ރައްޔިތުންގެ މަޖިލީހުގެ ފަރެސް މާތޮޑާ ދާއިރާގެ މެންބަރު އިބްރާހިމް މުއްތަލިބު މަންދުކޮލެކްގެ ޗެއާމަން އިބްރާހިމް އިސްމާއިލް (އިބްރާ) ގެ އަބުރާއި ބެހުނުކަމަށް ވިދާޅުވެ ސިވިލް ކޯޓުގައި ކުރެއްވި ދައުވާގައި ގެއްލުމުގެ ބަދަލު ނަގައިދެވެން ނެތްނަމަވެސް އަބުރާއި ބެހުނުކަން ނުވަތަ ނޫންކަން ސިވިލް ކޯޓުން ކަނޑައަޅަން ޖެހޭނެ ކަމަށް ހައިކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

މުއްތަލިބު ދިޓީވީގައި ދައްކާފައިވާ ވާހަކައަކާއި ގުޅިގެން އޭނާގެ މައްޗަށް އަބުރާ ކުރެއްވި އަބުރުގެ ދައުވާއާ ގުޅިގެން ސިވިލް ކޯޓުން ކުރި ހުކުމްގައި ބުނަނީ އިބްރާ ކުރެއްވި ދައުވާ އަކީ ގާނޫނީ ގޮތުން ލިބިދެވެން ނެތް ބަދަލެއް ހޯދުމަށް ކޮށްފައިވާ ދައުވާއެއް ކަމަށްވާތީ މުއްތަލިބު ދައްކާފައިވާ ވާހަކަތަކަކީ އިބްރާގެ އަބުރާއި ބެހެވޭފަދަ ވާހަކަތަކެއްކަން ނުވަތަ ނޫންކަން ކަނޑައެޅުމުގެ އަހަމިންޔަތެއް ނެތަތީ އެކަން ބަލައިދެވެން ނެތްކަމަށެވެ.

ނަމަވެސް އިބްރާ އެ ހުކުމް އިސްތިއުނާފު ކުރުމުން ހައިކޯޓުން މިއަދު ކުރި ހުކުމްގައި ބުނަނީ އިބްރާގެ ފަރާތުން ނަގައިދިނުމަށް އެދިފައިވާ ބަދަލަކީ ޝަރީއަތުން ނަގައިނުދެވޭނެ ބަދަލަކަށް ވިޔަސް އޭނާގެ އަބުރާއި މުއްތަލިބު ބެހިފައިވާކަން ނުވަތަ ނޫންކަން ބަލައި އެކަމުގައި ސިވިލް ކޯޓުން ހުކުމް ކުރަން ޖެހޭނެ ކަމަށެވެ.

މުއްތަލިބުގެ މައްޗަށް އަބުރުގެ ދައުވާ އޭނާ ކުރެއްވީ ޖޫން 7، 2010 ދުވަހުގެ ރޭ ދިޓީވީގެ ޕްރޮގްރާމެއްގައި މުއްތަލި ދެއްކެވި ވާހަކަޔަކާއި ގުޅިގެންނެވެ.

އެ ޕްރޮގްރާމްގައި މަންދުކޮލެޖް ރަޖިސްޓްރީ ކުރެވިފައި ވަނީ ގާނޫނާއި ޚިލާފަށް ކަމަށް ދޭހަވާގޮތަށް މުއްތަލިބު ވާހަކަދައްކާފައިވާކަމަށް އިބްރާ ވަނީ ވިދާޅުވެފައެވެ.

އަދި އިއުލާން ނުކޮށް އެމްއީއެސް އިބްރާއަށް ދީފައިވާއިރު ތައުލީމީ ފަންޑުން އިއުތިރާޒުކޮށްފައި ވަނިކޮށް ސީދާ ރައީސް އޮފީހުން އަންގައިގެން އިބްރާއަށް ސަރުކާރުން ލޯނެއް ދީފައިވާކަމަށް ވެސް ދި ޓީވީގެ ޕްރޮގްރާމެއްގައި މުއްތަލިބު ވަނީ ވިދާޅުވެފަ އެވެ.