވެހި ރައްޔިތުންނަށް ހެޔޮ އެދެންޏާ މިހާރު މިއީ ވަގުތު، ބައިނަލްއަގުވާމީ މުޖުތަމައުން މާލީ ގޮތުން ރާއްޖެއަށް އެހީވާން،" ޔާމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގައި ހުރި ސިޔާސީ މައްސަލަތަކަކީ ދިވެހިން އަމިއްލައަށް ހައްލު ހޯދޭނެ ކަންކަން ކަމަށާއި އެމްޑީޕިއާއެކު ވާހަކަ ވެސް ދެކެވޭނެ ކަމަށެވެ. ވިދާޅުވި އެވެ: "އެމްޑީޕީގައި ވެސް ހުންނަންވީ ގާބިލު ކަމާ ކެރުން އަޅުގަނޑުމެނާ ވާހަކަ ދައްކަން. އެމީހުން ވެސް ބައެއް ކަންތައް ދޫކޮށްލަންވީ! ގާނޫނީ އިމުގެ ތެރޭގައި އުޅުމަށް ދަސްކުރަންވީ! އެ ސަގާފަތް އާދަ ކުރަންވީ! އެހިސާބުން ކަންކަން ހަމައަކަށް އެޅޭނެ!"