06 Aug 2012, 15:29
ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު ހަސަން އާދިލުގެ މައްޗަށް ދައުލަތުން ކުރި ކުޑަކުއްޖަކާ މެދު ޖިސްނީއަމަލެއް ހިންގުމުގެ ދައުވާ އޭނާގެ މައްޗަށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ އޮފިޝަލަކު މިއަދު ވިދާޅުވީ އާދިލްގެ މައްޗަށް ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގުމުގެ ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރަން ހައިކޯޓަށް ހުށަހެޅީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށާއި މިހާރު އެ މައްސަލަ ހައި ކޯޓުން ބަލައިގެންފައިވާ ކަމަށެވެ.
ކުޑަކުދިންނަށް ޖިންސީގޯނާ ކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަކުން އަމަލު ކުރުމާ ބެހޭ ގާނޫނުގެ ދަށުން ކޮށްފައިވާ އެ ދައުވާ އޭނާގެ މައްޗަށް ސާބިތުވެއްޖެ ނަމަ އަދަބަކީ 10 އަހަރާއި 14 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ.
ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް ކުރި ހުކުމްގައި ބުނަނީ ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުން އާދިލްގެ މައްޗަށް ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގިކަން ޝަރީއަތަށް ސާބިތުނުވާ ކަމަށެވެ.