06 Aug 2012, 14:30
މާލެ އިންޓަނޭޝަނަލް އެއާޕޯޓް ކުއްޔަށް ދިނުމަށް އިންޑިއާގެ ޖީއެމްއާރު ކުންފުންޏާ އެކު ކުރީ ސަރުކާރުން ވެފައިވާ އެއްބަސްވުމަކީ ސައްހަ އެއްބަސްވުމަކަށްވާ ނަމަ އެ އެއްބަސްވުމަށް އަމަލު ކުރަން ޖެހޭނެ ކަމަށް ޑީއާރުޕީގެ ލީޑަރު އަހްމަދު ތަސްމީނު އަލީ ވިދާޅުވެއްޖެ އެވެ.
މިއަދު މެންދުރު ޑީއާރުޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ތަސްމީނު ވިދާޅުވީ ޖީއެމްއާރާއި ސަރުކާރާ އެކު ވެފައިވާ އެއްބަސްވުމަކީ ސައްހަ އެގްރީމަންޓަކަށްވާ ނަމަ އެއްބަސްވުމަށް އަމަލުކުރުން ނޫން ގޮތެއް ސަރުކާރަށް ނޯންނާނެ ކަމަށެވެ.
"ސަރުކާރުން ނިންމަވަން ޖެހޭނީ މި އެގްރީމެންޓަކީ ސައްހަ އެގްރީމެންޓެއްތޯ. ސައްހަ އެގްރީމެންޓަކަށްވާ ނަމަ އެ އަށް އަމަލުނުކޮށް ވާނެ އެއްވެސް ގޮތެއް އޮންނާނެ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" ތަސްމީނު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޖީއެމްއާރާއި ސަރުކާރާ އެކު ވެފައިވާ އެއްބަސްވުމަކީ ސައްހަ އެއްބަސްވުމެއް ކަމެއް ނުވަތަ ނޫން ކަން ވެސް އެނގިވަޑައިނުގަންނާވާ ކަމަށާއި އެކަން އެންމެ ރަނގަޅަށް އެނގޭނީ ސަރުކާރަށް ކަމަށެވެ.
އަދި ވިދާޅުވީ ސަރުކާރާ އެކު ޑީއާރުޕީން މަސައްކަތް ކުރި ނަމަވެސް މިހާތަނަށް ވެސް އެ އެގްރީމެންޓްގެ ކޮޕީއެއް އެ ޕާޓީއާ ހިއްސާ ކުރައްވާފައިނުވާ ކަމަށެވެ.
"އެކަމުގެ އެންމެ ރަނގަޅު މައުލޫމާތު އެނގިވަޑައިގަންނަވާނީ ސަރުކާރަށް. އަޅުގަނޑުމެނަކީ ސަރުކާރުގައި ހިމެނޭ ޕާޓީއެއް. އަޅުގަނޑުމެނަކަށް ސަރުކާރުން ވެސް އެގްރީމެންޓް ހިއްސާ ކުރައްވާފައެއް ނުވޭ،" ތަސްމީނު ވިދާޅުވި އެވެ.
އިންޑިޔާ ސަރުކާރުގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަސްމީނު ވިދާޅުވީ އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައި ވެސް ޖީއެމްއާރުގެ މައްސަލަގައި ވަކި އެއްޗެއް ވިދާޅުވެފައި ނުވާނެ ކަމަށާއި ނަމަވެސް ސަރުކާރާ އެކު ވެފައިވާ ސައްހަ އެއްބަސްވުންތަކަށް އިހްތިރާމް ކުރަން ޖެހޭނެ ކަމަށް ބައެއް ނޫސްތަކަށް ދެއްވި އިންޓަވިއުތަކުގައި ވިދާޅުވެފައި ވާނެ ކަމަށެވެ.
"ސައްހަ އެއްބަސްވުންތަކަށް އިހްތިރާމް ކުރަން ޖެހޭނެ ކަމަށް އަޅުގަނޑުވާނީ ދަންނަވާފައި، ބައެއް އިންޓަވިއު ތަކުގައި. އެއީ އަޅުގަނޑުމެން ގަބޫލު ކުރާގޮތުގައި އަޅުގަނޑުމެން ކަންކުރަންވާނެ ގޮތް. ދައުލަތުން ވެފައިވާވެފައިވާ ކޮންޓްރެކްޓަކީ އެއީ ސައްހަ އެއްޗެއް ކަމަށް ވަންޏާ އެއަށް އަމަލު ނުކުރާނަމޭ، އަޅުގަނޑު ގަބޫލު ކުރާގޮތުގައި އެއްވެސް ޒިންމާދާރު ސިޔާސީ ފަރާތަކަށް ނުބުނެވޭނެ،" ތަސްމީނު ވިދާޅުވި އެވެ.
ޖީއެމްއާރާ މެދު ހިތްހަމަނުޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށާއި ނަމަވެސް އެގްރީމެންޓްގެ ސައްހަކަމާ މެދު ބަންޑާރަނައިބު ގޮތެއް ކަނޑައަޅަން ޖެހޭ ކަމަށާއި މިހާތަނަށް ވެސް އެގްރީމެންޓް ސައްހަ ނޫން ކަމަށް މި ސަރުކާރުން ބުނެފައިވާ ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ތަސްމީން ވިދާޅުވީ ޖީއެމްއާރާ ބެހޭ ގޮތުން ޑީއާރުޕީން ދެކޭ ގޮތް ހަމަކޮށް ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް ސިޓީއެއް ފޮނުއްވާފައިވާ ކަމަށެވެ. އަދި އެ ސިޓީގައި ޖީއެމްއާރާއި ދިވެހި ސަރުކާރާ ދެމެދު ވެފައިވާ އެގްރީމެންޓް ރޫލާލައިފި ނަމަ އޭގެ ސަބަބުން ސަރުކާރަށް ކުރާނެ އަސަރުތައް ބެލުމަށާއި އެ ކޮންޓްރެކްޓުން ނުކުތުމުން ސަރުކާރުން ކިހާ ފައިސާއެއް ދައްކަން ޖެހޭތޯ ބެލުމަށް ދަންނަވާފައިވާ ކަމަށް ތަސް ވިދާޅުވި އެވެ.
ތަސްމީންގެ އިންޑިއާ ދަތުރުފުޅުގައި އެ ގައުމުގެ "ހިންދުސްތާން ޓައިމްސް" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ސަރުކާރުން އެކި ކުންފުނިތަކާ އެކު ކޮށްފައިވާ ވިޔަފާރީގެ އެއްބަސްވުންތަކަށް ފުރިހަމައަށް އަމަލުކުރަމަށް ސަރުކާރަށް ގޮވާލައްވައިފަ އެވެ.