06 Aug 2012, 20:35
މާލޭ ސަރަހައްދުގެ ކުނި ނައްތާލުމަށް މާލޭ ސިޓީ ކައުންސިލާއެކު އެއްބަސްވެފައިވާ އިންޑިއާގެ، ޓަޓްވާ ގްލޯބަލް ރީނިއުބަލް އެނާޖީ (ޔޫއީއީއެލް) އިން އެ މަސައްކަތް ފަށަން ތައްޔާރަށް އޮތް ކަމަށް ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.
ހަމަސް ދުވަހުގެ ތެރޭގައި އަމަލީ މަސައްކަތް ފަށާ ގޮތަށް މިދިޔަ އަހަރުގެ މޭމަހުގެ ތެރޭގައި ޔޫއީއީއެލްއާ ހަވާލުކުރި އެ ޕްރޮޖެކްޓާ ގުޅޭ ގޮތުން އެ ކައުންސިލްގެ މެންބަރު މުހަންމަދު އަބްދުލް ކަރީމް (ރުކުމާ) މިއަދު ވިދާޅުވީ މާލެ ސަރަހައްދުގެ ކުނި ނައްތާލުމަށް އެގްރިމަންޓް ކުރި ކުންފުނިން އެ މަސައްކަތް ފަށަން ތައްޔާރަށް އޮތް ކަމަށާއި ނަމަވެސް އެ ކުންފުނިން މަސައްކަތް ނުފެށި ލަސްވަނީ ސަރުކާރުން ލިބެންޖެހޭ ހުއްދަތައް ނުލިބިގެން ކަމަށެވެ.
"މާދަންވެސް އެބޭފުޅުން މަސައްކަތް ފަށަންވެފައި އޮތީ، މީގެ ކުރިން އެބޭފުޅުންނަށް މަސައްކަތް ނުފެށި އޮތީ ލާރީގެ ތާށި ކަމެއް އުޅުނީމަ، ނަމަވެސް މިހާރު އެކަން ހައްލުކޮށް އެބޭފުޅުން މިކޮޅަށް ވަޑައިގެން މަސައްކަތް ފައްޓަވަން ތައްޔާރަށް ތިއްބެވީ، ނަމަވެސް މިހާރު މި ލަސްވަނީ ސަރުކާރުން ދޭން ޖެހޭ ހުއްދަތައް ނުދޭތީ،" ރުކުމާ ވިދާޅުވި އެވެ.
މާލޭގެ ކުނި ނައްތާލުމުގެ މަސައްކަތް ޔޫއީއީއެލް އާ ހަވާލުކޮށްފައިވަނީ 20 އަހަރު ދުވަހުގެ މުއްދަތަށެވެ. އެ ޕްރޮޖެކްޓްގެ އަގު 49.2 މިލިއަން ޑޮލަރަށް އަރައެވެ.
އެ އެއްބަސްވުމުގެ މަސައްކަތް ނުފެށި ލަސްވެގެން ދިޔުމުން އެންވަޔަރަންމަންޓް މިނިސްޓްރީން ނިންމާފައިވަނީ އެ އެއްބަސްވުން މުތާލިއާ ކުރުމަށެވެ. ރުކުމާ ވިދާޅުވީ އެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި ދެ ފަހަރެއްގެ މަތިން އޭނާ ވެސް މިނިސްޓްރީއަށް ހާޒިރުކޮށް ސުވާލުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެކަމުގައި އަދިވެސް ގޮތެއް ނިމިފައި ނުވާކަމަށް ވިދާޅުވި އެވެ.
"ސަރުކާރުން މީގައި އެކި ބަހަނާތައް ދައްކައިގެން ދިގު ދައްމަނީ، އެބޭފުޅުން ވެސް މިހާރު އެތިބީ މިކޮޅަށް ވަޑައިގެން، އެކަމަކުވެސް އެކި ގޮތްގޮތުން މިކަން ހަމަ ދިގު ދައްމާލަނީ، އަޅުގަނޑުވެސް ދެ ފަހަރެއްގެ މަތިން ގެގޮސްގެން ސުވާލު ވެސް ކުރުވައިފި، މީގައި މިކަހަލަ ބައެއް ކަހަލަ ސަރުކާރުތެރެއިން އަންނަ މައްސަލަތައް މިއުޅެނީ،" ރުކުމާ ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓްރީން ވެސް އަދި އެންވަޔަރަންމަންޓް މިނިސްޓްރީން ވެސް މިއަދު ބުނީ ކުނި ނައްތާލުމުގެ މަސައްކަތް ކުރުމަށް ސިޓީ ކައުންސިލުން ހަވާލުކުރި ކުންފުންޏާއެކު ކޮށްފައިވާ އެގްރިމަންޓް ދިރާސާ ކުރަމުން އަންނަ ކަމަށާއި އެކަމާ މެދު އެއްޗެއް ބުނެވޭނީ އެ އެގްރިމަންޓް ދިރާސާކުރުމަށް ފަހު ކަމަށެވެ. މީގެ ކުރިން މިނިސްޓްރީން ބުނެފައިވަނީ އެ އެގްރިމަންޓްގެ ސަބަބުން ދައުލަތަށް އެއްބިލިއަން ރުފިޔާގެ ގެއްލުމަކާއި ކުރިމަތިލާން ޖެހޭނެ ކަމަށެވެ.
އެގްރިމަންޓްގެ ދަށުން ޔޫއީއީއެލް އަށް 200 ޓަނުގެ ކުނީގެ ގެރެންޓީ ދީފައިވާތީ ސަރުކާރުން އެ ކުންފުންޏަށް 2.5 މިލިއަން ރުފިޔާއަށް ވުރެ ބޮޑުއެއްޗެއް ދައްކަންޖެހެ އެވެ. އަދި ކުނީގެ ސަބްސިޑީގެ ގޮތުގައި ދައުލަތުން އެ ކުންފުންޏަށް 8 މިލިއަނާއި 10 މިލިއަން ޑޮލަރުގެ ފައިސާ ދައްކަން ޖެހޭއިރު އިންޓަރިމްގެ މުއްދަތުގައި (2012-2014) ދެމެދު އެ ކުންފުންޏަށް ސަރުކާރުން ފަސް މިލިއަން ޑޮލަރު ދޭން ޖެހެ އެވެ. ހިދުމަތް ދޭން ރާވާފައި ވަނީ ކޮންމެ ކަރަންޓް މީޓަރަކުން 70ރ. ނަގައިގެނެވެ.
ތިލަފުށީގައި ކުނިނައްތާލުމުގައި ރައްކާތެރި ނިޒާމެއް ނެތުމުގެ ސަބަބުން މާލޭ ސަރަހައްދުގެ ތިމާވެށީ ތަޣައްޔަރުވުމުގެ މައްސަލަ ވަނީ ކުރިމަތިވެފަ އެވެ. އަދި ރާއްޖޭގެ ކުނި ނައްތާލުމުގެ ރަނގަޅު ނިޒާމެއް މިހާތަނަށް ގާއިމް ކުރަން އެކި ފަހަރު މަސައްކަތް ކުރި ނަމަވެސް އެކަން އަދި ވަނީ ކާމިޔާބުނުވެފަ އެވެ.