ރިޔާސީ ބަޔާން އިއްވުމާއި ދެކޮޅަށް މާޗް މަހުގެ ފުރަތަމަ ދުވަހު އެމްޑީޕީން މާލޭގައި ކުރި މުޒާހަރާގައި ފުލުހުންގެ ސައިކަލެއްގައި ރޯކޮލި މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި އެވެ.

ސައިކަލްގައި ރޯކޮށްލިކަމުގެ ތުހުމަތުގައި ޓެރަރިޒަމްގެ ދައުވާ، ދައުލަތުން އުފުލާފައި ވަނީ ހ. ރެދަން، ފަވާޒު ކަޅުތުއްތުގެ މައްޗަށެވެ.

ފަވާޒުގެ މައްޗަށް އެދައުވާ ކޮށްފައި ވަނީ މާޗް މަހުގެ ފުރަތަމަ ދުވަހުގެ ހަވީރު 4:30 އެހާކަންހާއިރު އަލިކިލޭގެފާނުމަގާއި މަޖީދީމަގު ގުޅުނު ހިސާބުގައި އިތުރު ބަޔަކާ އެކު ފަވާޒު ހިންގި ހަމަނުޖެހުންތަކުގައި އެތާގައި ވެއްޓިފައި އޮތް ސައިކަލެއްގެ ޕެޓްރޯލް ޓޭންކް ހުޅުވައި ފަވާޒުގެ އަތުގައި އޮތް ލައިޓަރަކުން އޭގައި ހުޅުޖަހާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެވެ.

މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި އޮތީ އެ މައްސަލައިގެ ޚުލާސާ ބަޔާން ހުށަހެޅުމެވެ.

މީގެ ކުރިން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި މާޗް މަހުގެ ފުރަތަމަ ދުވަހު ސައިކަލް ރޯކޮށްލާފައިވާ ތަނުން ނަގާފައިވާ ވީޑިއޯއެއް ޝަރީއަތުގައި ދެއްކުމަށް ފަހު އެ ވީޑިއޯ އެނަލައިޒް ކުރި ފުލުސް މީހާގެ ފަރާތުން އެ ވީޑިއޯއާ ބެހޭ ގޮތުން ވަނީ ސުވާލުކޮށްފަ އެވެ.

އެ ވީޑިއޯ އިން ފެންނަނީ ރޯކޮށްލާފައި އޮތް ސައިކަލެއް ބިންމައްޗަށް ވެއްޓިފައި އޮއްވާ އެ ސައިކަލް ކައިރިން ބޯބުޅިކޮށް ހުރި މީހަކު މޫނު ނިވާކޮށްގެން ވަރަށް ބާރަށް ދުވެފައިދާ ތަނެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ވަކީލާ ވިދާޅުވީ އިސްކަންދަރު ކޮށްޓަށް ފަވާޒު ގެންގޮސް ފުލުހުން އޭނާގެ ހަރަކާތްތަށް ބަލާފައިވާ އިރު އެ ވީޑިއޯ އިން މޫނު ނިވަކޮށްގެން ފެންނަ މީހާގެ ހަރަކާތްތަކާއި ފަވާޒުގެ ހަރަކާތްތަށް ދިމާވާ ކަމަށެވެ.

ދައުލަތުގެ ވަކީލާ ވިދާޅުވީ ފަވާޒު ހައްޔަރުކޮށްފައި ވަނިކޮށް މާޗް މަހުގެ ފުރަތަމަ ދުވަހު އޭނާ ލައިގެން ހުރި ސޯޓު ދިނުމަށް އެދުމުން ފަވާޒުގެ ގެޔަށް އޭނާ ގެންދިޔުމުން އެ ސޯޓު އޭނާ ފުލުހުންނާ ހަވާލުކުރި ކަމަށް ހެކިބަސް ދިން ފުލުހުން ބުނެފައިވާ ކަމަށެވެ. އަދި އެ ސޯޓުގެ ޑިޒައިނާ ވީޑިއޯ އިން ފެންނަ މީހާ ލައިގެން ހުރި ޑިޒައިން އެއްގޮތް ކަމަށާއި އެ މައްސަލަ އޭނާގެ މައްޗަށް ސާބިތުވާނެ ކަމަށް ދައުލަތުން ދެކޭ ކަމަށް ވެސް ވަކީލާ ވިދާޅުވި އެވެ.

ފަވާޒުގެ ވަކީލު މުހައްމަދު ފަރީދު ވިދާޅުވީ ސައިކަލްގައި ރޯކޮށްލި މަންޒަރު ދުށް ކަމަށް ހެކިބަސް ދިން މީހާއަށް ފަވާޒު ހުރިގޮތް ކިޔައިދެވިފައި ނުވާ ކަމަށެވެ. އަދި އެމީހާ އަށް ރަނގަޅަށް ފަވާޒު ނޭނގޭ ކަމަށާއި އެއީ ސާބިތު ނުހިފޭ ހެކިބަހެއް ކަމަށް ވެސް ފަރީދު ވިދާޅުވި އެވެ.

ފަވާޒު ފުލުހުންނާ ހަވާލުކުރީ ކޮން ސޯޓެއްތޯ ގާޒީ އެއްސެވުމުން ފަރީދު ވިދާޅުވީ މާޗް މަހުގެ ފުރަތަމަ ދުވަހު އޭނާ ލައިގެން ހުރި ސޯޓު ދޭން އެއްބަސް ވެއްޖެ ނަމަ ގޭގެ މީހުންނާ ބައްދަލުކުރަން ގެޔަށް ގެންގޮސްދޭނެ ކަމަށް ފުލުހުން ބުނުމުން ގެޔަށް ގޮސް އޭނާ ސޯޓު ދިނީ ކަމަށެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ގާޒީ ވިދާޅުވީ މި މަހުގެ 22 ވަނަ ދުވަހު އެ މައްސަލައިގެ ހުކުމް ކުރައްވާނެ ކަމަށެވެ. އަދި ފަވާޒުގެ ފަރާތުން ދިފާއުގައި ހުށަހެޅި ހެކިމީހާގެ ހެކިބަސް ނުގެނި ސަބަބު ވެސް އެދުވަހު ހާމަކުރައްވާނެ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.