31 Jul 2025, 09:07
ފިލްމު "އެނިމަލް"އިން ބެލުންތެރިންގެ ބޮޑު ތަރުހީބެއް ހޯދި ބަތަލާ ތުރިޕްތީ ދިމްރީގެ ކުރިއަށް އޮތް ފިލްމު "ދަޅަކް 2" އަކީ އަމިއްލަ ދިރިއުޅުމަށާއި ފިލްމީ ކެރިއަރަށް ވަރަށް ހެޔޮ ބަދަލުތަކެއް ގެނެސްދިން ފިލްމެއް ކަމަށް ތުރިޕްތީ ބުނެފިއެވެ.
ފިލްމު "ދަޅަކް 2"ގައި ތުރިޕްތީ ކުޅޭ ކެރެކްޓާ އަކީ އަބަދު ވެސް ހަގީގަތާ އެއްގޮތަށް ވާހަކަ ދައްކަން ބޭނުންވާ ވަރަށް ޖެހިލުން ކުޑަ ޒުވާން އަންހެއް ކުއްޖެއްގެ ކެރެކްޓާއެކެވެ. 'ވިދީ' ނަމަކަށް ކިޔާ އެ ރޯލް ކުޅުނުއިރު އަމިއްލަ ދިރިއުޅުމުގެ އިތުރުން ފިލްމީ ކެރިއަރުގައި ވެސް ކުރިމަތިވާ ވަރަށް ގިނަ ކަންކަމަށް ހައްލު ހޯދާނެ ގޮތްތައް ދަސްވި ކަމަށް ބަތަލާ ވަނީ ބުނެފައެވެ.
ތުރިޕްތީގެ ދިރިއުޅުމުގެ މާޒީއަށް ބަލާލާއިރު އޭނާއަކީ ވަރަށް ލަދުރަކި އާއްމުންގެ ކުރިމަތީގައި ވަރަށް ބަސް މަދު މީހެއް ކަމަށް އުމުރުން 31 އަހަރުގެ ބަތަލާ ވަނީ ބުނެފައެވެ.

ތުރިޕްތީ އަދި އެކްޓަރު ސިދާތު ޗަތުރުވެދީ ފިލްމު "ދަޅަކް 2"ގެ މަންޒަރެއްގައި--ފޮޓޯ/ފިލްމުފެއަ
އެހެންވެ, ވޭތުވެދިޔަ 30 އަހަރުގެ ތެރޭ އަޑުއުފުލަންޖެހޭ ވަރަށް ގިނަ ހާލަތްތަކުގައި އޭނާ ވަނީ ހަމަހިމޭންކަން އިސްކޮށްފައި ކަމަށާއި ފިލްމު "ދަޅަކް 2"ގައި ކުޅުނު ރޯލްއިން އެފަދަ ކަންކަމާ ކުރިމަތިލާނެ ހިތްވަރު މިއަދު ތުރިޕްތީއަށް ލިބިއްޖެ ކަމަށް ވަނީ ބުނެފައެވެ.
ފިލްމު "ދަޅަކް 2"ގެ ޑައިރެކްޓަރު ޝާޒިއާ ގާތު ތުރިޕްތީ ވަނީ އޭނާއަށް ކުރެވުނު ތަޖުރިބާ ހިއްސާކޮށް ކުރިމަގުގައި ބޭނުންވަނީ އެ ފިލްމުގައި ފެންނަ ކެރެކްޓަ 'ވިދީ'ފަދަ ޒުވާނަކަށް ވުމަށް ކަމަށް ބަތަލާ ވަނީ ބުނެފައެވެ.
ދަރުމާ ޕްރޮޑަކްޝަންއިން ކަރަން ޖޯހަރު ޕްރޮޑިއުސްކޮށް ގެނެސްދޭ ފިލްމު "ދަޅަކް 2" ސިނަމާތަކަށް ގެންނަން ނިންމާފައިވަނީ މާދަމާއެވެ.