އިބްރާހިމް ލުތުފީ ނުވަތަ ސަންދާން ލުތުފީއަކީ ދިޔަމިގިލީ އައްސުލްތޯން މުޒައްފަރު މުހައްމަދު ޢިމާދުއްދީނު (ދެވަނަ) ގެ އައްސުލްތޯން އިބްރާހީމް އިސްކަންދަރު (ދެވަނަ)ގެ އައްސުލްތޯން މުޙައްމަދު ޣިޔާސުއްދީން (ޝަހީދުކުޅަ ޙާޖީ ބަންޑާރައިން)ގެ އަލްއަމީރު އިބްރާހީމް ފާމުލަދޭރިކިލެގެފާނުގެ އަންނަބީލާ ޢާއިޝަތުދީދީ (ދޮށީދީދީ)ގެ މީދޫ ގަނޑުވަރު ޙަސަން ދީދީގެ ފިޔޯރީ ދޮންދީދީގެ އައްޝައިޚް އިބްރާހީމް ލުޠުފީ (އައްޑޫ ތުއްތީދީ)ގެ ފާޠިމަތު ލުޠުފީ އާއި ހިތަދޫ ތުއްބީގެ މުޙައްމަދުދީދީ ކައިވެނިބައްލަވައިގެން ލިބިވަޑައިގަތް މޫސާ ލުޠުފީ، ސިއްކަގޭ ދޮންމަނިކުފާނުގެ ފާއިޒާއާ ކައިވެނި ބައްލަވައިގެން ލިބިވަޑައިގަތް އިބްރާހީމް ލުޠުފީ އެވެ.

ލުޠުފީގެ ބައްޕަ މޫސާ ލުޠުފީ ވަނީ އައްޑު އަތޮޅުގެ އަތޮޅުވެރިކަން ކުރައްވައިފަ އެވެ. ލުޠުފީގެ މުނިކާފަ އައްޝައިޚް އިބްރާހީމް ލުޠުފީ އަކީ ރާއްޖޭގެ ބަންޑާރަނައިބުކަން ކުރެއްވި ބޭފުޅެކެވެ. އެއީ ޑރ. މުޞްޠަފާ ލުޠުފީގެ ބައްޕައެވެ. ކުރީގެ ބަންޑާރަ ނައިބު އަދި މިހާރުގެ ހިއުމަންރައިޓްސް މިނިސްޓަރު ފާޠިމަތު ދިޔާނާ ސަޢީދުގެ މާފައެވެ. ރާއްޖޭގައި ހިއުމަންރައިޓްސްގެ ވާހަކަތައް އަރަބި ބަހުންނާއި އިނގިރޭސި ބަހުން ލިޔެ އެ ވާހަކަތައް ޑޮކިއުމަންޓްކޮށް އެމްނެސްޓީ އިންޓަނޭޝަލަށް ފުރަތަމަ ގެންދިޔައީ ލުުތުފީގެ މަންމަ ފަޜާތުގެ ބޭބެ ސިއްކަގޭ މުހައްމަދު ނަސީމެވެ. އޭނާއަކީ ލުތުފީ ފަދައިން "ދިވެހި ގައުމު"ގެ ނަމުގައި ރައީސް ނާސިރާ އިދިކޮޅު ހަރަކާތެއް ސިއްރުން ހިންގަވައިގެން ވިލިމާލޭ ޖަލުހައި "ދަގަނޑުން ބަނދެފައި" ބޭއްވި ބޭފުޅެކެވެ.

-- ރައީސް މައުމޫންގެ ސަރުކާރާ ދެކޮޅު ހަރަކާތެއް ހިންގެވި ލުތުފީ ނުވަތަ ސަންދާން ލުތުފީގެ ނަން ދިވެހިންގެ ތެރޭގައި ވަރަށް މަޝްހޫރުވި އެވެ. އީމެއިލް ނޫސް "ސަންދާން" މެދުވެރިކޮށް މައުމޫން ސަރުކާރާ ދެކޮޅަށް ބަންޑުންކޮށްލި ޝުއޫރުތަކުގެ ތެރެއިންނެވެ. ނަތީޖާއަކަށްވީ 2002 ވަނަ އަހަރު އުމުރު ދުވަހުގެ ޖަލު ހުކުމަކާއި އެއް އަހަރު ދުވަހަށް އަރުވާލުމުގެ އަދަބަކާ ލުތުފީ ކުރިމަތިލައްވަން ޖެހި ވަޑައިގަތުމެވެ. ނަމަވެސް އުމުރުން 48 އަހަރުގެ ލުތުފީ ޖަލުގައި ހުންނެވުމަށް ފަހު ބޭހަށް ސްރީލަންކާ އަށް ވަޑައިގެން، ފިއްލެވީ އެވެ. އޭގެ ފަހުން އދ.ގެ ރިފިއުޖީންގެ ހައިސިއްޔަތު ހޯއްދަވައި މިހާތަނަށް ވެސް އުޅުއްވީ ސްވިޒަލޭންޑްގަ އެވެ. ލުތުފީއަށް މާފު ދެއްވީ ރައީސް މައުމޫންގެ ސަރުކާރު ބަދަލުކުރުމަށް އެކުގައި މަސައްކަތް ކުރެއްވި މުހައްމަދު ނަޝީދު ވެރިކަމަށް ވަޑައިގަތުމަށް ފަހު އެޕްރީލް ،11 2010 ގައެވެ. ލުތުފީ ނަމުގެ ކުރިޔަށް ލައްވާފައި ސަންދާންގެ މާނައަކީ "ތަހުތު"އެވެ. -- އަރުވާލެއްވިގެން ނުވަ އަހަރު އުޅުއްވުމަށް ފަހު ލުތުފީ މިހާރު ހުންނެވީ ރާއްޖެ ވަޑައިގެންނެވެ. ރޭ އޭނާ ވަނީ ދިޓީވީގައި ދިގުކޮށް ވާހަކަފުޅު ދައްކަވާފަ އެވެ. އޭގެ ބައެއް ވާހަކަތައް މުންޑޫ އާދަމް ހަލީމް ހުލާސާ ކޮށްދެ އެވެ.

"ހާލަތު ނިޔާ ކުރި ގޮތުން [ސަންދާން ދުވަސްވަރު] އެވަގުތު [ޖަލަށް ލެވުނީ] ޖަލުގައި ކަންތައް ދިމާވި ގޮތުން ސިއްހީ މައްސަލަތަކެއް ދިމާވެގެން ސްރީލަންކާއަށް ބޭހަށް ދިޔައީ އެހިސާބުން އަޅުގަނޑު ގަސްދުކުރީ އެނބުރި ޖަލަށް ނާންނަން. ޖަލު ދެކެ ބިރަކުންނެއް ނޫން އެއީ އަޅުގަނޑުމެން ކުރަމުން އައި އިސްލާހީ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބޭނީ އަޅުގަނޑު އެނބުރި ޖަލަށް އައިސްގެންތޯ ނުވަތަ ނޫންތޯ ވިސްނީ. އޭރު ކަނާތު ލޯ ހުރީ ހަލާކުވެފައި އޮޕަޜޭޝަނެއް ކޮށްފައި ރަނގަޅު ނުވެ. ހަލާކުވެފައި ހުރި ލޮލައިގެން އަޅުގަނޑު ފިލީ ލޯ ހަލާކު ވިޔަސް ވަރިހަމަކޮށް ﷲ އާ ވަކީލުކޮށްފައި އަޅުގަނޑަކަށް ނޭނގޭ ދެވޭނީ ކޮންތާކަށް ކަމެއް. އަޅުގަނޑު ފިލީ އިސްލާހީ މަސައްކަތް ކުރަން ﷲ އިރާދަފުޅުން ފުރުސަތު ލިބުނީ ކެނޑިނޭޅި ވަރަށް ހިތްވަރާ އެކު ރާއްޖޭގެ އިސްލާހަށް މަސައްކަތް ކުރިން،"

ލުތުފީއަކީ ރައީސް މުހައްމަދު ނަޝީދުގެ ވަރަށް ގާތް އެކުވެރިއެކެވެ. މައުމޫންގެ ސަރުކާރު ބަދަލުކުރުމަށް ނަޝީދާ ބައިވެރިވި ވަރުގަދަ ރިފޯމިސްޓެކެވެ. ނަމަވެސް ނަޝީދުގެ ވެރިކަމުގައި ސިއްކަ ޖެހޭން ދިޔައިރު ލުތުފީ ވެސް ހުންނެވީ ނަޝީދު ވެރިކަމާ ދެކޮޅު އިހުތިޖާޖުގަ އެވެ. ލުތުފީ ވިދާޅުވި ގޮތުގައި ރައީސް ނަޝީދާއި އޭނާގެ ހިޔާލު ތަފާތުވީ އިހަށް ދުވަހު ކަމަށް ބަޔަކަށް ހީވިޔަސް އޭގައި ހަގީގަތެއް ނެތެވެ. ރިފޯމް މަސައްކަތުގެ ކުރީކޮޅުގައި ވެސް އޭނާގެ ހިޔާލު ރައީސް ނަޝީދާ ތަފާތެވެ. ނަމަވެސް އެކަން ބޮޑުވީ ނަޝީދު ވެރިކަމަށް ވަޑައިގެން ކަންކުރައްވަން ފެއްޓެވި ގޮތުންނެވެ. އިކްނޮމިކް މިނިސްޓަރަކަށް ފުރަތަމަ ގެންނަން އުޅުއްވި ބޭފުޅާގެ މައްސަލައާ ހާއްސަކޮށް ޑިފެންސް މިނިސްޓަރު ކަމާއި އެތާނގެ ސްޓޭޓް މިނިސްޓަރު ކަމަށް ގެންނެވި ބޭފުޅާގެ މައްސަލައިގައި ލުތުފީއާ ނަޝީދާ ދެމެދު އޮތް ހިޔާލު ތަފާތުވުން އިތުރަށް ބޮޑުވީ އެވެ. (ނަޝީދުގެ ސަރުކާރުގެ ފުރަތަމަ ޑިފެންސް މިނިސްޓަރަކީ އަމީން ފައިސަލެވެ. ސްޓޭޓް މިނިސްޓަރަކީ އަބްދުﷲ ޝާހިދު އެވެ.)

"[އަމީނާއި ޝާހިދު] އެއީ ކޯޓްމާޝަލް ކުރެވިފައި ވަރަށް ބޮޑު ކްރިމިނަލް މައްސަލަތަކެއް ހުރި ބޭފުޅުން އެބޭފުޅުން ގެންނެވުމަކީ ދިވެހި ދައުލަތަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެއް އެހިސާބުން ރައީސް ނަޝީދާ ހިޔާލު ތަފާތުވެއްޖެ އޭގެ ފަހަތުން ދިރާގު ވިއްކާލުމާއި ފެން ކުންފުންޏާއި އެއާޕޯޓާއި މިކަހަލަ މައްސަލަތަކެއް އިތުރުވަމުން އައީ. އެކަންކަމާ ދެކޮޅަށް އަޅުގަނޑު ވަރަށް މަސައްކަތް ކުރިން ރައީސް ނަޝީދުގެ އަރިހުގައި ތިބީ އަޅުގަނޑުގެ އަހުން، ވަރަށް ގާތް ބޭފުޅުން ސިޔާސީ ވަރަށް ބުރަ މަސައްކަތް ނުރައްކާތެރި ކަމުގެ ތެރޭގައި އަޅުގަނޑުމެން ކުރިން. އެބޭފުޅުންނާ ގުޅައި ވާހަކަ ދައްކައިގެން ކަންކަން ބަދަލު ކުރެވޭތޯ އަޅުގަނޑު މަސައްކަތް ކުރިން އެތައް ފަހަރަކު ދެންނެވި ތިހެން ނުހައްދަވާށޭ. އެކަމަކު ވެރިކަމުގައި ތިން އަހަރުވީއިރު ރައީސް ނަޝީދަކީ އެމަނިކުފާނުގެ ސަރުކާރުގެ އިސްވެރިންގެ ވާހަކަ ވެސް ނާއްސަވާ ބޭފުޅެއް،" ލުތުފީ ވިދާޅުވި އެވެ.

ލުތުފީ ވިދާޅުވާ ގޮތުން ނަމަ އިމޭލް ނޫސް، ސަންދާންގެ މާކުރިން ވެސް އޭނާގެ އިސްލާހީ މަސައްކަތް އޮތީ ފެށިފަ އެވެ. އެހެންވެ ނަޝީދާ ހަމައަށް ވަޑައިގެންނެވުނު އިރު ވެސް އިސްލާހު ކުރަން ޖެހޭ ކަންކަމުގެ ވާހަކަ އައީ ދަންނަވަމުންނެވެ. މާކުރީގައި ލުތުފީގެ އިސްލާހީ މަސައްކަތް ފެށިފައި އޮތް ކަމަށް އެ އިޝާރާތް ކުރައްވަނީ ނޮވެމްބަރު3ގެ ހާދިސާއާ ހަމައިން ހައްޔަރުވި ހިސާބެވެ. އެ ބަޣާވާތާ ގުޅިގެން ހިންގި ތަހުގީގުގެ ތެރޭގައި ލުތުފީ ބަންދުކުރި އެވެ. އޭރު ކިޔައި އުޅުނީ "ތުލުސްދޫގައި ހުއްޓާ ދަމާހަލާ ގެންގޮސްފިއޭ" އެވެ.

"އަޅުގަނޑަކީ މިލިޓަރީ ތަމްރީނެއް ހެދި މީހެއް ވެސް ނޫން ހަތިޔާރެއް އުފުލި މީހެއް ވެސް ނޫން އެކަމަކު އެއީ [އެފަހަރު ހައްޔަރުކުރި ކުރި ކުރުމަކީ] އަޅުގަނޑުގެ ލޯ ސިޔާސީ ކަންކަމަށް ހުޅުވި އިންސާނީ ހައްގުތަކަށާއި ދުލާއި ގަލަމުގެ މިނިވަންކަމަށް ވަކާލާތު ކުރަން ފެށުނު ހިސާބު. އެ މަސައްކަތުގައި އަޅުގަނޑާއި ރައީސް ނަޝީދުގެ އެކުވެރިންނާ ބައްދަލުވެ ގުޅުން ބަދިވަހަވަމުން ގުޅެމުން ގޮސް އެއް ގްރޫޕަކަށް އެއްވެ އެއަށްކީ ނަމެއް އެމްޑީޕީއަކީ. އެމްޑީޕއަކީ ވަކި މީހެއްގެ މިލްކެއް ނޫން އެއީ އަޅުގަނޑުމެން އެންމެން ޖުމްލަ ގޮތެއްގައި އެކުވެގެން ކުރި މަސައްކަތެއް، އެ ޖަމާތަށް ކިޔުނު ނަމެއް،"

ލުތުފީ މީގެ ކުރިން ހިއްސާ ނުކުރައްވާ ބައެއް ވާހަކަތައް މިހާރު އޭނާ ތަފުސީލުކޮށް ވިދާޅުވެ އެވެ. ފެންނަ ފެނުމަށް އެވާހަކަތައް ވަރަށް ގިނައިން ވިދާޅުވާން ޝައުގުވެރިވެވަޑައިގަންނަވާހެން ހީވެ އެވެ. އަދި އޭގެ ތެރެއިން ގިނަ ވާހަކަ ލުތުފީ ރައްދު ކުރައްވަނީ އޭނާގެ ގާތް އެކުވެރިޔާ، ރައީސް ނަޝީދަށެވެ. އެ ވަހަކަތައް އެހެން ދެންނެވި ކަމަށް ވިޔަސް ނަޝީދާމެދު ޒާތީ ހަސަދަވެރި ކަމެއް ނެތް ކަމަށް ލުތުފީ ވިދާޅުވެ އެވެ.

"ނަޝީދާމެދު އަޅުގަނޑުގެ އޮތީ ގައުމީ މައްސަލައެއް!"

ލުތުފި ވިދާޅުވި ގޮތުގައި ވެރިކަމުގައި ނަޝީދު މަސައްކަތް ކުރެއްވީ ހުރިހާ ބާރެއް މުށުތެރޭގައި ފިއްތާފައި ބާއްވާށެވެ. އެކަމަށްޓަކައި ޗާޓުން ބޭރުގައި ކުރައްވަން ބޭނުންފުޅުވި ކަންތައްތައް ގެންދެވީ ފުރިހަމައަށް ކުރައްވަމުންނެވެ. އޭގެ މީސާލު ލުތުފީ ދެއްކެވީ އޭނަގެ އަމިއްލަފުޅު އާއިލާއާ އޭނާގެ މައްޗަށް ނަޝީދުގެ ކަންތައް ކުރައްވަން ރޭއްވެވި ގޮތްތަކާއި އޭގެތެރެއިން ކުރެއްވުނު ކަންކަކަމުންނެވެ.

"އަޅުގަނޑު ހަތަރު ކުދިންނާ އެކު ސްވިޒަލޭންޑްގައި ދިރިއުޅުނީ އެއީ ފެޑަރަލިޒަމް އޮންނަ ގައުމެއް އެތާނގައި އަޅުގަނޑު ހުންނަނީ ރީޖަނަލް ސަރުކާރެއްގައި އެއްވެސް އިންސާނަކު ގަބޫލެއް ނުކުރާނެ އަޅުގަނޑުގެ ކުދިން ކުށެއް ނުކުރާ އިރު އެކުދިން ހައްޔަރުކޮށްގެން ޔަތީމް ހާނާއަކަށް ގެންދަންޖެހޭނެ ކަމަކަށް. މިއީ ވަރަށް އަސަރުން ފުރިގެންވާ ވާހަކައެއް. ތެދެއް އަޅުގަނޑު އެތައް ފަހަރަކު ޖަލަށް ލެވުނު ޖަލުގައި އަނިޔާ ލިބުނު އެއީ ހަގީގަތެއް. އެކަމަކު އަޅުގަނޑަކީ ބަދަލު ހިފާ މީހެއް ނޫން ރައީސް ނަޝީދުގެ ވެރިކަމުގައި އަޅުގަނޑު އެމަނިކުފާނާ ހިޔާލު ތަފާތުވެ ފާޑު ކިޔަން ފެށީމާ ރައީސް ނަޝީދު ބޭނުންފުޅުވީ އަޅުގަނޑު މައިތިރި ކުރަން އަޅުގަނޑުގެ ކުދިން ޖަލަށް ލައިގެން ވެސް. އަޅުގަނޑު ހައްލާލައިގެން ކަންތައްތައް ކުރަން ވަރަށް ގިނަ މަސައްކަތް ކުރެއްވި. އެކަމަކު އަޅުގަނޑު ދެންނެވިން ކިތަންމެ މިލިޔަން ޑޮލަރެއް އަޅުނގަނޑުގެ ގޭގެ މޭޒުމައްޗަށް އެޅިޔަސް އަޅުގަނޑުގެ ނަފުސެއް ނުވިކޭނޭ،" ލުތުފީ ވިދާޅުވި އެވެ.

ލުތުފީ ވިދާޅުވި ގޮތުގައި އޭނާ ހައްލާލުމަށް ފަހު "ފިއްތާފައި ބާއްވަން" ރައީސް ނަޝީދު ކުރެއްވި މަސައްކަތަށް "ނޫނެކޭ" ދެންނެވުމުން ރައީސް ނަޝީދު ދެން ބެއްލެވީ އިންޓަނޭޝަނަލް ކޮންސްޕިރަސީއެއް ރާއްވަވައިގެން ބޭނުންފުޅުވާ ގޮތަށް ކަން ކޮށް "ސަންދާން ލުތުފީ" ނިންމާލާށެވެ.

"އިންޓަނޭޝަނަލް ކޮންސްޕިރަސީއެއް ނުވަތަ ޕްލޮޓެއް ރޭއްވެވީ އަޅުގަނޑަށް ފުރަތަމަ ވެސް އެނގުނު އަޅުގަނޑު އުޅޭ ހިސާބުގެ އަވަށު އޮފީހަށް އަޅުގަނޑު ހާޒިރުކޮށް އެބޭފުޅުން ވިދާޅުވަނީ ލުތުފީއަކީ ޖަލުގައި ވަރަށް އަނިޔާ ލިބިފައި ހުރި ބޭފުޅެއް ނޫން ހެއްޔޭ؟ ތިމަންނަމެން ބޭނުންވެއޭ އެހީވާން. ލުތުފީގެ ކުދިންނަށް ވެސް އެހީވާނަމޭ. ލުތުފީ ވަޑައިގަންނަވާށޭ ޑޮކްޓަރަށް! ވަގުތުން ވަގުތަށް އަޅުގަނޑުގެ ކުދިން ނަގާފައި ޔަތީމްހާނާއަކަށް ލީ. އަޅުގަނޑު ބުނިިން ކަމާބެހޭ ފަރާތްތަކުގައި މައްސަލަ ޖައްސާނަމޭ، ހަތަރު މަސް ދުވަހުގެ ކޯޓް ބެޓްލްއަކަށް ފަހު ކޯޓުން ބޭރުގައި އަޅުގަނޑު ކުދިން އަނބުރާ ހޯދީ. އެދުވަސްތަކުގައި އަޅުގަނޑުގެ އަންހެން ދަރިފުޅާއި ހަގު ފިރިހެން ދަރިފުޅުގެ އަތުގައި ބިޑި އަޅުވާފައި ތިބީ. އަޅުގަނޑު ސުވިސް ސަރުކާރު ވެސް ސުވިސް ފުލުހުން ވެސް ކުށްވެރިއެއް ނުކުރަން އެކަމަކީ ސީދާ ރައީސް ނަޝީދުގެ ސަރުކާރުން ރާވައިގެން ހިންގި ކަމުގެ ފުރިހަމަ ހެއްކާއި ގަރީނާ ހުރި ބޮޑު ޖަރީމާއެއް،" ލުތުފީ ވިދާޅުވި އެވެ. "ދިވެހި ސަރުކާރަށާއި ދައުލަތަށް ގޮވާލަން ރައީސުލް ޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވައިގެން ނަޝީދު މިފަދަ ބޮޑު ޖަރީމާއެއް ހާއްސަކޮށް ރާއްޖެއަށް ސިޔާސީ ބަދަލުތައް ގެނަންނަން މަސައްކަތަކުރި މީހެއްގެ ކުދިންނަށް ދިނީތީ މިކަން ބަލައި ދިނުމަށް. މިިއީކީ ކުޑަ މައްސަލައެއް ނޫން. އަޅުގަނޑުގެ ދަރިންނަށް ގެއްލުންތަލުގެ ތެރޭގައި އެއް ކުއްޖަކު ހޮސްޕިޓަލުގައި އެޑްމިޓް ކުރަން ޖެހުނު އަނެއް ކުއްޖަކަށް ނަފުސާނީ މައްސަލަތައް ދިމާވި މިއީ ޑޮކިއުމެންޓް ކުރެވިފައި ހުރި ކަންކަން ހައްޔަރުކުރި މަންޒަރުގެ ފޮޓޯއާ ވީޑިއޯ އެބަހުރި. މިއީ މަޖަލަކަށް ސަމާސާއަކަށް ދައްކާ ވާހަކައެއް ނޫން،"

ލުތުފީ ވިދާޅުވި ގޮތުގައި އެތައް ފަހަރަކަށް އޭނާ ޖަލަށް ލެވުނެވެ. ބަދަލު ގެނަން އުޅޭއިރު އަނިޔާއާ އަދަބު ލިބޭ ކަންކަން ކުރެވުމަކީ ހުރިހާ އެންމެނަށް ވެސް ދިމާވާ ކަމެކެވެ. އެކަމަކު ގަބޫލު ނުކުރައްވާނެ ކަމަކީ އޭގެ ބަދަލުގައި ކުދިންނަށް، ދަރިންނަށް އަނިޔާ ކުރުމެވެ.

"ދަރިންނަށް އަނިޔާ ކުރުމަކީ އަޅުގަނޑު ގަބޫލު ކުރާނެ އުސޫލެއް ނޫން. ރައީސް ނަޝީދާ އެކު މަސްކަތް ކުރައްވާ ބޭފުޅުން އިހުލާސްތެރިކަމާ އެކު ވިދާޅުވާ ކަމަށް ވަންޏާ އަޅުގަނޑު މިދެއްކި ވާހަކަ ގަބޫލު ކުރައްވާނެ، ޗާޓުން ބޭރުގައި މިކަހަލަ އެތައް ކަމެއް ކުރެއްވި ނިޒާމުން މީހުން ގެއްލުވާލުން މިކަހަލަ ބައިވަރު. ކުރުކޮށް މި ކިޔައި ދެވުނީ ރައީސް ނަޝީދު!"

ނަޝީދު ރޭއްވެވި ޕްލޮޓްގައި ނުފޫޒަކުން ލުތުފީ ގަނެލައިގެން މާލެ ގެނެސް ނަޝީދުގެ ކޮންޓްރޯލްގައި ބެހެއްޓުމަށް ނަޝީދު ބޭނުންފުޅުވި ކަމަށް ލުތުފީ ވިދާޅުވެ އެވެ. އަނެއް ބައިފަހަރު އެހެން ގޮތަކުން ފިއްތައި ރާއްޖެ ނުގެނެސް ބެހެއްޓުމުގެ ވިސްނުން ވެސް ގެންގުޅުވި އެވެ. އެކަން ކުރައްވަން ބޭނުންފުޅުވީ މަގާމެއް ނުވަތަ ފައިސާތަކެއް ދީގެން ނޫނީ ވިޔަފާރިއެއް އުފައްދައިދީގެނެވެ.

ރައީސް ނަޝީދަށް ވެރިކަން ލިބިވަޑައިގެންނެވުމާ އެކު އަރިސް ބޭފުޅުންގެ ތެރެއިން މައުސޫމް ގުޅުއްވާފައި ރާއްޖޭ އައުމަށް އެދިވަޑައިގެންނެވި އެވެ. އޭގެ ހަގީގަތް ވެސް ލުތުފީ ހިއްސާކުރެ އެވެ: "އަޅުގަނޑު ގާތުގައި ވިދާޅުވީ ރާއްޖެ އަންނާށޭ، އެޓާމްސް އަޅުގަނޑު ގަބޫލެއް ނުކުރަން. އޭރު އަޅުގަނޑުގެ މައްޗަށް ހުކުމެއް އޮތް. ހުކުމެއް އޮއްވާ އަޅުގަނޑު ރާއްޖެ އައިސްފިއްޔާ އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އަޅުގަނޑު ހައްޔަރު ކުރަންޖެހޭނެ. އަޅުގަނޑު ޖަލަށް ވެސް ދާންޖެޙޭނެ. އެއީ ހުކުމެއް އޮއްވާ ފިލި މީހެއް އަޅުގަނޑަކީ. އެ ހުކުމް އަޅުގަނޑު ގަބޫލު ކުރިޔަސް ނުކުރިޔަސް ޝަރުއީ ކޯޓަކުން އަޅުގަނޑުގެ މައްޗަށް ކުރި އޮތް ހުކުމެއް އޮއްވާ އަޅުގަނޑު މާލެ އެނބުރި އައިސްފި ނަމަ ދާންޖެހޭނީ ޖަލަށް. ދެން ރައީސް ނަޝީދު އަޅުގަނޑަށް ފޯނު ކުރެއްވާފައި ވިދާޅުވަނީ ތިމަންނާ ނޫންހޭ ވެރިކަމުގައި މިހުރީ ތިމަންނަގެ ވެރިކަމެއްގައި ލުތުފީ ޖަލަށް ދާކަށް ނުޖެހޭނޭ، އަންނާށޭ! އަޅުގަނޑު ދެންނެވިން އެހެނެއް އަޅުގަނޑެއް ނުދާނަމޭ، ގާނޫނާ ހިލާފު އެއްވެސް ކަމަކަށް އަރައިގަންނާކަށް ބޭނުމެއް ނޫނޭ. ކޮންމެއަކަސް އަޅުގަނޑު އެއްބަހެއް ނުވިން އަންނާކަށް،"

އޭގެ ފަހުން ރައީސް ނަޝީދު ވަޑައިގެންނެނެވީ ޖެނީވާ އަށެވެ. އެ ދަތުރުފުޅުގައި ލުތުފީއާ ބައްދަލުވެޑައިގެން ވެސް އެދިވަޑައިގަތީ އަވަހަށް ރާއްޖެ ވަޑައިގަތުމަށެވެ. ލުތުފީގެ ވާހަކަތަކުން ދޭހަވަނީ ރައީސް ނަޝީދު އޭރުން ފެށިގެން ބޭނުން ފުޅުވީ ލުތުފީގެ "އަނގަން ބަންދުކޮށްފައި" ބަހައްޓަން ބޭނުންފުޅުވާތީ މާލެ ގެންނަން އަވަސް އަރައިގެން އުޅުއްވީ ކަމަށެވެ.

"ޖެނީވާއަށް ވަޑައިގަތުމުން އަޅުގަނޑު ދިޔައީ ބައްދަލު ކުރަން. އަޅުގަނޑު ދެންނެވިން ޕާސްޕޯޓް އަޅުގަނޑަށް ލިބޭ ގޮތް ހައްދަވައިދެއްވާށޭ، މާފުގެ ކަންތައްތައް ގާނޫނުގެ ތެރެއިން ހަމަޖެހުނީމާ އަޅުގަނޑު މާލެ ދާނަމޭ. ދެން ވަގުތުން ވިދަޅުވެއްޖެ ލުތުފީއަށް ތިމަންނާ ދޭނީ ރަތްޕާސްޕޯޓެކޭ! އަޅުގަނޑު ދެކޭ ގޮތުގައި ރައީސް އަޅުގަނޑުގެ ކިތަންމެ ބޮޑު ރައްޓެއްސަކަށް ވިޔަސް އަޅުގަނޑަކަށް ރަތް ޕާސްޕޯޓެއް ނުދެވޭނެ ހަމަ ބޭނުންވާއިރަކަށް، ލިބޭކަށް ނުޖެހޭ! އެ ބައްދަލުވުމަށް ފަހު ތިރިއަށް ވަޑައިގެން ޖެނީވާގައި ތިއްބާ ދިވެހި ބޭފުޅުންނާ އެކު، ވަރަށް ގިނަ ބަޔަކު ހެކިވާނެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ނަސީމަށް ގޮވާފައި ވިދާޅުވީ ލުތުފީއަށް ވަގުތުން ރަތް ޕާސްޕޯޓެއް ހަމަޖައްސާށޭ. އަޅުގަނޑު ނުވެސް ދަންނަވަން ރަތް ޕާސްޕޯޓެއްގެ ވާހަކައެއް އަޅުގަނޑުގެ އަމިއްލަ ޕާސްޕޯޓް ބޭނުންވެގެން އުޅުނީ... ކޮންމެއަކަސް އެ ޕާސްޕޯޓެއް ވެސް ނުލިބުނު އަޅުގަނޑު ޕާސްޕޯޓެއް ވެސް ނުލިބުނު. ދެން އެ ވާހަކަތައް ސޯޝަލް މީޑިޔާގައި ލިޔުނީމާ ރައީސް އޮފީހުން މައުސޫމާއި ޑޭވިޑް ޙާޑިންހަމް އަޅުގަނޑަށް ގުޅުއްވާފައި ޕާސްޕޯޓް ވަގުތުން ވަގުތަށް ހަދާފައި ފޮނުވަނީ އެއީ ފުރަތަމަ މައްސަލަ،"

ނަޝީދުގެ ވެރިކަމުގެ ކުރީ ކޮޅުން ފެށިހެން ނަޝީދުގެ ސަރުކާރުގެ ގޯސް ކަންކަން ސޯޝަލް މީޑިޔާގައި ލުތުފީ ގެންދެވީ ލިޔުއްވަމުންނެވެ. އެއާ އެކު ނަޝީދުގެ ސަރުކާރާ ދެކޮޅަށް ކެމްޕޭނެއް ފައްޓަވާނެ ކަމަށް އިއުލާން ކުރެއްވި އެވެ. ލުތުފީ ވިދާޅުވީ އެކަން އެގޮތަށް ހިނގުމާ އެކު ނަޝީދު ސުވިސް ސަރުކާރުގައި ދަންނަވައިގެން އޭނާއާ ކުދިން ރާއްޖެ ގެނައުމަށް މަސައްކަތް ކުރެއްވި ކަމަށާއި އެކަން ކުރެއްވީ ޑިމޮކްރަސީގެ ނަމުގައި ކަމަށެވެ.

"ސުވިސް ސަރުކާރަށް ނަޝީދު ސިޓީ ލިޔުއްވަނީ ތިމަންމެންގެ ގައުމުގައި މިހާރު ޑިމޮކްރަސީ އެބައޮތޭ، މިނިވަންކަން އެބައޮތޭ ލުތުފީއާއި ދަރިން ފޮނުވައިދޭށޭ އެއީ ވަރަށް ބޮޑު ޖަރީމާއެއް އަޅުގަނޑުގެ ނަޒަރުގައި އަޅުނޑު ސުވިޒަލޭނޑުގައި ހުރީ އެސައިލަމްއަށް ގޮސް. ސުވިސް ސަރުކާރުން އަޅުގަނޑު ގެންދިޔައީ. އެސައިލަމް ޕްރޮސެސް ރައީސް ނަޝީދަށް އެނގިވަޑައި ނުގަންނަވާ ކަހަލަ! އެސައިލަމް ލިބުނީމަ ދެންވާ ގޮތަކާއި ރައްވެއްސަކަށްވާ ގޮތާ ހައްގުތަކާ އޮތް އެއްޗެއްސަކީ ކޮބައިކަން ރައީސް ނަޝީދު ޔޫރަޕުން ކިޔަވާ ވިދާޅުވީ ބޭފުޅަކަށް އެނގިވަޑައި ނުގަތީމާ ހައރާންވޭ. ދައުލަތުގެ އެފަދަ މަގާމެއްގައި ހުންނަވައިގެން ސުވިސް ސަރުކާރަށް އެފަދަ ސިޓީއެއް ލިޔުއްވީތީ ވެސް ހައިރާންވޭ ސިޓީތަކުގެ ކޮޕީ އެބަހުރި،"

ލުތުފީ ވިދާޅުވީ ރައީސް ނަޝީދަކީ ސިދާ ޑިކްޓޭޓަރެކޭ ދަންނަވަން ދައްޗެވެ. އެކަމަކު ނަޝީދު ބޭނުންފުޅުވެފައި އޮތީ ޑިމޮކްރަސީ ނިވަލުގައި ހުންނަވައިގެން ނުރައްކާތެރި ޑިކްޓޭޓާޝިޕެއް އުފައްދާށެވެ؛ "އެއް މިސާލު އަޅުގަނޑުގެ އާއިލާއަކީ އަޅުގަނޑަކީ އަހެއް އެއްކޮށް ވެރިކަން ބަދަލުކުރަން އެއްކޮށް މިނިވަން ރޭޑިއޯ ހިންގި ގާތް މީހެއް. ފޯނު ނަގާފައި ބޭނުން އިރަކު ގުޅޭ އެހާ ގާތް އެހެންވީމާ އަޅުގަނޑާ ހާއްސަކޮށް އަޅުގަނޑުގެ ކުދިންނާ ދޭތެރޭގައި އަފަދަ ބޮޑު ޖަރީމާއެއް ހިންގާއިރު، ދިވެހި ރައްޔިތުންނާ ދޭތެރޭގައި ކަންކުރާނެ ގޮތް ވިސްނަވާ! ނަޝީދަކީ ޑިމޮކްރަސީ ނިވާފަތްގަނޑަކަށް ހައްދަވައިގެން ވަރަށް ބޮޑު ޖަރީމާއެއް ދިވެހި ރައްޔިތުންގެ މައްޗަށް ހިންގަވަން އުޅުއްވި ބޭފުޅެއް. އެމަނިފާނު ވެރިކަމުން ފާބައި ވަޑައިގެންނެވީ ދިވެހި އުންމަތުގެ ބިންގަލުގެ ރެނދު އަޅުވާލާފައި،"

ދީނީ ކަންކަމުގައި ރައީސް ނަޝީދުގެ ސަރުކާރުގެ މައްޗަށް ކުރާ ތުހުމަތުތަކާ ބެހޭ ގޮތުން ލުތުފީ ވިދާޅުވީ ބަޔަކަށް އެއީ ފޮރުވިފައިވާ އެޖެންޑާއެކޭ ހީވެ ޝައްކުގައި ތިބި ނަމަވެސް އެއީ ފާޅުގައި ރޭވިގެން ތަރުތީބަކުން ހިނގަ ހިނގާ އޮތް އެޖެންޑާއެއް ކަމަށެވެ.

"އެ ބޭފުޅުންނަކީ އަޅުގަނޑާ ވަރަށް ގާތް ބޭފުޅުން، އަޅުގަނޑު ދަންނަވާނީ ވެރިކަން ބަދަލު ކުރަން އަޅުގަނޑުމެން އިނގިރޭސި ވިލާތާއި ސުވިޒަލޭންޑުގައި މަސައްކަތްކުރި އިރު އޭގެ ތެރޭގައި ލާދީނީ ފިކުރުގެ ބޭފުޅުން ތިއްބޭ، ވަރަށް ބޮޑަށް ލާދީނީ ވާހަކަށް އޮތޭ، މިލަހަލަ ޕަބްލިކް އިންޓަވިއުއެއްގައި ދައްކަން އުޒުރުވެރިވާވަރަށް އޭރު އެބޭފުޅުން ވަނީ އެވަހަކަ ދައްކަވާފައި. އޭރަކު އަޅުގަނޑަކަށް ނޭނގޭ ނަޝީދު މިފަދަ ކަމެއް ކުރައްވާފާނެ ކަމެއް. އެހެން ނަމަވެސް ވެރިކަން ބަދަލުވެގެން އެބޭފުޅުންގެ އިންފްލުއެންސް ސަރުކާރުގެ ތެރެއަށް ވަދެގެން ރާއްޖެ ލާދީނީ ތަނަކަށް ހަދަން މަސައްކަތް ކުރެއްވި ކުރެއްވުމަކީ އަޅުގަނޑު ހައިރާންވި ކަމެއް ނޫން،

"އެބޭފުޅުންނާ އެކު އުޅުނު އިރު ދައްކަވާފައި ހުރި ވާހަކަތައް އެއީ. އެއަށް އަމަލީ ސިފަ ގެންނަން މަސައްކަތް ކުރެއްވިތަން އަޅުގަނޑަށް ފެނުނީ. ރަލުގެ މައްސަލައަކީ އެއްކަންތައް، އެކަހަލަ ބައިވަރު. އެހެންވީމާ އެއީ ހިޑުން އެޖެންޑާއެއް ނޫން. އަޅުގަނޑަށް އޮތީ މާކުރީގައި އެކަން ފަޅާ އަރާ ނިމިިފައި. އެކަމަކު އެބޭފުޅުންނަކީ އަޅުގަނޑުގެ ވަރަށް ގާތް ބޭފުޅުން ކޮންމެހެން ނަން ނުދެއްނެވިޔަސް. އެ ބޭފުޅުން ވަނީ ރާއްޖެ ސެކިއުލާ ގައުމަކަށް ހަދަން ނިންމާފައި. އަޅުގަނޑު އޭރުވެސް ދެންނެވިން އެކަން އެހެނެއް ނުވާނޭ ދިވެހިންނަކީ މުސްލިމުންނޭ. އަދި ދެންނެވިން އެކަން އެހެން ކުރަން އުޅުމަކީ އަމިއްލަ ކަރަށް ވަޅި ހެރުން ފަދަ ނުރައްކާތެރިި ކަމެކޭ އަޅުގަނޑު ކައިރީގައި އެބޭފުޅުން، ރަސޫލާ އަށާއި އިސްލާމްދީނަށް މަލާމާތްކޮށް ދެއްކެވި ވާހަކަތައް ރާއްޖޭގެ ފަސްގަނޑުގައި އަޅުގަނޑު ދައްކައިފިއްޔާ ވަރަށް ބޮޑެތި ލޭއޮރުވުންތައް ރާއްޖޭގައި ހިނގާނެ ކަމަށް އޭރުވެސް ދެންނެވިން... އެ ބޭފުޅުން އެކަން ކުރެއްވީ ފާޅުގައި ރާވައިގެން، ރަސޫލާއަށް މަލާމާތްކޮށް ފުރައްސާރަ ކޮށް ހެދި ހިސާބުން ވެސް އެއޮތީ ފެންނަން،"

ލުތުފީ ވިދާޅުވި ގޮތުގައި ރާއްޖެ ސެކިއުލާ ގައުމަކަށް ހެދުމުގެ މަސައްކަތަކީ ރައީސް ނަޝީދުގެ އެކަނި މަސައްކަތެއް ނޫނެވެ. މައުމޫންގެ ވެރިން ބަދަލު ކުރުމަށް އުޅުނު މީހުންގެ ތެރޭގައި އެކަން ރޭވި އޮތީ ފެށިފަ އެވެ.

"އޭގެ ތެރޭގައި ތިބި ދީނުގެ ފިކުރުތައް ގަބޫލު ނުކުރާ ސެކިއިލާ ހިޔާލުގެ ބޭފުޅުންތަކެއް އެބޭފުޅުން އަޑީގައި ތިއްބަވައިގެން ހުރިހާ ކަމެއް ކުރީ. އެހެންވިމާ ސިސްޓަމެޓިކްކޮށް ރޭވިގެން މަޑުމަޑުން ހިނގަމުން އައީ. ކޮންމެ އިސްލާމީ މުޖުތަމައެއްގައި ވެސް ތިބޭނޭ އިސްލާމީ ފިކުރާ ދުރުމީހުން. އެކަމަކު އެމީހުންނަށް ލެޖިޓިމަސީ ދީ އުޅެން ބޭނުންވާ ދީނަކަށް އުޅޭނެ މާހައުލެއް ގާއިމުކޮށް ދިނުމަށް، އެކަން ކޮށްދެއްވުމަށް ރައީސް ނަޝީދު ބުރަކޮށް މސައްކަތް ކުރެއްވި،"

ވެރިކަމުގެ ކުރީކޮޅުން ފެށިގެން އިދިކޮޅު ފަރާތްތަކާއި ދީނީ އިލްމުވެރިންނާ ދެކޮޅަށް ނުރައްކާތެރި ރޭވުންތައް ރައީސް އޮފީހުގެ ތެރޭގައި ޕްލޭން ކޮށް މަސައްކަތް ފަށާފައިވާ ކަމަށް އެތެރޭގައި ތިބި އެކުވެރިންނާ ހިއްސާ ކުރެއްވި ކަމަށް ވެސް ލުތުފީ ވިދާޅުވެ އެވެ.

"ރައީސް އޮފީހުގެ ރޭވުންތައް އަޅުގަނޑަށް ޔަގީންވި ހިސާބުން ރީފް ސައިޑް ޒާހިރަށް ގުޅާފައި ދެންނެވިން ރައީސް ނަޝީދު މިކަހަލަ އަމަލުތަކެއް އެބަ ހިންގަވައޭ އަދި އެންބެސަޑަރު ނަޒާކީ ޒަކީއަށް ވެސް ދެންނެވިން، ޒަކީ ހިނިފުޅު ވަޑުވާފައި ވިދާޅުވީ ކޮބައިހޭ ހެކި އަޅުގަނޑު ޒަކީއަށް ތަފުސީލު ކޮށްދިނިން،" ލުތުފީ ވިދާޅުވި އެވެ.

"ވެރިކަމުގެ ބާރުގަދަކޮށް އޮޕޯނަންޓް ބަލި ކުރަން ފައިސާ އާއި އަންހެނުން ކުދިންނާއި މަގާމަކީ ވަރަށް ބޮޑު ރޯލެއް ކުޅޭ އެއްޗެއް. ރައީސް ނަޝީދަށް ކޮންޓްރޯލް ނުކުރެެއްވޭ ބޭފުޅުން ހާއްސަކޮށް ދީނީ ބޭފުޅުން ނައްތާލުމަށް ނަޝީދު ބޭނުން ކުރެއްވީ އަންހެން ކުދިން. އެކަން ކުރުމަށް ބޭނުން މެދުވެރިކުރީ ރާއްޖޭން ބޭރުގައި ގާއިމުކޮށްފައި ހުރި ދިވެހި ދައުލަތުގެ މިޝަންތައް. އޭގެ ވަރަށް ގިނަ ތަފުސީލާއި ހެކި އަޅުގަނޑުގެ އަތުގައި އެބަހުރި އަޅުގަނޑު ތުހުމަތު ކުރަން ރައީސް ނަޝީދާ އެއްބައިވެގެން އުޅުއްވާ ދީނީ ބައެއް ދަންނަ ބޭކަލުންނަކީ އޭގެ ޝިކާރައަކަށްވެފައިވާ ބޭފުޅުން ކަމަށް. ނަޝީދު ކުރެއްވި ކަންތައް އޅުގަނޑު މި ފާހަގަ ކުރަނީ ﷲ ގަންދީ ހުވާކޮށްފައި ފުރިހަމަ ހެކި ހުރެގެން،"

ލުތުފީ ވިދާޅުވި ގޮތުގައި ރާއްޖޭގެ މައްޗަށް ބޭރުގެ ނުފޫޒު ވަރަށް ބޮޑު ކަމަށާއި ޕްރެޝަރު ބޮޑުވެފައިވާ މައިގަނޑު ސަބަބަކީ ވެސް ނިވާފަތްގަނޑުގައި ޑިމޮކްރަސީއާއި އިންސާނީ ހައްގުތައް ބާއްވައިގެން ރާއްޖޭގެ ފަތުރަން ބޭނުންވާ ލާދީނީ ފިކުރު ފެތުރަން މަސައްކަތް ކުރުމެވެ.

"ބޭރުގެ ޕްރެޝަރު ވަރަށް ބޮޑަށް އެބައޮތް ރާއްޖެއަށް އެ ޕްރެޝަރު އޮންނަން ޖެހެނީ ވެސް ސަބަބުތަކެއް އޮވެގެން ޑިމޮކްރަސީގެ ނިވަލުގައި އޭބޭފުޅުން ބޭނުންފުޅުވާ ފިކުރުގެ ބޭފުޅަކު ގައުމުގެ ބާރުތަކުގެ ތެރެއަށް ވައްދާލައިގެން އިސްލާމް ދީނާ ދެކޮޅު ފިކުރު ފަތުރަން. އެކަހަލަ ކަމެއް ރާއްޖޭގައި މިހިނގަނީ މިސުރުގައި ވެސް ލީބިޔާގައި ވެސް ހިނގި ކަންތައްތަކުގެ މިސާލެއް މި ހިނގަނީ،. ދީނީ މިނިވަން ކަން އޮތުމަށް ބޭރުން ގޮވާލަނީ ރާއްޖޭގައި އެކަމަށް ލޮބީ ކުރާ ބަޔަކު ތިބުމުން. ރައީސް ނަޝީދުގެ ސަރުކާރު އަޅުގަނޑުމެނަށް ފެނުނީ އެއް ޖިންސުން ގުޅުން ހިންގުމާއި ބޭނުން ދީނަކަށް އުޅުމުގެ ނުވަތަ ދީން ދޫކުރުމުގެ ފިކުރުގައި ތިބި ދިވެހިންތަކަކަށް ތައްގަނޑު ނުޖެހިނަމަވެސް އެކަން ލެޖިޓިމައިޒް ކޮށްދޭން މަސައްކަތް ކުރި މަންޒަރު. ވަރަށް ފާޅުކަން ބޮޑުކޮށް އިންސީނާ ހައްގުގެ ނަމުގައި ދީނީ މިނިވަން ކަމަށް ގޮވާ މުޒާހަރާ ކުރީ ސީދާ ރައީސް އޮފީހުން ރާވައިގެން،"