އއ. ހިމަންދޫގައި ދެ ރޭ މަތިން ދެ ތިޖޫރިއެއް ފަޅަލައިގެ އޭގެތެރެއިން އެއް ތިޖޫރީ އިން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފި އެވެ.

އއ. ހިމަންދޫ ކައުންސިލްގެ ރައީސް އަލީ ނަސީރު މިއަދު ވިދާޅުވީ ފުރަތަމަ ފަޅާލައިފައި ވަނީ ހުކުރު ދުވަހުގެ ރޭ އެ ރަށު ސިއްހީ މަރުކަޒުގެ ތިޖޫރި ކަމަށާއި އެ ތިޖޫރީގައި އެވަގުތު އެއްވެސް ފައިސާއެއް ނެތް ކަމަށެވެ. ނަމަވެސް ވިދިގެން އައި ރޭ އެ ރަށުގެ ސްޓެލްކޯ އިންޖީނުގޭގެ ތިޖޫރި ފަޅާލައި އެ ތިޖޫރިން ގިނަ އަދަދެއްގެ ފައިސާ ވަގަށް ގެންގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ރަށު ސުްޓެލްކޯ އިންޖީނުގޭ ހިންގުމާ ހަވާލުވެ ހުންނެވި އަބުދުލްﷲ ޖަމީލް މިއަދު ވިދާޅުވީ އެތަނުގެ ތިޖޫރި ފަލާލައިގެން 67419.44ރ. ގެންގޮސްފައިވާ ކަމަށާއި އެކަން ކޮށްފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ދަންވަރު އެތަނުގައި އިން ސެކިއުރިޓީ ގާޑް ކަނު ބަދެފައި ކަމަށެވެ.

"ޑިއުޓީގައި އިން ކުއްޖާ ބުނީ ދެ މީހަކު މޫނު ނިވާކޮށްގެން ކަމަށް އައިސް ވަނީ. އަދި ވަދެ ޑިއުޓީގައި އިންކުއްޖާ ބަދެފައި ތިޖޫރި ގެންދިޔައީ. އެއަށް ފަހު އެތަނުގައި ބޭރުގައި ތިޖޫރި ބަހައްޓާފައި އޭތި ފަޅަލައިގެން ފައިސާތައް ވަގަށް ގެންގޮސްފައި ވަނީ،" ޖަމީލް ވިދާޅުވި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެ ދެ މައްސަލަ ވެސް ތަހުގީގް ކުރަމުން އަންނަ ކަމަށާއި ސިއްހީ މަރުކަޒްގެ ތިޖޫރި ފަޅާލި މައްސަލާގައި އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށާއި ނަމަވެސް އިންޖީނުގޭގެ ޑިއުޓީގައި އިންމީހާ ރަހީނުކޮށް އެ ތިޖޫރި ފަޅާލައި ފައިސާތައް ވަގަށް ގެންދިއުމުގެ ތުހުމަތުގައި ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެ ދެ މީހުނަކީ އުމުރުން 18، އަހަރާއި 21 އަހަރުގެ ދެ މީހުން ކަމަށެވެ.
އެމީހުނާ ބެހޭ އިތުރު މައުލޫމާތެއް ނުދެ އެވެ.

އަދި މިހާތަނަށް އޭގެތެރެ އިން އެއްވެސް ފައިސާ ފެނިފައެއް ނުވެ އެވެ. ފުލުހުން ދަނީ މިހާރު އެ ދެ މައްސަލަ ވެސް ތަހުގީގް ކުރަމުންނެވެ.