ކްލަބް ފަރު ރިސޯޓުގެ ފަޅުތެރެއަށް ތެޔޮ އެޅި ތަޣައްޔަރު ވުމާއެކު އެތޮޔޮތަށް ނެގުމުގެ މަސައްކަތް އެމް.އެން.ޑީ.އެފުން ކުރަމުން އެބަގެންދެ އެވެ.

އެމްއެންޑީއެފްއިން ބުނީ ކްލަބު ފަރު ރިސޯޓްގެ ފަޅުތެރެއަށް ތެޔޮ އެޅިފައިވާކަމުގެ މައުލޫމާތު އެމްއެންޑީއެފް އަށް ލިބިފައިވަނީ އިއްޔެ ކަމަށާއި އެމްއެންޑީއެފް ގެ ޓީމެއް ގޮސް އެރިސޯޓަށް އެޅިފައިވާ ތެޔޮ ނެގުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށެވެ. ކްލަބު ފަރު ރިސޯޓުގެ ފަޅުތެރެއަށް އެޅިފައިވާ ތެޔޮ ނަމުންގެންދަނީ ތެޔޮނަގާ ބޫމް އާއި ގޮދަޑި އަދި ޕަންޕް ބޭނުންކޮށްގެންނެވެ.

އަދި ބުނީ އެ ހާދިސާގައި ކްލަބް ފަރު ރިސޯޓުގެ މައި ޖެޓީއާއި ދިމާލުން ބީޗަށް 200 ފޫޓަށް ތެޔޮ ވަނީ އަރާފަ އެވެ. އަދި ކްލަބް ފަރާއި ހުޅުމާލެއާއި ދެމެދު ގާތްގަނޑަކަށް 100 މީޓަރަށް ތެޔޮ ފެތުރިފައި ވާކަމަށްވެސް ބުންޏެވެ. ނަމަވެސް ތެޔޮ އެޅުނީ ކޮންސަބަބަކާހުރެކަމެއް ނޭންގޭކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

ކްލަބް ފަރު ރިސޯޓް ފަޅުތެރެއަށް ގިނައަދަދެއްގެ ތެޔޮ އެޅިފައިވާތީ އެމްއެންޑީއެފްގެ އިތުރުން އެންވާރަމެންޓް ޕޮރޮޓަކްޝަން އޭޖެންސީގެ ފަރާތުން ގެންދަނީ އެހާދިސާ ތަހުގީގް ކުރަމުންނެވެ.