ދިމިޝްޤު (އޮގަސްޓް 6) : ސޫރިޔާގެ ބޮޑުވަޒީރު ރިޔާޒް ޢަބްދުއްރައުފް ޙިޖާބް، ރައީސް ބައްޝާރުލް އަސަދްގެ ވެރިކަމާ ވަކިވެވަޑައިގެން އިދިކޮޅު ހަނގުރާމަވެރިންނާ ގުޅިވަޑައިގެންފި އެވެ.

އުމުރުން 46 އަހަރުގެ ރިޔާޒް ފިއްލަވައިގެން ސިއްރިޔާތުގައި މިއަދު އުރުދުންއަށް ވަޑައިގަތުމަށްފަހު ދެއްވި ބަޔާނެއްގައި ރައީސް ބައްޝާރުލް އަސަދް ވެރިކަމުގެ ނިޒާމް ސިފަކުރައްވާފައިވަނީ "މީހުން މެރުމާއި ޓެރަރިޒަމް" ގެ ނިޒާމެއް ކަމުގައެވެ. އަދި ބައްޝާރާގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރާ އިދިކޮޅު މީހުންގެ ސަފުތަކަކީ ޤައުމުގެ މިނިވަންކަމާއި ކަރާމާތުގެ ސަފުތަކެއްކަމަށް ރިޔާޒް ސިފަކުރެއްވިއެވެ. ރައީސް ބައްޝާރުލް އަސަދް އޭނާގެ ސަރުކާރުގެ ބޮޑުވަޒީރަކަށް ރިޔާޒް ޢައްޔަންކުރެއްވީ މިދިޔަ ޖޫންމަހުގަ އެވެ.

ސިޔާސީ އިސްލާޙްތަކަށްޓަކައި ކަމަށް ވިދާޅުވެ ބައްޝާރު އޭނާގެ ބޮޑުވަޒީރަކަށް ރިޔާޒް ޢައްޔަން ކުރެއްވުމާއެކު ސޫރިޔާގެ އިދިކޮޅު ފަރާތްތަކުން ބުނެފައިވަނީ ރިޔާޒަކީވެސް ރައްޔިތުންނަށް އަނިޔާކުރުމުގައި ރައީސް ބައްޝާރުގެ ބައިވެރިއެއްކަމުގަ އެވެ. މިއީ ބައްޝާރުގެ ވެރިކަމާ ވަކިވެވަޑައިގެން އިދިކޮޅު ހަނގުރާމަވެރިންނާ ގުޅިވަޑައިގެންނެވި ސޫރިޔާގެ އެންމެ އިސް މަސްއޫލުވެރިޔާ އެވެ.

ރިޔާޒް ފިއްލަވައިގެން އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެންވި މައްސަލަ ސާފުކޮށްދެއްވަމުން އޭނާގެ ތަރްޖަމާން މުޙައްމަދު ޢިތްރީ ވިދާޅުވީ ބޮޑުވަޒީރަކަށް ޢައްޔަން ކުރެއްވުމާއެކު ރިޔާޒް ގެންދެވީ ޤައުމުން ފިއްލަވައިގެން އިދިކޮޅު ފަރާތްތަކާ ބައިވެރިވެވަޑައިގަތުމަށް ރާއްވަވަމުން ކަމަށާއި މިކަން ކާމިޔާބުވީ ސޫރިޔާ ސިފައިންގެ ބައެއް ފަރާތްތަކުގެ އެހީތެރިކަން ލިބިގެންކަމުގަ އެވެ.

ރިޔާޒް ފިއްލެވީ އޭނާއާއި އޭނާގެ އެއްބަނޑު އެއްބަފާ އަށް ބޭފުޅުންގެ ޢާއިލާތަކާ ވެސް އެކުގައެވެ. ރިޔާޒް ފިއްލެވުމާއެކު ބައްޝާރުވަނީ އޭނާ މަޤާމުން ވަކިކުރައްވައި ބޮޑުވަޒީރުގެ ނައިބު ޢުމަރު ޤަލާވްންޖީ ވަގުތީ ބޮޑުވަޒީރަކަށް ހަމަޖައްސަވާފަ އެވެ. މިކަން ޢިއްލާންކޮށްފައިވަނީ ސޫރިޔާގެ ރަސްމީ ޓީވީންނެވެ. -- އަލްޖަޒީރާ