"ދިރިއުޅުން ބާއްޖަވެރިކުރަން ބޭނުމިއްޔާ މަންމައަށް އިހުތިރާމްކޮށް އަޅާލުމާއި ލޯބި ދޭށެވެ."

***

ޒުބޭރު އާއްމުކޮށް ގެއަށް ވަންނާނީ ދަންވާފަހުންނެވެ. ކޯޓު ކޭސްތައް ނިމެނީ ލަހުންކަމަށް ވެދާނެއެވެ. ވަރުބަލިވިޔަސް ދުނިޔޭގައި ހުރި އެންމެ ހަމަޖެހޭ މީހާހެން މޫނުމަތިން ހީވާނެއެވެ. ސަލާމް ގޮވާލުމަށްފަހު ނިދާހެދުން ލައިގެން ތަޅުންމަތީގައި އޮންނަ ތުނި ގޮދަޑި މައްޗަށް ވެއްޓިގަންނާނީ އަތުގައި ހުންނަ ނޯޓްސްތަކާއި އެކީގައެވެ.

މިރިއަމް ހޭލާ އޮތަސް އޭނަ އޮންނާނީ ނިދާކަމަށް ހެދިގެންނެވެ.

އޭނަގެ ލޯ ބަރުވަމުން ދަނިކޮށް ކޮޓަރީގެ ބޭރުން ފިޔަވަޅުތަކެއްގެ އަޑު އިވުމުން މަންމަ ހޭލީކަން ޔަގީންވިއެވެ. އޭނަ އަވަސްއަވަހަށް ރަޖާ މޫނުމަތިން ނަގާފައި ތެދުވުނެވެ. ދޮރު ހުޅުވާލާފައި ބޭރަށް ދާން ހިނގައިގަތްއިރު ހޯލުގައި ހުރި ބޮޑު ލޯގަނޑެއްގެ ކައިރީގައި އޭނަގެ މަންމަ ހުއްޓިލައިގެން ހުރިތަން ފެނުނެވެ. ސްކާފްގެ ބަދަލުގައި ރަޖާގަނޑުން ބުރުގާ އަޅާލައިގެންނެވެ. އަތް ވައިގެ ތެރެއަށް ހިއްލާލައިގެން ހުރިގޮތުން މީހަކަށް އެއްޗެއް ދޭން އުޅޭފަދައެވެ.

"މަންމާ..."

މަންމަގެ ފަރާތުން ޖަވާބެއް ނުލިބުނެވެ.

"ކައިރިއަކަށްވެސް ނާދޭ...ހަމަ ބަލަހައްޓައިގެން ހުންނަނީ..." ޖަމީލާ ބުނެލިއެވެ."މިރިއަމްއާއި ވައްތަރު އެކަމަކު މާ ޅަ..."

"އެތާގައި އެއްވެސް މީހަކު ނެތް.ކުރިންފަހަރުވެސް މަންމަ ގާތުގައި ބުނީމެއްނު ލޯގަނޑުން ފެންނާނީ މަންމަގެ ސޫރައޭ...ލޯގަނޑުން ބަލައިލީމަ ފެންނާނީ އެމީހެއްގެ ސޫރަ...."

ޖަމީލާ ލޯގަނޑަށް ބަލަހައްޓައިގެން ހުރެ އެސްފިޔަ ޖަހައިލިއެވެ. ލޮލުން ފެނުނީ ހައިރާންކަމާއި އޮޅުމެވެ.

"އޯ..."ޖަމީލާ ފަހަތަށް ފިޔަވަޅެއް އެޅިއެވެ."އޭނަ އަހަރެން ކުރާ ކޮންމެ ކަމެއް ކޮޕީއެބަކުރެއެއްނު..މަލާމާތް ކުރަނީކަމަށް ހީކުރީ.."

"ނޫން މަންމާ އެކަހަލަ ކަމެއްނޫން. އެއީ މަންމަ.."

"ނޫން މިރިއަމް އެއީ މަންމައެއްނޫން. އެހެން މީހެއް. ވާހަކަ ނުދައްކާ ހުންނަ ސަބަބެއްވެސް ނޭގޭ...ޖަވާބެއްވެސް ނުދޭ..."ޖަމީލާ ލޯގަނޑަށް އިޝާރާތްކުރިއެވެ.

"އެތާ އެކަކުވެސް ނެތް..."އޭނަގެ ކެތްތެރިކަން ކޮޅުން ލައިގެން ދިޔުމާއެކު މަންމަގެ އަތުގައި ހިފަހައްޓައިލިއެވެ." ހިނގާ ނިދަން އެނދަށް. ވަރަށް ދަންވެއްޖެ. ރޭގަނޑު ނުނިދާ ހުރީމަ ހައްތާ ބޮޑަށް މަންމަގެ ހާލު ގޯސްވާނީ.."

އޭޭނަ ނިދިއައިސްގެން ކޮޅަށް ހުރުންވެސް ދަތިވިއެވެ. ސަޔާރާއާއި ޒުބޭރުގެ ސަބަބުން މިރޭ ނުނިދާ ގިނައިރުވެއްޖެއެވެ. އެދެމީހުން ދުރުގައި ތިބެގެންވެސް އޭނަގެ ސިކުނޑި ހިސާރުކުރީއެވެ.

މަންމަ ދެކޮޅުހެދުމެއްނެތި އޭނައާއެކު ދިޔައެވެ. ޔަގީންކަމެއްނެތް ކުދި ފިޔަވަޅުތައް އަޅަމުން ދިޔައީ ފަހަތަށް ބަލަމުންނެވެ. ލޯގަނޑުގައި ހުރި ބީރައްޓެހި އަންހެންކުއްޖާ ފަހަތުން އަތުވެދާނެތީ ބިރުން ހުރިފަދައިންނެވެ. ނިދާކޮޓަރިއަށް ވަދެފައި ލޯގަނޑު ފަހަނަޅާ ދިޔައިރު ޖަމީލާގެ މޫނަށް ވެރިވި ބިރުވެރިކަމާއި ގަނޑުވިގޮތް މިރިއަމްއަކަށް ރޭކާނުލިއެވެ.އޭނަ މަންމަގެ ގައިމަތީގައި ރަޖާގަނޑު އަޅާލަދިނުމުން މަންމަ ފުން ނަޒަރަކުން ބަލައިލިއެވެ.

"މިރިއަމް އެކުއްޖާ ގެއަށް ވަނަނުދޭތި...ލޯގަނޑުގައި ހުރި ކުއްޖާ..އެއީ މިތާ މީހެއްނޫން......"

"ޢޯކޭ މަންމާ.."'

އޭނަ ސްވިޗް އޮފްކޮށްލާފައި ކޮޓަރިއަށް ވަދެ އެނދުގައި ޖައްސާލުމަށްފަހު ނިދުމުގެ ކުރިން ކިޔާ ދުޢާތައް ކިޔަންފެށިތަނާހެން އޭނަގެ ރޫހު އެހެން އާލަމަކަށް ދަތުރުކޮށްފިއެވެ. ތަފާތު ރީތި ހުވަފެނުގެ ތެރެއަށް ގެނބުނަސް އޭނަގެ މަންމަ ހޭލާއޮތީ ބިރުވެރިކަމުން ފުރިފައިވާ ލޮލުން ވަށައިގެން ހޯދަމުންނެވެ. އިރުއަރަންދެންވެސް އެލޮލުގައި ނިދީގެ އަސަރެއްނެތެވެ.

***

މިރިއަމްއަށް ހޭލެވުނުއިރުވެސް ޒުބޭރު ފެންނާކަށް ނެތެވެ. ރޭ ކޮޓަރިއަށްވަން ކަމުގެ ނިޝާނެއްނެތެވެ. އޭނަ ބޭރަށް ނިކުތްއިރު ޒުބޭރު ކައުންޓަރ ކައިރީގައި އަނެއް ފަރާތަށް އެނބުރިގެން ހުރެ ސައިތަށްޓެއް ގިރަނީއެވެ. މަޑުނޫކުލައިގެ ގަމީހަކާއި ތަންކޮޅެއް އަނދިރިކުލައެއްގެ ފަޓުލޫނަކާއެކު ހުރިއިރު ގަމީހުގެ އަތުކުރި ވަނީ އޮޅާލާފައެވެ.

"ދާން ތިއުޅެނީ....."އޭނަ ދޮރުކައިރީގައި މަޑުކޮށްލަމުން ކުރީ ސުވާލެއް ނޫނެވެ.

"އާނ...ތަންކޮޅެއް އަވަހަށް އޮތް ކޭހަކަށް ދާންވެގެން.."ޒުބޭރު އެނބުރުނީ ހައިރާންވެފައެވެ.

"ރޭގައި އެއްވެސް އެއްޗެކޭ ނުބުނަމެއްނު.."

"ގެއަށް އައިއިރު މިރިއަމް އޮތީ ނިދާފައި....... "

އޭނަ އެތެރެއަށް ވަދެ މޭޒުކައިރީ ހުއްޓިލުމުން ޒުބޭރު ދިއްކޮށްލީ ލުނބޯފަނި ތަށްޓަކާއި ބިސްގަނޑެކެވެ. ފަތާއި މިރުސްފަދަ އެއްޗެހި އަޅާފައި ހުރުމާއެކު ދުވާ މީރުވަހުން ބަނޑުފުރިގެން އަރާހާވެއެވެ."މަންމައަށްވެސް އެ ތަށީގައި ބިސްގަނޑެއް އޮންނާނެ...މަންމައަށް ފަތް އެޅީމަ ވަރަށް މީރުކަމަށް ބުނީމަ ފަތުން ބިސްގަނޑެއް އެޅީ....."

"ހޫމް...މާ ބިޒީވެގެން އުޅޭ ދުވަސްކޮޅެއްދޯ..."އޭނަ އެތިފޮދެއް ބޯލުމާއެކު ހުތްކަމުން މޫނު ހަދައިލެވުނެވެ.

"މިއީ ކޯޓުގެ ސީޒަން..މި ދުވަސްކޮޅު މަސައްކަތްތައް ފުނިޖެހިފައި ހުންނާނެ.."ޒުބޭރުއަށް މިރިއަމްގެ އަޑުގައި ވި ތަފާތު ދެނެގަނެވުނެވެ.

"އައި ސީ......"

ޒުބޭރު މޭޒުމަތީގައި އޮތް ގަޑި ނަގާ އަތުކުރީގައި އަޅައިލިއެވެ.

"އިއްޔެ ޒުބޭރު ކައިރި ރަށަކަށް ދިޔަވާހަކަވެސް ނުބުނޭ..... ފެރީގައި...."އޭނަ ޒުބޭރުއާއި ދިމާލަށް ބަލާ ނުލައެވެ.

"އޯ....އެވާހަކަ ދޯ. ކުއްލި ދަތުރެއް އަޅައިލަން ޖެހުނީ.."

އޭނަ ލަސްލަހުން ބޯ ޖަހައިލިއިރު މޫނުމަތިން ވަކި ޝުއޫރުތަކެއް ފައުޅެއްނުވިއެވެ. ޒުބޭރު ފަރުވާތެރިކަމާއެކު އޭނަގެ މޫނަށް ބަލައިލިޔަސް އެލޮލުން އެއްވެސް ކަހަލަ ކަމެއް ދެނެގަނެވޭނެގޮތެއް ނުވިއެވެ.

"އައިމް ސޮރީ ނުބުނެވުނީތީ..."ޒުބޭރު އިތުރުކޮށްލިއެވެ."އަހަރެން ނުދެނެހުރިން މިރިއަމްއަށް އެނގެން މުހިއްމުވާނެކަމަށް.."

"އޮފްކޯޒް. މުހިއްމު ވެގެނެއްނޫން.. އެކަމަކުވެސް އެއްގެއެއްގައި މިއުޅެނީ... ގެއަށް ނުވަދެ އުޅެނީ ކޮންތާކުކަން އެހުމުގެ ހައްގު އޮންނާނެދޯ..އެވަރު އެއްޗެއް ބުނެލިޔަސް ސިއްރުތައް ކިޔައިދެވެނީކަމަށް ނުވާނެ.."

"ކަމެއްވީތަ އަނެއްކާ؟"ޒުބޭރުއަށް އެރާގު ހުރިގޮތުން އެއްޗެއް ދޭހަވިއެވެ. އޭނަވެސް ކިތަންމެ ވާހަކައެއް ބުނަން ބޭނުންވިއެވެ. ނަމަވެސް އެދެމީހުންގެ ދޭތެރޭ އަބަދުވެސް އޮންނަނީ ވަރަށް އުދަގޫދެނިވި ގުޅުމެކެވެ. ކުޑައިރުއްސުރެ އޭނަގެ މިޒާޖު ބަލައިގަންނަން ފަސޭހަނުވަނީކަން ނޭގެއެވެ.

"މިރިއަމް. މީހަކު އެއްޗެކޭ ބުނީތަ؟" ޒުބޭރުގެ ލޮލާއި އަޑަށްވެސް އޯގާތެރިކަމެއްވަނެވެ.

"ނޫން....."

"ޔަގީންތަ؟" ޒުބޭރު ޝައްކެއްގެ މަތީގައި ހުރެ އެހިއެވެ.

"އަހަރެން ބުނެފީމެއްނު ނޫނެކޭ..."އޭނަގެ އަޑު ހަރުވިއެވެ. އޭނައަށް ބުނެވުނުލެއް ހަރުކަށިކަމާއެކު ޒުބޭރުގެ މޮޅިވެރިކަމުން ކުށްވެރި އިހުސާސެއްކުރެވި ތިރިއަށް ބަލަންފެށިއެވެ.

"އަހަންނަށް ރޭގައި ރަގަޅަށް ނުނިދުނު.."އޭނަ އަޑު މަޑުކޮށްލިއެވެ."މަންމަ......ރޭގައި ހޭލާ އުޅުނީ.."

"މަންމަ ރަގަޅުތަ؟"

"މަންމައަށް ރޭގައި ލޯގަނޑުގެ ތެރެއިން މީހަކު ފެނުނީ......"

"މަންމަ ހެލުސިނޭޓިން ދޯ..ނޫނީ ދެން މަންމައަށް އަމިއްލަ ސޫރަ ވަކިކުރަން ނޭގުނީ؟" ޒުބޭރުގެ މޫނުމަތިން ނުތަނަވަސްކަން ފެނުނެވެ.

"އަހަންނަކަށް ނޭގޭ. މަންމަ މާބޮޑަށް ވަރުބަލިވީކަމަށްވާނީ..."

"އަހަރެން ނުކުތުމުގެ ކުރިން މަންމައާއި ވާހަކަދައްކާލާނަން.."

"ނޫން. މަންމަ އަރާމުކުރަން ބާއްވާ.."އޭނަ ބުނެލިއެވެ.

"އަހަރެން އިރުއޮއްސުމުގެ ކުރިން ގެއަށް އަންނާނަން އިންޝާﷲ.." ޒުބޭރު އަނެއްކާ ގަޑިއަށް ބަލައިލިއެވެ. އަދި ބްރީފްކޭސްނެގިއެވެ. މިރިއަމް ގޮނޑީގައި އިށީދެ ބިސްގަނޑުން އެތިކޮޅެއް އަނގަޔަށް ލިއެވެ. އޭނަ ޝުކުރުވެރިވީ ހިތުންނެވެ. ދުލުން އެހެން ބުނަން ފަސޭހައެއްނުވިއެވެ. އެވަރަށް އިންސާނުންނަށް ތައުރީފުކުރަންވެއްޖެއްޔާ ބޮޑާވެދާނެއެވެ. ކޮށްދޭ ކޮންމެ ކަމަކަށް ޝުުކުރުވެރި ނުވިޔަސް އެންމެ ރަގަޅުކަމަށް އޭނަވަނީ ނިންމާފައެވެ.""މިރިއަމް..އަހަންނަށް އެނގޭ ދެމީހުންނަށްވެސް މިއީ....އުދަގޫކަމެއްކަން. މިހެން އެއްކޮށް އުޅުން.. އަހަރެމެން..."

އޭނަ ޖަވާބެއް ނުދިނެވެ.

"އަހަރެން ބޭނުންވަނީ މިރިއަމްއަށް އެނގެން..އައިމް ޓްރައިން. އަހަންނަށް ނުބުނަންޏާ ނޭގޭނެ މިިރިއަމް ބޭނުންވާގޮތެއް އެކަމަކު އައިމް ހިއަ..."

އޭނައަށް އިރުކޮޅަކަށް ޒުބޭރުގެ މޫނަށް ބަލަހައްޓައިގެން ހުރެވުނެވެ. އެވަގުތު މިރިއަމްއަށް ނޭގުނީ އެ ޖުމްލަތަކުން އޭނައަށް އުދަގޫ ވީ ކިއްވެކަމެވެ. އެއީ ޒުބޭރު މާނަކޮށްފައި ބުނި އެއްޗެއް ކަން ނޭގުން ނޫނީ އޭނައަށް އެކަން އިހުސާސްނުވުމުން ކަމެވެ.

ކުއްލިއަކަށް ކަމެއް ހަނދާންވިގޮތަކަށް އޭނައަށް ނިތުގައި އަތް ޖައްސައިލެވުނެވެ."އެހެންވިއްޔާ....އަހަންނަށް ކަމެއް ބަލައިލެވިދާނެތަ؟"

"ޔަގީން އަވަހަށް ބުނޭ."ޒުބޭރު ބޫޓުގެ ނާޑުވާ އައްސަމުން ކުޑަކޮށް އިސްއުފުލައިލިއެވެ.

"އެއީ އުމައިރު އަހުމަދުއާއި ބެހޭގޮތުން.."

"އޯ...އެއީ މިރިއަމްގެ ބައްޕަ...ނޫންތަ؟"

"އާނ..އަހަރެން ހިތަށް އެރީ ބައްޕަގެ މަރުގެ ސެޓްފިކެޓް ގެ ކޮޕީއެއް ހޯދާދެވިދާނެއޭ؟ ހަމަ ބާއްވަން. އަހަރެންގެ އަތުގައި ނެތީމަ...."

"އެ ހޯދަން ބޭނުންވާ ސަބަބެއް އެބައޮތްތަ؟"

"އަހަރެން ބޭނުމެއް ނޫން އެއްވެސް ކަމެއް ފުރިހަމަނުކޮށް ބާއްވަން......ބައްޕަގެ ނަމުގައި ބިމެއް އޮންނަހެން ހީވޭ..އަދި މަންމަ މިހާރު ކަންތައްތައް ހަނދާންނެތި...ބައެއްފަހަރު..އެހެންވީމަ ހުރިހާކަމެއް ރަގަޅަށް ރިކޯޑްވެފައި ހުންނަން ޖެހޭނީ..." އޭނައަށް އެވާހަކަ ބުނަން އުދަގޫވިއެވެ.

"އެންމެ ރަގަޅު. އަހަރެން އެ ސެޓްފިކެޓް ހޯދަން ކަމާއި ބެހޭފަރާތަށް ހުށަހަޅާނަން...."ޒުބޭރުއަށް މިރިއަމްގެ މޫނަށް ބަލައިލެވުނެވެ.

***

މަންމައަށް ސަޔާއިއެކު ބޭސްކާންދިނުމުން ޟުހާ ނަމާދުކޮށްލައިގެން ގުރުއާން ކިޔަވަން އިރުކޮޅަކަށް އިނީ ފެންޑާގެ ހުސްތަންކޮޅުގައި ހުރި ގޮދަޑިޖެހި ގޮނޑިއެއްގައެވެ. މަންމައަށް ޚާއްސަކޮށް އޭނަ ގަނެގެން ގެނައި ގޮނޑި ވީ މަންމަ އިންތިހާއަށް ގަޔާވި އެއްޗެއްކަމުގައެވެ. ޚިޔާލުތަކަށް ގެއްލެންވެސް މަންމަގެ ޚާއްސަ މަކާނެވެ. ގުރުއާން ކިޔަވަން ޒިކުރުކުރަން ކުރީކޮޅު އިންނަން ފެށިގޮތަށް މިހާރު މަންމައަށް ކެވެނީވެސް އެތަނުގައި އިނދެއެވެ. ދޮރާށި ރަގަޅަށް ތަންޑު އެޅުވުމަށްފަހު މިރިއަމް އުޅުނީ ކުދި ކަންތައްތަކާއި މަޝްޣޫލުވެގެންނެވެ. އޮފްއަރާވާތަށް ތަންތަން ފޮހެ ފްރިޖް ތަރުތީބުކޮށްލާފައި ތުވާލިތައް ފައްޖެހިއެވެ. ދޭތެރެއަކުން މަންމަގެ ހަރަކާތްތަކަށް ބަލައިލެވެއެވެ. މަންމަ ރީތިކޮށް އެހެން އިނަސް އޭނަގެ ހިތުގައި އެއްޗެއް އަޅުވާ ދަމާހެން ހީވިއެވެ. ނުފެންނަ އެއްޗެއް ނޫނީ ކަމެއް ފައުޅުވާން އުޅޭހެންނެވެ.

ބަންގި ނުދެނީސް މަންމަ މެންދުރު ނަމާދުކުރަން ފެށިއެވެ. މަންމައަށް ކޮންމެވެސް ދިމާލަކުން ބަންގީގެ އަޑު އިވުނީއެވެ. ފާރާއި ވާހަކަދެއްކިޔަސް ބައެއްފަހަރު މަންމައަށް ބުނެދިނުމެކޭ އެއްގޮތްވާނެއެވެ. އޭނައަށް ވިސްނެއެވެ. ޑިމެންޝިއާއަކީ އަނިޔާވެރި ހާލަތެކެވެ.

ސޯފާއަށް ވެއްޓިގަތް ގޮތަށް ކިއްލި ޕެކެޓެއް ކަނޑާލައިގެން ކާންފެށިއެވެ. މިފަހަކަށް އައިސް އޭނަ އެކަހަލަ ކޮންމެވެސް އެއްޗެއް އަނގަޔަށް ލައިގެން ހަފަން ނީންނަ އިރެއް ނުފެނެއެވެ. ދިގު އިންތިޒާރެއްގެ ނިމުން އައީ ފޯނު ރިންގުވާން ފެށުމުންނެވެ. އެއީ ޒުބޭރުއެވެ. އޭނަ އަވަހަށް ސޯފާގައި ހަމަޖެހިލަމުން ފޯނުނެގިއިރު ހިތް އަވަސްވާން ފެށިއެވެ. ބައްޕަ ދުނިޔޭގައި ހުރިކަން ނުވަދިހަ ނުވަ ޕަސެންޓް ޔަގީންވާއިރުވެސް އެކަން ކަމާއިބެހޭ ފަރާތުން ޔަގީންކޮށްދިނުންވާނީ މުޅިން ތަފާތު އިހުސާސްއަކަށް ނޫންހެއްޔެވެ.

"ހެލޯ...."

"ދެންމެ މިއައީ އޮފީހުން..ފްރެންޑެއްގެ ކައިރީ ބުނެގެން ބަލައިލީ.."ޒުބޭރުގެ އަޑު އެއްވަރަކަށް ހިފެހެއްޓިފައިވިއެވެ.

"ދެން........" އޭނަ ކުޝަން މޭގައި ޖައްސާ ބާރުކޮށްލިއެވެ.

"އުމައިރު އަހުމަދުގެ....މަރުގެ ސެޓްފިކެޓެއްނެތް..."

ހިމޭން ވަގުތުކޮޅެކެވެ.

"ކީކޭ؟" އޭނައަށް ބުނެވުނެވެ.

"ދެފަހަރަށްވެސް ރަަގަޅަށް ޗެކްކުރުވިން. އެމީހުން އަހަރެމެންގެ ރަށާއި މިތަނުންވެސް މަރުގެ ސެޓްފިކްޓްތައް ބެލި. އުމައިރު އަހްމަދުގެ ޑެޓް ސެޓްފިކެޓެއްނެތް. ރެޖިސްޓްރީގައިވެސް ނެތް...ޖަނާޒާ ރިކޯޑެއްވެސް....ރަސްމީ އެއްވެސް ލިޔުމެއްނެތް.."

"އެކަމަކު.......އަހަރެން ޖަނާޒާގައި ހުރިން..މީހުން ރުއިތަން ފެނުނު...އަހަރެން...."

"އަހަންނަށްވެސް އެނގޭ..މީހެއްގެ ހަށިގަނޑާއި ނުލާވެސް ކަށުނަމާދުކޮށްފާނެ... އެހެން މީހަކަށްޓަކާވެސް.."ޒުބޭރުގެ އަޑުގައި އޯގާތެރިކަންވިއެވެ."މިރިއަމް އަޑުއަހާބަލަ. އަދި އެހެންކަމެއްވެސް އެބައޮތް.."

"އުމައިރު ބައިނަލްއަގުވާމީ ދަތުރެއްކުރިކަމުގެ ރިކޯޑް އެބައޮތް....އެއީ ސްރީލަންކާއަށް...2010 ގެ ޖޫންމަހު...."

ޒުބޭރުގެ ޖުމްލަތައް އިވުމުން އޭނަގެ ނޭވާވެސް ހުއްޓުނެވެ.

"އެއީ.....އެއީ ބައްޕަ ނިޔާވިފަހުން....."

"އެގްޒެކްޓްލީ....ޕާސްޕޯޓް އިޝޫކޮށްފައި އިނީ އޭނަގެ ނަމުގައި..."

"ޒުބޭރު...ތިބުނަނީ ބައްޕަ މަރުނުވެ ދުނިޔޭގައި އެބަހުރިކަމަށްތަ؟" އޭނަގެ އަޑުގައި ތުރުތުރެއްވިއެވެ. ފިނިވަމުން ދިޔަ އަތްތިލަވެސް ރޫރޫ އަޅަނީއެވެ. އޭނަ ކުޝަންގެ ބޭރުގައި ލައްވާފައި ހުރި އުރައިގެ ތެރެއިން އަތް ނަގާފައި ހިއްލާލާފައި އަތަށް ބަލަހައްޓައިގެން އިނެވެ.

"އަހަންނަކަށްވެސް ނޭގޭ...ކޮންމެވެސް ދިމާލަކުން މީގައި ގޯހެއް އެބައުޅޭ..."

މިރިއަމް އެއްޗެކޭ ނުބުނެ ހިމޭންވިއެވެ. ސަބަބަކީ އޭނައަށް ބައްޕަ ދުނިޔޭގައި ހުރިކަން އެނގޭތީއެވެ. މީހަކު ދެއްކި ތޯތޯ ވާހަކައެއްނޫނެވެ. އޭނަގެ ދެލޮލުންވަނީ ބައްޕަ ދެކެފައެވެ. އެކަމަކުވެސް ދުނިޔޭގައި ހުރިކަން ރަސްމީކޮށް އެނގުމުން އޭނައަށް ކުރުވީ އެހެންކަހަލަ އިހުސާސްތަކެވެ. ދުނިޔެވެސް ހެލިގަތްފަދައެވެ.

ނުނިމޭ