27 Aug 2010, 19:15
00:26
ޕާކިސްތާނަށް ކުރިމަތިވެފައިވާ ފެންބޮޑުވުމުގެ ހާދިސާ އަށް ރަމްޒީ އެހީއެއްގެ ގޮތުގައި ދިވެހި ސަރުކާރުންދޭ ހަތަރު ލައްކަ އަށްވުރެ ގިނަ ރުފިޔާގެ އެހީ ޕާކިސްތާނު ސަރުކާރާ މިއަދު ހަވާލުކޮށްފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ ޕާކިސްތާނުގެ ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޕާކިސްތާނުގެ ސަރުކާރާ މިފައިސާ ހަވާލުކޮށްދެއްވާފައި ވަނީ ޕާކިސްތާނަށް ރާއްޖޭން ކަނޑައަޅައިފައި ހުންނަވާ ސަފީރު ޑރ. އައިޝަތު ޝެހެނާޒް އާދަމް ކަމަށާއި ޕާކިސްތާން ސަރުކާރުގެ ފަރާތުން އެ ފައިސާއާ ހަވާލުވެވަޑައިގެންނެވީ ފޮރިން ސެކްރެޓަރީ ސަލްމާން ބަޝީރު ކަމަށެވެ.
މި ބައްދަލުވުމުގައި ދިވެހި ސަފީރު ދެއްކެވި ވާހަކައިގައި ރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮންނަނީ ޒަމާންވީ އެކުވެރި ކަމަކަށްވެފައި އަދި ޕާކިސްތާނަކީ މުސްލިމް ގައުމަކަށްވެފައި މިފަދަ ހާލަތެއްގައި ޕާކިސްތާނަށް އެހީތެރިވުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވެސް ވާޖިބު ކަމެއް ކަމަށް ދިވެހި ރައްޔިތުން ދެކޭ ކަމުގައި ވިދާޅުވި އެވެ. އެގޮތުން ޕާކިސްތާނުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ދިވެހި ސަރުކާރުގެ އިތުރުން ދިވެހި ރައްޔިތުން ކުރަމުންގެންދާ މަސައްކަތްތައް ފާހަގަކުރެއްވި އެވެ.
ޕާކިސްތާނުގައި ފެންބޮޑުވުމުގެ ސަބަބުން 1،600 އަށްވުރެ ގިނަ މީހުން މަރުވެ، 4 މިލިއަނަށްވުރެ ގިނަ މީހުން ވަނީ ހާލުގައި ޖެހިފައި އެވެ.