06 Aug 2012, 16:17
މިދިޔަ މޭމަހުގެ ތެރޭ ފުރުގާން މިސްކިތުގައި ޝައިހު އިލްޔާސް ހުސެއިން ދަރުސް ދެމުންދަނިކޮށް ދަރުސަށް ހުރަސް އަޅައި އަޑުގަދަކޮށް މިސްކިތަށް ގާއުކި ކަމުގެ ތުހުމަތުގައި ދައުވާ ކުރުމަށް ފޮނުވި މީހުންގެ މައްޗަށް ދައުވާ ކުރެވޭވަރަށް ހެކި ނެތުމުން ދައުވާ ނުކޮށް އަނބުރާ ފުލުހުންނަށް ފޮނުވައިފި އެވެ.
ޕީޖީ އޮފީހުގެ މީޑިއާ އޮފިސަރު ހުސެއިން ނާޝިދު ވިދާޅުވީ އިލްޔާސްގެ ދަރުސްއަށް ހުރަސްއަޅައި މިސްކިތަށް ގާއުކި ކަމުގެ ތުހުމަތުގައި ގ. ސިކަންދަރުގޭ، މުހައްމަދު ރާޖިހު 22، އާއި ނ. މާޅެންދޫ ފެހިވިނަ، އިސްހާގު ހަސަން 50،ގެ މައްޗަށް ދައުވާ ކުރަން ފޮނުވި ނަމަވެސް ދައުވާ ކުރެވޭ ވަރަށް ހެއްކާއި ގަރީނާ ލިބިފައިނުވާ ކަމަށެވެ. އެހެންކަމުން މިދިޔަ މަހުގެ ތެރޭގައި އެ މައްސަލަ އަނބުރާ ފުލުހުންނަށް ފޮނުވާފައިވާނެ ކަމަށް ވެސް ނާޝިދު ވިދާޅުވި އެވެ.
"ދައުވާ ކުރެވޭ ވަރަށް ހެއްކާއި ގަރީނާ ލިބިފައި ނުވާތީ އެ މައްސަލައިގައި ދައުވާ ނުކޮށް އަނބުރާ ފުލުހުންނަށް ވަނީ ފޮނުވާފައި،" ނާޝިދު ވިދާޅުވި އެވެ.
މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.
"މައާފު ކުރާށޭ!"ގެ ނަމުގައި އިލްޔާސް ދަރުސު ދެއްވަމުން ގެންދަވަނިކޮށް އެރޭ ބަޔަކު ހުރަސް އަޅަން މަސައްކަތް ކުރީ ދަރުސް ފެށިތަނާ އެވެ. ފުލުހުންގެ މަރުކަޒެއް ވެސް ހިމެނޭ އެ ކޮށީގައި ހުންނަ ވަގުތީ މިސްކިތް ކައިރީގައި ހިންގި ހަމަނުޖެހުންތަކުގެ ތެރޭގައި ދަރުސަށް ހުރަސް އަޅަން އުޅުނު މީހުންނާއި ދަރުސް އަޑު އަހަން ތިބި މީހުންނާ ދެމެދު ހަމަނުޖެހުންތައް ވެސް އެރޭ ހިނގި އެވެ.