29 Jul 2025, 10:11
މިހާރު ޝޫޓިން ފަށާފައިވާ ފިލްމު "ބޯޑާ 2"ގެ ކާސްޓަށް އިތުރު ފިލްމީ ތަރިއަކު ގުޅިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ޝޫޓިންގެ ވަރަށް ބޮޑު ބައެއް ނިމިފައިވާ މި ފިލްމަށް އަލަށް ގުޅިފައިވަނީ ބޮލީވުޑަށް އަލަށް ތައާރަފުވާ ޒުވާން ބަތަލާ މޭދާ ރާނާއެވެ.
ފިލްމު "ބޯޑާ 2" ގެނެސްދޭ ބުޝަން ކުމާރުގެ ޓީ-ސީރީސްއާއި ޕްރޮޑިއުސަރު ޖޭޕީ ދައްތާގެ ޖޭޕީ ފިލްމްސްއިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މޭދާ ރާނާ ފިލްމުގައި ފެންނާނީ އެކްޓަރު ވަރުން ދަވަންގެ ބައިވެރިޔަގެ ރޯލުން ކަމަށެވެ. މޭދާއަކީ މިހާތަނަށް ފިލްމާ ގުޅުނުކަން އިއުލާނުކުރި ފުރަތަމަ ބަތަލާއެވެ.
މިހާތަނަށް އާއްމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ފިލްމު "ބޯޑާ 2" އަކީ ބޮޑު ކާސްޓަކާ އެކު ގެނެސްދޭ ފިލްމެކެވެ. އޭގެ ތެރޭގައި ފިލްމުގެ މުހިންމު ރޯލަކުން ސަނީ ޑިއޯލް ފެންނާނެއެވެ. މީގެ އިތުރުން، ފިލްމީ ތަރިން ކަމަށްވާ ދިލްޖީތު ދޮސާންޖު، އަހާން ޝެޓީ އަދި ވަރުން ދަވަންއަކީ ފިލްމުގެ ވަރަށް ޚާއްސަ ރޯލްތަކުން ފެންނާނެ ތަރިންނެވެ.

ވަރުން ދަވަން އެކްޓަރު ސަނީ ޑިއޯލްއާ އެކު ފިލްމު "ބޯޑާ 2"ގެ ޝޫޓިންގްތެރޭގައި ނަގާފައިވާ ފޮޓޯއެއް--ފޮޓޯ/ހިންދުންސްތާންޓައިމްސް
ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި އެކްޓަރު ދިލްޖީތު ދޮސާންޖްގެ ބައިވެރިޔާގެ ރޯލަށް ފިލްމަށް ގެންނަން ނިންމާފައިވަނީ ބަތަލާ ސޯނަމް ބާވްޖާއެވެ. ނަމަވެސް، "ބޯޑާ 2" ގެނެސްދޭ ޕްރޮޑަކްޝަން ޓީމުން މިހާތަނަށް އެކަން ރަސްމީކޮށް އިއުލާނުކޮށްފައެއް ނުވެއެވެ.
މި ފިލްމަކީ 1997 ވަނަ އަހަރު ރިލީޒްކޮށް ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "ބޯޑާ"ގެ ސީކުއަލްއެކެވެ. އެ ފިލްމުގައި ހިމެނޭ ތަރިންގެ ތެރެއިން "ބޯޑާ 2"އިން ފެންނާނެ ހަމައެކަނި ތަރިއަކީ ސަނީ ޑިއޯލްއެވެ.
ދާދި ފަހުން ސަނީ ވަނީ ފިލްމު "ބޯޑާ 2"ގެ ޝޫޓިން އޭނާ ނިންމާފައިވާ ކަމަށާއި އަސްކަރީ އޮފިސަރެއްގެ ކެރެކްޓާއިން މި ވަގުތު އޮފް ނަގާފައިވާ ކަމަށް ބުނެފައެވެ. މި ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައިވަނީ އަންނަ އަހަރުގެ ޖަނަވަރީ މަހުގެ 23ގައެވެ.