06 Aug 2012, 16:03
ދިޔަވަރު ބޮޑުވެ ކަނޑު ގަދަވުމުން މާލޭގެ ވަށައިގެންވާ ބައެއް ހިސާބުތަކަށް ވަރަށް ބޮޑަށް އުދައަރަމުން އެބަދެ އެވެ.
މިއަދު މެންދުރުން ފެށިގެން ހުޅުމާލެ ފެރީ ޓާމިނަލް ސަރަހައްދާއި ކާނިވާ ސަރަހައްދާއި އައިޖީއެމްއެޗް ސަރަހައްދަށް ދަނީ ވަރަށް ބޮޑަށް އުދަ އަރަމުންނެވެ. އުދައެރުމުގެ ސަބަބުން ހުޅުމާލޭ ޓާމިނަލް ސަރަހައްދު ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެ، ދުއްވާއެއްޗިއްސަށާއި ހިނގާ މީހުނަށް ބޮޑެތި ދަތިތަކާ ކުރިމަތި ވަމުންނެވެ. އަދި ކާނިވާ ސަރަހައްދަށް އުދައެރުމުގެ ސަބަބުން ކާނިވާ ތެރެ ފެންބޮޑުވެފައިވާ އިރު ސުނާމީ ބިނާ ސަރަހައްދުން ބޮޑު ތަކުރުފާނުމަގަށް ވެސް ވަނީ އުދައަރައިފަ އެވެ. އަދި އައިޖީއެމްއެޗުގެ ފުރަގަހުން ބޮޑު ތަކުރުފާނުމަގަށް ވެސް އަންނަނީ އުދަ އަރަމުންނެވެ.
އުދައެރުމުގެ ސަބަބުން އެހިސާބްތަކުން ދުއްވާއެއްޗިއްށާއި ހިނގާ މީހުނަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާންޖެހުނު ނަމަވެސް ހުޅުމާލެއަށް ދަތުރު ކުރާ ފެރީ އާއި އަދި އެއާޕޯޓަށް ދަތުރުކުރާ ފެރީގެ ހިދުމަތް މެދުކަނޑާލައިފައެއްނުވެ އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓު އޮފީހުގެ އޮފިޝަލަކު ވިދާޅުވީ މާލެ އަށް އުދައަރަމުން އަންނަނީ މިއީ ހުޅަނގު މޫސުން ކަމަށް ވުމާ އެކު ކަމަށެވެ. އަދި ކަނޑުތައް ގަދަވާނެތީ ބަލައިގެން ކަނޑުދަތުރުކުރުމަށް ވެސް މެޓުން އިލްތިމާސްކުރި އެވެ.
މިދުވަސްކޮޅު މާލެއަށާއި ރާއްޖެތެރޭ ބައެއް ރަށްރަށަށް ވެސް ދޭތެރެދޭތެރެއިން އަންނަނީ ވަރަށް ބޮޑަށް އުދަރަމުންނެވެ.