މި އަހަރުގެ އޭޕްރީލް މަހުގެ 11 ވަނަ ދުވަހުގެ ރޭ ދަންވަރު ބިލަބޮން ހައި ސްކޫލް ކައިރިން މީހެއްގެ ގަޔަށް ވަޅިހެރި މައްސަލަ ޝަރީއަތަށް ފޮނުވައިފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ މީޑިއާ އޮފިސަރު ހުސެއިން ނާޝިދު މިއަދު ވިދާޅުވީ އެ މައްސަލައިގައި ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ފޮނުވާފައި ވަނީ މާލޭ ދަފުތަރު ނަންބަރު 1127، އަލީ ފުރުގާން 18،ގެ މައްޗަށް ކަމަށާއި އޭނާގެ މައްޗަށް ކުރާ ދައުވާ އަކީ މީހެއްގެ ހަށިގަނޑަށް ގެއްލުން ދިނުމުގެ ކުށުގެ ދައުވާ ކަމަށެވެ.

އޭނާ ވިދާޅުވީ މިދިޔަ މަހުގެ ތެރޭގައި އެ ދައުވާ ކޮށްފައި ވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނުއެއްޗިހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ނ) އާއި ހަވާލާދީ އެ މާއްދާގެ (ބ) އާއި (ޅ) ގެ ދަށުން ކަމަށެވެ.

އެގާނޫނުގައި ބުނާ ގޮތުން އެފަދަ ކުށެއް ސާބިތުވެއްޖެ މީހަކު ދިގު މުއްދަތަކަށް ޖަލަށް ލެވޭނެ އެވެ.

ފުރުގާންގެ އިތުރުން ހ. ޒުލްފު، ހުސައިން ޝަރުޔާން ޝަރީފް 18، ގެ މައްޗަށް ވެސް ދައުވާ ކޮށްދިނުމަށް ފުލުހުން ފޮނުވި އެވެ.

ނާޝިދު ވިދާޅުވީ ޝަރުޔާންގެ މައްޗަށް ދައުވާ ކުރެވޭވަރުގެ ހެއްކާއި ގަރީނާ ލިބިފައި ނުވާތީ އޭނާގެ މައްޗަށް ދައުވާނުކޮށް އަނބުރާ ފުލުހުންނަށް ފޮނުވާފައިވާ ކަމަށެވެ.