ފިރިހެނުންގެ ލޯންގްކޯސް 200 މީޓާ ބަޓާފްލައި އިވެންޓުގެ ޤައުމީ ރިކޯޑް މުޙައްމަދު ރިޙާން ޝިހާމް އައުކޮށްފިއެވެ.

ރިހާން މި ރިކޯޑު އައުކޮށްފައިވަނީ މިހާރު ސިންގަޕޫރުގައި ކުރިއަށްދާ 22 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި ވާދަކޮށްގެންނެވެ.

ރިޙާން މި ރިކޯޑް އައުކޮށްފައިވަނީ 02:25.20 އިން ރޭސް ނިންމައިގެންނެވެ.

މި އިވެންޓުގެ ޤަައުމީ ރިކޯޑު އެންމެފަހުން އައުކޮށްފައިވަނީވެސް ރިޙާންއެވެ. އެއީ 2023 ވަނަ އަހަރު ބޭއްވި 19 ވަނަ އޭޝިއަން ގޭމްސްގައި 02:28.17 އިން އިވެންޓު ފުރިހަމަކޮށްގެންނެވެ.

މިއީ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްގައި ރާއްޖެއިން އައުކުރި ތިންވަނަ ގައުމީ ރިކޯޑެވެ.

މުބާރާތުގައި ރާއްޖޭގެ މިރާލް އައިން ލަތީފް ވަނީ އަންހެނުންގެ ލޯންގް ކޯސް 200 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރިކޯޑު އައުކޮށްފައެވެ. މީގެއިތުރުން ތަޒްކިޔާ މިރުސާދު ވަނީ އަންހެނުންގެ ލޯންގްކޯސް 100 މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ގައުމީ ރިކޯޑު އައުކޮށްފައެވެ.