ފަންސާސް ރުފިޔާގެ ވަގު ނޫޓަކުން ވަިޔަފާރި ކުރި ބިދޭސީއަކު 5000ރ. އިން ޖޫރިމަނާ ކޮށްފި އެވެ.

އެ މައްސަލައިގައި މިއަދު ކްރިމިނަލް ކޯޓުން ޖޫރިމަނާ ކޮށްފައި ވަނީ ބަންގުލަދޭޝްގެ މީހެއްކަމަށްވާ މުހައްމަދު އަބްދުލް އަވަލް އެވެ.

ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހުގެ ވަގުތެއްގައި ފިހާރައަކަށް ގޮސް ސިނގިރެޓް ފޮށީގެ އަގުދެއްކުމަށް 50ރ. ގެ ވަގުނޫޓެއް އެފިހަރާއަށް ދައްކާފައިވާކަން އޭނާގެ އަމިއްލަ އިއުތިރާފުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

އެހެންކަމުން އޭނާ 5000ރ. އިން ޖޫރިމަނާކޮށް އެފައިސާ އެއްމަސް ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް ދައްކާ ޚަލާސްކުރުމަށް އޭނާއަށް އަންގައި ހުކުމް ކުރީ ކަމަށް އެ ހުކުމްގައި ވެއެވެ.

"ކައުންޓަރު ފީޓް ނޫޓް އަތުގައި ބެހެއްޓުމުގެ ކުށުން ބަންގުލަދޭޝްގެ ރައްޔިތެއްކަމަށްވާ މުހައްމަދު އަބްދުލް އަވަލް ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި، މިއީ މީނާގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވާ ފުރަތަމަ ފަހަރު ކަމަށްވާތީ މިކުށުގެ އުގޫބާތެއްގެ ގޮތުން ގާނޫނުލް އުގޫބާތުގެ 96 ވަނަ މާއްދާގެ ދަށުން ބަންގުލަދޭޝްގެ ރައްޔިތެއްކަމަށްވާ މުހައްމަދު އަބްދުލް އަވަލް 5000ރ. އިން ޖޫރިމަނާކޮށް، މިފައިސާ މިއަދުން ފެށިގެން އެއްމަސް ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް ދެއްކުމަށް މުހައްމަދު އަބްދުލް އަވަލް އަށް އަންގައި މިގޮތުގެމަތިން ހުކުމްކޮށް މިގަޒިއްޔާ ނިންމީމެވެ،" ކްރިމިނަލް ކޯޓުގެ ހުކުމްގައި ވެއެވެ.