00:19


އެމްޑީޕީގެ ތިން ވަނަ ކޮންގްރެސް އަންނަ އޮކްޓޫބަރު މަހުގެ ބާއްވާ ގޮތަށް އެޕާޓީގެ ގައުމީ މަޖިލީހުން ރޭ ފާސްކޮށްފި އެވެ.


ތެއްތިރީސް މެންބަރުން ބައިވެރިވި، ގައުމީ މަޖިލީހުގެ 82 ވަނަ ޖަލްސާގައި ރޭ ނިންމާފައި ވަނީ ޕާޓީގެ ކޮންގްރެސް ބާއްވާނީ އޮކްޓޫބަރު މަހުގެ 28 އިން 30 އަށް ކަމަށާއި މި ދެމެދަށް ހިނގާ މުއްދަތުގެ ތެރޭގައި ކޮންގްރެސް އަށް ވާންޖެހޭ ތައްޔާރީތައްކޮށް ނިންމުމަށެވެ.


އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޝާހު މިރޭ ވިދާޅުވީ ކޮންގްރެސް ބޭއްވުމުގެ ކުރިން ޕާޓީގެ ދެ ކަމެއް ފުރިހަމަވާން ޖެހޭ ކަމަށާއި އެއީ ދާއިރާތަކުގެ އިންތިހާބު ބޭއްވުމާއި އަސާސީ ގަވައިދަށް އިސްލާހު ހުށަހަޅާއި ނިންމުން ކަމަށެވެ. އެ މަސައްކަތް ހިނގަމުން އަންނަ ކަމަށް ވެސް ޝާހު ވިދާޅުވި އެވެ.


"މި ކޮންގްރެސް އަށް ބޭރުން ވަޑައިގަންނަވާ ފަރާތްތަކާއި އެހެންވެސް ކަންކަން އިންތިޒާމު ކުރުމުގެ ބައިތައް ހިނގަމުން އެބަދޭ،" ޝާހު ވިދާޅުވި އެވެ.


އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވެސް ބައިވެރިވެ ވަޑައިގެންނެވި ގައުމީ މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ޗެއާޕާސަން މާރިޔާ އަހުމަދު ދީދީ އެވެ.


ރޭގެ ޖަލްސާގައި ޕާޓީގެ އަސާސީ ގަވައިދަށް ބަދަލު ގެނައުމަށް އާންމު މެންބަރުން އިސްލާހު ހުށަހެޅުމަށް 14 ދުވަހުގެ ފުރުސަތެއް ހުޅުވައިލުމުގެ އިތުރުން  އަސާސީ ގަވައިދުގެ 31 ވަނަ މާއްދާ އާއި 33 ވަނަ މާއްދާގައި ބަޔާންކުރާ ގައުމީ މަޖިލިސް އެކުލެވިގެންވާ ގޮތާއި ކޯރަމްގައި ގުނޭ ވޯޓު ލިބިގެންވާ މެންބަރުންނަކީ ކޮބައިކަން ބަޔާންކުރާ މާއްދާ އިސްލާހު ކުރުންވެސް އޮތެވެ. އަދި އަންނަ މަހު ބާއްވާ ޕާޓީގެ ދާއިރާތަކުގެ އިންތިހާބުގައި އެމްޑީޕީގެ ސެކްރެޓޭރިޓްގެ މުވައްޒަފުންނަށް ވާދަ ނުކުރެވޭ ގޮތަށް ފާސް ކުރުމާއި އިންތިހާބާ ބެހޭ ކޮމެޓީއަކާއި ޝަކުވާ ހުށަހަޅާ ކޮމެޓީއެއް ނެގުން ވެސް އޮތެވެ.