08 Aug 2025, 10:06
"އިންސާނުންނަށް ތައުރީފުކުރުމާއި ރުއްސުމާއި ޝުކުރު އަދާކުރުމުގައި ހައްދެއް އޮންނަންވާނެއެވެ. ކިރިޔާ ކަމެއްވިޔަސް ޝުކުރުވެރިވާއިރު ހެއްދެވި ފަރާތުން ދެއްވާފައިވާ ގުނާ އަދަދު ނުކުރެވޭ މިންވަރުގެ ރަހުމަތަށް ތިބާއަށް ޝުކުރުކުރެވޭހެއްޔެވެ؟ ﷲ ތައާލާގެ ރުހިވޮޑިގަތުން ހޯދަން މަސައްކަތްކުރެވޭހެއްޔެވެ؟ ވިސްނާ ފިކުރުކޮށްލުން ރަގަޅު ނުކުތާއެކެވެ."
***
"އަހަރެން ދިފާއުކުރީ އަމިއްލަ ނަފުސް....ވޭނަށް ބިރުގަތުމުގެ އީމާންކަމުގެ ވާޝަންއަކުން އެކަން ދީނީ ނަޒަރަކުން ބަލައިގަންނަ މީހަކަށްވާން ބޭނުންވީ......."ޒޭބާގެ ލޮލުން ދިލަނަގަންފެށިއެވެ. އޭނަގެ ސަބަބުން މަންމައާއި ބޮޑުދައިތައާއި ދޭތެރޭގައި އޮތް ނާޒުކް ގުޅުން އެއްކޮށް ކެނޑިގެންދާން ބޭނުމެއްނުވިއެވެ. އެކަމަކު މިވަގުތު މަންމައާއި ކުރިމަތިލާނެ ހިތްވަރެއްވެސް ނުލިބުނެވެ.
އަޒިއެލް ހިނިތުންވެލިއެވެ.
***
މޭޒުމަތީގައި ސުފުރާ ތައްޔާރުކުރެވިފައިވާއިރު އެންމެންހެން ކެއުމަށް އިންސާފުކުރަން އަންނަން ފެށިއެވެ. އާދައިގެ މަތިން ޔޫސުފް އިނީ މޭޒުގެ އެންމެ ކޮޅުގައި ހުރި ބޮޑު ގޮނޑީގައެވެ. އަޒިއެލް ގޮނޑީގައި އިށީދެ ސަމުސަލެއް ދެ އިނގިލި ދޭތެރޭ ހިފަހައްޓައިގެން އަނބުރަމުން ދިޔައެވެ. އަމްރާން އެންމެނަށް ފެން އަޅާދޭންފެށިއެވެ. ޒޭބާއާއި ކައިލާ އެކީގައި ވަދެގެން އައީ ކޮންމެވެސް ސިއްރު ވާހަކަތަކެއް ދައްކަމުންނެވެ.
"ހުރިހާ ކުދިން ހަމަވީ ދޯ.. ކުރީގެ ގޮތަށް ރިއަލް ހޯމްއެއްގެ ސިފަތައް ފެންނަން ފަށައިފި. މިއީ އުފަލާއި ހަމަޖެހުމަކީ........"ފަރުޒާނާގެ ތުންފަތަށް ގަދަކަމުން ހިނިތުންވުމެއް ވެރިކުރިއެވެ.
އެކަކުވެސް ޖަވާބެއް ނުދިނެވެ.
އަމްރާން އަޒިއެލް އަށް ދިއްކޮށްލި ފަރާޓާއިން އެތިކޮޅެއް ނަގާފައިވެސް އޭނަ ކާކަށް ނޫޅުނެވެ.
"ޒޭބާ ދަރިފުޅާ.މަންމަގެ ހާލު ކިހިނެއްތަ؟" ޔޫސުފް ސުވާލުކޮށްލިއެވެ.
"މަންމަ ރަގަޅު އަންކަލް.....އެކަމަކުވެސް ބުނަނީ މިގޭގެ އެންމެންވެސް ދެން މާ ސޮފްޓްއީ އޭ...މަންމަ އެބުނާ އެއްޗެއްގެ މާނައެއް އަޅުގަނޑަކަށްވެސް އެހާ އޮޅުމެއްނުފިލާ..."
އެންމެންގެ ހުނުމުގައި ބައިވެރިނުވީ ހަމައެކަނި އަޒިއެލްއެވެ. އޭނަ ތަށްޓަށް ބަލަހައްޓައިގެން ހިމޭނުން އިންއިރު އެސިކުނޑީގައިވާ އެއްޗެއް ދެނެވޮޑިގެންވަނީ ހަމައެކަނި ހެއްދެވިފަރާތެވެ.
" ސޮފްޓްނެސް އަކީ ފާފައެއްނޫން.....އަދި މަޑުމައިތިރިކަންވެސް...."ޔޫސުފް ބުނެލިއެވެ.
އަނެއްކާވެސް ހިމޭންކަން ވެރިވިއެވެ.
"އެކަމަކު.....ފަހަރެއްގައި މޮޔަކަމަކީ ފާފައެއް..."އަޒިއެލް ކުއްލިއަކަށް ބުނެލިގޮތުން އެންމެން ސިހިފައި އޭނައަށް ބަލަންފެށިއެވެ.
"އާޒް......"ފަރުޒާނާ އެއްޗެކޭ ބުނަން އުޅުނެވެ.
"ނޫން..އަޅުގަނޑު ހަމަ ވިސްނީ...މިސާލަކަށް މޮޔަކަން މި ފެމިލީ މޭޒުގައި އިށީދެގެން އިނިއްޔާ އެކަމަށް އެންމެން ޓޮލެރޭޓްކުރާނެތަ؟ ނޫނީ ވެއްޓިފައިވާ ސަމުސާއެއްހެން އަދަބުވެރިކަމާއެކު އެއާއި ދުރަށް ދާނީތަ؟"
"އާޒް..ކޮންމެވެސް އެއްޗެއް ކައިބަލަ.."ޢައްމާރު އެދުނެވެ.
"ކާއެއްޗަަކަށް ބޭނުންވެގެނެއްނޫން މިއުޅެނީ..ހަގީގަތް އެނގެން ބޭނުންވަނީ....." އޭނަގެ އަޑު މަޑުވިޔަސް ހޫނުކަން ވިއެވެ. ކޮންމެ ވަގުތަކުވެސް ހުޅުހިފާފާނެއެވެ.
"އެންމެންވެސް ޕްރިޓެންޑްކުރަނީ އަހަރެމެން ނޯމަލްކަމަށް...އެންމެން އެކީ ނަމާދުކުރިޔަސް އެކަކުވެސް އަހަންނަކަށް ޕްރޭ ނުކުރޭ...ކައިލާވެސް ދުރަށް ފޮނުވައިލީ ލައިކް އައިމް ކޮންޓޭޖަސް..މިހާރުވެސް ކައިލާ މިތާ ބަހައްޓައިގެން ހިމާޔަތްދޭގޮތުން ހީވަނީ ކައިލާ ހެއްދެވިފައިވަނީ ބިއްލޫރިންހެން. އެހާ ނާޒުކްހެން......އަދި ބައްޕާ...ބައްޕައަށްވެސް ހީވަނީ ތެރަޕީއަކީ ވީކްނެސްކަމަށް؟ ނޫންތަ؟"
"ވޭނަކީ އުފުލާ އެއްޗެއް، އެންމެނަށް ޑިސްޕްލޭކުރަން ޖެހޭކަމެއްނޫން..."ޔޫސުފް މަޑުމައިތިރިކަމާއެކު ބުނެލިއެވެ.
"އެންމެންވެސް އެހެންވެ މިހެން ކަންތައް ކުރަނީ......."
ފަރުޒާނާގެ ކަރުނުން ފުރުނު ލޯ ފޮހެލިއެވެ.
"މަންމަމެންނަށްވެސް ހަދާނެ ގޮތް ނޭގުނީ...އާޒް...މަންމަމެންވެސް ބިރުގަތީ..."
"މަންމަމެން ސީދަލަށް ބުނެބަލަ އެހެން..ހިމޭންކަމާއި ބިރިޔާނީއާއެކު ހަގީގަތް ނުފޮރުވާ..............."
އެހިސާބަށް ދިޔުމުން ކައިލާއަށްވެސް މަޖުބޫރުވީ ކޮންމެވެސް ގޮތަކަށް އެ ވާހަކައިގާ ބައިވެރިވުމަށެވެ." އައި ވޯޒް ސްކެއާޑް...އޭރު ތިއްތިބެ ނުފެންނަ އެއްޗެއްސާއި ވާހަކަދައްކާ ހަޅޭއްލަވާ...ހަގުރާމައެއްކުރާހެން ހީވޭ..ފެންވެރުން ހުއްޓައިލި....ސަޖިދައިގާ އޮވެ އެހާވަރަށް ރޯނެ..އައި ވޯޒް ޖަސްޓް އެ ކިޑް...ވާނުވާއެއް ވެސް އޭރަކު ނޭގޭ..."
އަޒިއެލްގެ ކޮނޑުން ވާގިވެސް ދޫވިފަދައެވެ. އޭނަގެ ރުޅިގަނޑު މަޑުވެ ރިހުމަކަށް ބަދަލުވިއެވެ."އަހަރެންވެސް ބޭނުމެއްނޫން މޮންސްޓާއަކަށްވާން.."
"ނޫން..މޮންސްޓާއެއްނޫން.ހަމައެކަނި......އަހަރެމެންނަށްވެސް ވިސްނައިގަންނަން ނޭގޭގޮތަށް ބްރޯކެން....އަހަރެމެންނަށް ކިޔަވާނުދެވި އޮތީ އެކަހަލަ ބްރޯކެން ކުދިންދެކެ ލޯބިވާނެގޮތް..."ކައިލާ ބުނެލިއެވެ.
"އަހަރެމެން އަދިވެސް ދަސްކުރަމުން މިދަނީ.."އަމްރާން ބައިވެރިވިއެވެ.
"ބައްޕަ ހީކުރީ އެކަންތަކާ އަޅާނުލާ ނުފެންނަކަމަށްހެދީމާ ގޮސްދާނެކަމަށް...ވިއްސާރަ ތޫފާނެއްފަދައިން..ނޫނީ ވަރުގަދަ ކެއްސުންގަނޑެއްހެން... އަހަރެން ހީކުރީ ވާވަރަށް ދުޢާކޮށްލެވުނީމަ ހަމަ ނޯމަލްކުއްޖަކަށްވެ އަހަރެމެންނަށް އަނބުރާ ލިބޭނެކަމަށް...."ޔޫސުފް ހިތުގައިވާ އެއްޗެއް ބުނެލިއެވެ.
"އަނބުރާ އައިން....އެކަމަކު ތަފާތު..."
"އެ ވާޝަންދެކެ ލޯބިވާން ނޭގުނީ...."
ފަރުޒަނާގެ ލޮލުން ކަރުނަ ތިއްކެއް ވެއްޓުނެވެ. އޭނަ އަތްތިލަ އަޒިއެލްގެ އަތްތިލަމަތީގައި ބޭއްވިއެވެ.
"މަންމަ އަބަދުވެސް ލޯބިވިން...ދަރިފުޅުގެ ހުރިހާ ވާޝަންއެއްދެކެ...އެންމެ ކުޑަވެގެން އެ އަޑުހަރު ބިރުވެރި...އަދި ރީތި ވާޝަންތައް ދެކެވެސް..."
ހިމޭންކަން ފުންވިއެވެ. އެކަމަކު މިފަހަރު ބުނަން ބޭނުންވާ ވަރަށް ގިނަ އެއްޗެހި ކުރުކޮށްނަމަވެސް ބުނެވިއްޖެއެވެ. އަޒިއެލްވެސް ފެންކަޅިވިހެން ހީވިއެވެ.
"ބައިދަވޭ.....ރިހައިގާ ލޮނުރަހަ ގަދަ...."
ފަރުޒާނާ ތުންފުހި އަކުން މަޑުމަޑުން އޭނަގެ އަތުގައި ޖަހައިލުމުން އެންމެން ހީގަތެވެ. ޔޫސުފްވެސް ބައިވެރިވިއެވެ.
އަމްރާން ފުން ނޭވާއެއް ދޫކޮށްލިއެވެ. އެންމެ ފަހުން އެންމެންވެސް ހިތް ހުޅުވައިލަންފެށީއެވެ.
***
މާހިރާ އާފަލުގަހުގެ ހިޔަލުގައި އިށީދެލައިގެން އިނީ ކަޅު އަބާޔާއަކާއި އެކުލައިގެ ހިޖާބެއް އަޅައިގެންނެވެ. އުނގުގައި އަތްތިލަ ބާއްވާލައިގެން ބުދެއްހެން ހަރަކާތެއްނެތިފައި އިންއިރު އެތައްހާސް އެއްޗެއް ހިތަށް އަރާ ފޭބިއެވެ. އެގޮތަށް އެންމެންގެ ކުރިމަތީގައި އަޒިއެލްގެ ވާހަކަދެއްކުނުކަމުގެ މޮޔަހީވިއެވެ. ދުލަކީވެސް ހިތްތައް ޒަޚަމްކޮށްލަން ބާރުގަދަ ހަތިޔާރެކެވެ. އެގޮތަށް އެޅޭ ކޫރުން ދުވަހެއްގެ ކޮޅުން ނުފިލާ ހުރެދާނެއެވެ. ދޫ ހިމޭނުން ބޭއްވުމާއި ރުޅީގެ މައްޗަށް ބުއްދި އިސްކުރަން ދީނުގައި އަންގަވާފައިވެއެވެ.
ފަރުޒާނާ ގެނައި ތަބައް ސަންގުމަރުމަރުހިލައިގެ ވަށް މޭޒުމަތީގައި ބެހެއްޓިއެވެ. އޭނަ ހުރީ ޖިންސަކާއި ޓީޝާޓެއްލައިގެންނެވެ. ދައްތަގެ މިހުންނަ ހުޅަނގުގެ ވައްޓަފާޅި އޭނައަށް އެއްގޮތަކަށްވެސް ކަމަކުނުދެއެވެ. އޭނަ ދެކޭގޮތުގައި ދަރިންގެވެސް އެއްވެސް ދީންވެރިކަމެއް ނުހުންނާނެއެވެ. ގޭތެރެއިން ދީނީ ޝިއާރުތައް ފެންނާން ހުރުމަކީ އަދި އަޅުވެރިވުމެއްނޫނެވެ. އެކަނި ހުކުރުނަމާދަށް މިސްކިތަށް ދިޔަސް އަޅުކަން ފުރިހަމަވީއެއް ނޫނެވެ.
ފަރުޒާނާ ކުރިމަތީގައި ހުރި ގޮނޑީގައި އިށީދެ ސައިތަށްޓެއް ކައިރިކޮށްލަދިނެވެ.
"ހޫނު ސައިން ހިތަށް ހަމަޖެހުން ލިބޭނެ...ހިތް އެފަދަ ކަމަކަށް ބޭނުންނުވިޔަސް......ނުކައި ނުބޮއި ހުރުމަކީވެސް ހައްލެއްނޫން..."
"އެގޮތަށް ހަޅޭއްލެވުނީ ގަސްތުގައެއްނޫން.." މާހިރާ އިނީ އިސްއުފުލައިލަންވެސް އުދަގޫވެފައެވެ.
"އެކަމަކުވެސް ހަޅޭއްލެއްވިއްޖެ....ފަހަރެއްގައި ހިތުގައިވާ އެއްޗެއް ބޭރުކޮށްލުމަކީ ހަމަ އެންމެ ރަގަޅުގޮތް...."
ފުން ހިމޭންކަމުގެ ތެރެއިން އިވެނީ ވަޔާއެކު ގަސްތަކުގެ ފަތްތައް ހެލިލާ ނާނާގެ އަޑެވެ. ދޫނިތައް ލަވަކިޔާ އަޑެވެ.
"އަހަރެން.....ކަންބޮޑުވީ ދަރިފުޅާއިމެދު...މި ދުނިޔެ....އިއްޒަތާއި އަބުރު. ނަފްސާނީ ބަލިތަކުން މީހުން އެއްޗެހި ކިޔާވަރުން ލަދުވެސް ގަނޭ...އެނގެއެއްނު އެންމެންގެ ވައްތަރު....ދައްތަވެސް ދުރަށް އައީ އަޒިއެލް ލޭބަލްކޮށްފާނެތީ...ނަފްސާނީ ކުއްޖެއްގެ ގޮތުގައި އަޑު އަރަން ބޭނުންނުވާތީ..."
"އެކަހަލަ ކަންތައްތަކާއި ލަދުގަންނާންވީ ކީއްވެ؟ ﷲ ތައާލާ ބަލިޖެއްސެވީ. މަލާމާތް ކުރާ މީހުންނަށް މަލާމާތް ރައްދުވެ އެމީހުންގެ ދަރިއަށް އެއަށްވުރެ ބޮޑު ބަލިމަޑުކަމެއް ދިމާވާން ހަމަ ކުޅަދުންވަންތަ...."
މާހިރާގެ ލޯ ހަނިވިއެވެ.
"އަޒިއެލް ނަފްސާނީ މައްސަލައެއްހުއްޓަސް ސާފުތާހިރުކޮށް އުޅެނީ..ހަމަ އެކަނި މައްސަލައަކީ ތަފާތުކަން...އަމިއްލައަށް އޭނަ އިޚުތިޔާރުކުރިގޮތެއްވެސް ނޫން...އެކަމަކު ކޮންމެ ދުވަހަކުވެސް އެކުއްޖާ ހަމަ އެހެން މީހުންނަށް އޯގާތެރިކަން ބަހައްޓަން މަސައްކަތްކުރޭ..ތެދުވެރިކަންމަތީގައި. އަދި ދިރިހުންނަންވެސް. އަޅުކަންކުރަންވެސް އެވަރަށް ވަރުހުރޭ. ގަވާއިދުން ނަމާދުކުރާނެ........." ފަރުޒާނާގެ އަޑުގައި އޯގާތެރިކަންވިއެވެ.
"އެކަމަކު ޒޭބާއަށް އަނިޔާކޮށްފިއްޔާ؟"
"ޒޭބާ އާޒްއަށް ހާޓްކޮށްފިއްޔާ؟ ބިރަކީވެސް ހަމަ ދެފަރާތަށްވެސް އޮތްކަމެއް....ބިރާއި ނުރައްކަލާއި ހުރިހާ އިހުސާސްތައްވެސް ކޮންމެ މީހަކަށްވެސް ހުށަހެޅިދާނެ..އަހަރެން އަބަދުވެސް ﷲއަށް ދުޢާކުރީ އާޒް އެކަމުން ސަލާމަތްވާން. ނަމަވެސް މިހާރު ދުޢާކުރަނީ އޭނަގެ ހުރި އުނިކަންތައްތަކާއިއެކީގައިވެސް ރަގަޅުގޮތުގައި އެކުއްޖާދެކެ ލޯބިވެވޭނެގޮތް މެދުވެރިކުރެއްވުމަށް...އެކި މީހުންނާއި އެކި އިމްތިހާން ކުރިމަތިވާނީ...ލޯބިވާ އެއްޗަކުން ބޮޑަށް އިމްތިހާނުކުރެވޭނެކަމަށް އޮންނަނީ ދޯ...އެހެންވެ ހަމަ ކެތްކުރަނީ...މިފަދަ ކުއްޖަކު ބަލާބޮޑުކުރުމަކީ ހަމަ ވަރަށް ހިތްވަރާއެކު ކުރެވޭނެކަމެއް. ކެތްތެރިކަން ކޮޅުންލައިގެން ދާ ފަހަރުވެސް އާދޭ....ނަމަވެސް ދަރިންނަކީ ﷲ ދެއްވި ނިއުމަތެއް. ހައްގު އަދާކުރަން ޖެހޭނެ. ލޯތްބާއެކީ ބަލާބޮޑުކުރަންޖެހޭނެ. ޚާއްސަކޮށް މިފަދަ ކުދިން.."
"އަސްލުވެސް ދައްތަ ވަރަށް ކުޅަދާނަ.."
"އަހަރެންވެސް ވަރުބަލިވެއްޖެ. އެ ވަރުބަލިކަން ކެތްތެރިކަންވެސް ދަސްކޮށްދީފި.."
"މާހިރާ އިނީ މާފަށް އެދެން ބޭނުންވެފައެވެ. އެވާހަކަ ބުނަންވީ ކޮން ދުލަކުންހެއްޔެވެ؟
***
ޒޭބާއަށް ފުރުސަތު ލިބުނީ މަންމައާއި ބޮޑުދައިތަ ބާޒާރުކޮށްލަން ނުކުތުމުންނެވެ. އޭނަގޮސް އަޒިއެލްގެ ކޮޓަރީގެ ދޮރުގައި މަޑުމަޑުން ޓަކިޖެހިއެވެ. ޖަވާބެއް ނުލިބުމުން އޭނަ ދޮރު ހުޅުވާލިއެވެ. ކޮޓަރިތެރެއަށް ފަނޑު އަލިކަމެއް ދީފައިވާއިރު އެތަންމިތަނަށް ކަރުދާސްތައް އުކާލެވިފައިވީ ޚަރީފުގެ ފަތްތައް ހެންނެވެ. އެނދުމަތީގައި މުސްހަފް ހުޅުވާލާފައި އޮތެވެ. އަޒިއެލް ތަޅުންމަތީގައި އިށީދެލައިގެން ބޯ ދެފަރާތަށް ހަލުވަމުން ތުންތަޅުވަމުން ދިޔައެވެ. ޒޭބާއަށް ކޮންމެވެސް ވަރަކަށް ކިޔާ އެއްޗެއް ސާފުވިއެވެ.
"ދުޢާގެ ހަކަތައިގާވެސް ފްރިކުއެންސީއެއްވޭ. ﷲތައާލާއަށް އެއިން ކޮންމެ ވައިބްރޭޝަނެއްގެ އަޑު އިވިވޮޑިގަންނަވާ...ލެންގުއޭޖަކީ މަށި.......ޓައިމްއަކީ ހަގީގީ އެއްޗެއްނޫން..." އަޒިއެލްގެ ލޯ އޭނައަށް ހުއްޓުނުއިރު ބިއްލޫރިކޮޅެއްފަދައެވެ. ސިންގާއެއްގެ ބެލުމުގައި ހުންނަފަދަ ނުރައްކާތެރިގޮތެކެވެ. އެލޮލުގެ ވިދުންގަދަކަމުން އަލި ނިކުންނަހެން ހީވިއެވެ.
"އަޒިއެލް...މިއީ ޒޭބާއޭ..."
އަޒިއެލްއަށް އަޑުއިވުނުހެން ހިޔެއްނުވެއެވެ. އޭނަ ހުރީ އެ ތޫފާންގެ އެންމެ އެތެރެއަށް ވަދެފައެވެ. ކުއްލިއަކަށް ތެދުވެ އެކި ދިމަދިމާލަށް ހިނގަންފެށިއެވެ.
"އެމީހުން އެބަބަލާ......އާޔަތްތައްވެސް....ކޮންމެ ސޫރަތެއްގައިވެސް ކޯޑެއް ވޭ....ޝަމްސު ސޫރަތުގެ އާޔަތް ރަގަޅަށް ވިސްނާފައި ކިޔެވިންތަ؟ އެ ހަމަ އަންދާލާނެ..."
"އަޒިއެލް....ޔޫ އާ ނޮޓް އޯކޭ..އިށީދެބަލަ..ޕްލީޒް..އޭރުން ހަމަޖެހިދާނެ..."
އެކަމަކުވެސް އަޒިއެލް އޭނައާއިއެކުގައި ވީހެނެއް ހިޔެއްނުވެއެވެ. އޭނަ ފަހަތަށް ޖެހިލީ ބިރުން ހިތަށް ފިނިވެފައިވާ ހާލުގައެވެ. ކޮންމެހެން އަޒިއެލް އިންޒާރެއް ދީގެންނޫނެވެ. ނަމަވެސް އޭނައަށްވެސް އެފަދަ މީހެއްގެ އެތެރޭގައިވާ ވޭން ރަގަޅަށް އޮޅުން ނުފިލާކަމުގެ އިހުސާސްކުރެވުމުންނެވެ. ސިކުންތުކޮޅެއްގެ ތެރޭގައި އަމްރާންއައެވެ.
"އަހަރެން މިއައީ..އިޓްސް އޯކޭ ޒޭބާ..އަވަހަށް ދޭ.."
އޭނަ ދޮރުން ބޭރަށް ދެމިގަތްއިރު ބިންމަތީގައި ރަގަޅަށް ފައި ހަރުނުލައެވެ.
***
މުޅިން ކަޅުކުލައިގެ ހެދުމުގައި ހުރިއިރު ޒޭބާގެ މޫނު ވިދައެވެ. ދިގުރެއަކަށްފަހު އޭނަގެ ލޯ ކޮންމެވެސް ވަރަކަށް ދުޅަވެފައިވިޔަސް އެ ދެލިކުލައިގެ ލޯ އުޖާލާވެފައި ތޫނުކަމެއް ހުއްޓެވެ. އޭނަގެ އެއްކޮނޑުގައި ދަބަހެއް އަޅުވާލާފައިވިއެވެ. އޭނަ ކުރު ޗުއްޓީއަކަށްފަހު ފުރަންދަނީއެވެ. ފަތްތަރުގެ އެންމެ ތިރީގައި ސިޑިއަށް ލެނގިލައިގެން ހުރިއިރު އަޒިއެލް ހުރީ ހަމަޖެހިފައެވެ. ހިމޭނުންނެވެ. ކޮންމެވެސް ވަރަަކަށް ލަދުގެންފައިހެންވެސް ހީވިއެވެ.
"އައިމް ސޮރީ....." އަޒިއެލް މާފަށް އެދުނެވެ.
"ޑޯންޓް ބީ...އަހަންނަށް ފެންނަން ޖެހޭ ކަންތައް ފެނިއްޖެ.."
"ދެން؟"
"އަޒިއެލްއަކީ ނުރައްކާތެރި މީހެއްނޫން...ހަމަ....އެއްފަހަރާ މާ ގިނަ ގެލެކްސީތައް އުފުލާލައިގެން ތިއުޅެނީ.." އޭނަ ބުނެލިއެވެ. އަޒިއެލް ހީލިހެން ހީވިއެވެ.
"ޅެމަކާއި ވައްތަރީ.."
"ހީވާގޮތުން އަޒިއެލްގެ ނޯޓްފޮތުން އެ ނެގުނީ..."
ދެމީހުންނަށްވެސް ހިތާމަވެރި ކުޑަ ހުނުމެއް ހިއްސާކޮށްލެވުނެވެ.
"އަހަރެން އެކަމަކުވެސް ދަނީ....އަހަރެން އަޒިއެލްއަށް ދުޢާކުރާނަން. އަދި އަމިއްލަ ނަފުސަށްވެސް... މީހުންދެކެ ބިރުގަތުމުގެ ކުރިން އެމީހުން ގެ އިހުސާސްތައް ދެނެގަންނަން ދަސްކުރުމަށް...."
"ތީ ހަމަ ބާރުގަދަ ދުޢާއެއް..."
"އަޒިއެލްވެސް.....މޮޔަކޮށް ކަމަށް އަދި އެހެން ބަޔަކު ހީކުރިޔަސް ދޯ..." އޭނަ ޖެހިލުންވިއެވެ. އެކަމަކު އަތުތެރޭގައި އޮތް ކުޑަ ޖޭސްމިން މަލެއް އަޒިއެލް ގެ ގާތުގައި ފަތްތަރުމަތީގައި ބޭއްވިއެވެ. ހަދިޔާއެއްފަދައިންނެވެ. ހަގުރާމަ ހުއްޓާލުމުގެ ރަމްޒެއްފަދައިންނެވެ. އެއަށްފަހު އޭނަ ދާން ހިނގައިގަތީ ފަސް އެނބުރި ބަލައިލުމެއްނެތިއެވެ.
***
ދަންވަރު ހަތަރެއްޖެހިއިރު ދުނިޔެވެސް ނިދާފައިވާފަދައެވެ. ގޭގެ އަހުލުވެރިންވެސް ވީ ފުން ނިންޖެއްގައެވެ. އެހާވެސް ހިމޭނެވެ. ހޭލާ ހުރީ ހަމައެކަނި އަޒިއެލްއެވެ. ކުޑަ ބައްތީގެ އަލީގައި އޭނަގެ މޫނު ވިދައެވެ. އޭނައައީ ވުޟޫކޮށްލައިގެންނެވެ. އޭނަގެ ނިތްކުރި މުސައްލަމަތީގައި ޖައްސައިލިއެވެ.
"ޔާ ﷲ
އިވެން ވެން އައިމް އިންކޮހިރެންޓް ޔޫ އާ ކްލިއަ
އިވެން ވެން އައިމް ބްރޭކް ޔޫ އާ ހޯލް...
ލެޓް މީ ފައިންޑް ސައިލެންސް ވިތްއައުޓް ލޫޒިން މައިސެލްފް.
ލެޓް މީ ސްޕީކް، ވިތްއައުޓް ނީޑިން ޓު މޭކް ސެންސް ޓު އެނީވަން ބަޓް ޔޫ"
އޭނަ ތެދުވެ އިށީންއިރު ލޮލުގައި ތެތްކަންވިއެވެ. އޭރު ސިކުނޑީގައި އެއްވެސް މާޔޫސްކަމެއް ހަލަބޮލިކަމެއްނެތެވެ. އޮމާން ކަނޑެއްފަދައެވެ. އެއްވެސް ޚިޔާލެއް ނެތެވެ. ހިމޭންކަމާއި އަމާންކަމެވެ. އަބަދުވެސް އޭނައާއި އެކު ވޮޑިގެންވާ ފަރާތް ވާކަމުގެ އިހުސާސްއެވެ.
"ޔޫ ސީ މީ.އީވެން ވެން އައި ޑިސަޕިއާ"
ޒޭބާ ހަދިޔާކުރި ޖޭސްމިން މާ މުސްހަފް ކައިރީގައި އޮތެވެ. އަދި އެއްވެސް ވަރަކަށް މޯޅިކަމެއްނެތި ތާޒާކޮށެވެ.
ނުނިމޭ