06 Aug 2012, 13:24
އެމްޓީސީސީ އިން ފެރީޓާމިނަލްތައް ތަރައްގީ ކުރުމުގެ މަސައްކަތްތައް ކުރަމުން ގެންދަނިކޮށް ފެރީގެ ހިދުމަތް ތަރައްގީކޮށް އެންމެ އެކަށީގެންވާ ގޮތެއްގައި އެހިދުމަތް ދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފި އެވެ.
މާލޭ ސިޓީ ކައުންސިލުން އެ މަސައްކަތް ފަށާފައި މިވަނީ އެމްޓީސީސީން ފެރީގެ ހިދުމަތް ތަރައްގީނުކޮށް ޓާމިނަލްތައް ތަރައްގީކުރުމުގެ މަސައްކަތްތައް ފައްޓައި އެ ކުންފުނިން ދެމުން ގެންދާ ބައެއް ކަހަލަ ހިދުމަތްތަކުގެ އަގު ބޮޑުކުރުމަށް ނިންމާފައި ވަނިކޮށެވެ.
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު އިބްރާހިމް ސުޖާއި މިއަދު ވިދާޅުވީ މާލެ ސިޓީގެ ރައްޔިތުންނަށް ފެރީގެ ހިދުމަތް ފޯރުކޮށްދިނުމަކީ އެ ކައުންސިލުން ދޭން ޖެހޭ ހިދުމަތަކަށްވާ އިރު އެ ހިދުމަތްތަކުގެ އަގުތައް އެ ކައުންސިލްގެ ހުއްދައެއް ނެތި އެމްޓީސީސީއަށް ބޮޑު ނުކުރެވޭނެ ކަމަށެވެ. އަދި އަގުތައް ބޮޑު ކުރެވޭނީ ވެސް ހާލަތަށް އަންނަ ބަދަލުތަކެއް ބަޔާންކޮށް އެކަން އެކައުންސިލަށް އަނގައި އެކަންތައް ދިރާސާ ކުރުމަށް ފަހު އެކަންތައް އެގޮތަށް ކުރެވޭނެ ކަމަށް ކައުންސިލުން ނިންމައިފި ނަމަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މީގެ ކުރިން ވެސް ފެރީގެ އަގުތައް އެގޮތަށް ބޮޑުކުރަން ނިންމި. ނަމަވެސް އަޅުގަނޑުމެން އޭރު ވެސް އެކަންތައް އެގޮތަށް ނުކުރެވޭނެ ކަމަށް ބުނުމުން އެކަންތައް ހުއްޓާލީ. އެފަދަ ގޮތަކަށް އަގުތައް ބޮޑުކޮށްފި ނަމަ އަޅުގަނޑުމެން ދާނަން އެކަންތައް ހުއްޓުވަން ވެސް. ނަމަވެސް ސިޔާސީ ގޮތުން މިކަންތައްތައް ވާނެ ގޮތެއް ނޭނގޭ،" ސުޖާއު ވިދާޅުވި އެވެ.
ލާމަޒުކަޒީ ގާނޫނުގެ 42 ވަނަ މާއްދާގެ ނ. ގައި ބުނެފައިވާ ގޮތުގައި ސިޓީ ކައުންސިލުން ދޭން ޖެހޭ ހިދުމަތްތަކުގެ ތެރޭގައި ރަށުގެ ބަނދަރު މަރާމާތުކޮށް ބެލެހެއްޓުމާއި ރަށުގެ ފާލަމާއި ފެރީޓާމިނަލްތައް ހަދައި ހިންގުން ހިމެނެ އެވެ.
ސުޖާއު ވިދާޅުވީ ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތް މާލޭގެ ސިޓީގެ ރައްޔިތުންނަށް ދިނުމަށް މިހާރު ކަނޑައަޅާފައިވާ އަގުތަކަށް ބަދަލުތަކެއް ގެންނަ ކަމުގައިވާ ނަމަ އެ ހިދުމަތް ދޭނެ އިތުރު ބަޔަކު ހޯދާނެ ކަމަށާއި ޓާމިނަލްތަކާ އެކު އެ ހިދުމަތް ދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް މިހާރު ވެސް ފަށައިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެމްޓީސީސީއާ ބައްދަލުކޮށް މިހާރަށް ވުރެެ ހަރުދަނާ ގޮތެއްގައި އެކަންތައް ކުރެވޭނެ ގޮތެއް ހޯދާނެ ކަމަށާއި އެކަށީގެންވާ ގޮތެއްގައި ހިދުމަތްދޭ ނަމަ އެ ފުރުސަތު އެމްޓީސީސީ އަށް ލިބުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމުގައި ސުޖާއު ވިދާޅުވި އެވެ.
"ފެރީގެ ގޮތުގައި އަޅުގަނޑުމެން މިގެންގުޅެނީ ކަންނެލި އޮޑި ނޫންތޯ! އެބަހުރި އަމިއްލަ އުޅަނދުފަހަރުގައި ބޭރު ގައުމުތަކުގައި ވެސް މީހުން އުފުލުމަށް ބޭނުންކުރާ ފެންވަރު ރަނގަޅު ފެރީގައި މިހިދުމަތް ދޭން ޝައުގުވެރިވާ ފަރާތްތައް. އަޅުގަނޑުމެން މިހާރު މިބަލަނީ މިކަންތައްތައް ކުރެވޭނެ ގޮތްތަކެއް،" ސުޖާއު ވިދާޅުވި އެވެ.
އެމްޓީސީސީ އިން ދެމުން އަންނަ ބައެއް ހިދުމަތްތަކުގެ އަގުތަކަށް ބަދަލު ގެނައުމަށް އެކުންފުނިން ނިންމާފައި ވަނީ ޖީއެސްޓީ ދައްކަން ޖެހުމުން ކަމަށާއި ނަމަވެސް އެ ކުންފުނީގެ ބޯޑުން ނިންމާފައި ވަނީ އާންމު ފެރީ ދަތުރުތަކުގެ ޓިކެޓްގެ އަގަށް ބަދަލު ނުގެސް ބައެއް އެހެން ހިދުމަތްތަކުގެ އަގުތަކަށް ބަދަލުގެނެސްގެން އެކުންފުނިން ޖީއެސްޓީ އަށް ދައްކަން ޖެހޭ މިންވަރު ކުޑަކުރުމަށް ކަމަށް އެކުންފުނިން ވަނީ ބުނެފަ އެވެ.
އެމްޓީސީސީން ބަދަލު ގެނެސްފައިވާ ހިދުމަތްތަކުގެ ތެރޭގައި މާލެ ހުޅުމާލެ އަދި ހުޅުލޭއަށް ދަތުކުރާ "އެކްޕްރެސް" ލޯންޗްގެ ހިދުމަތުގެ އަގު 20ރ. އިން 25ރ. އަށް ބޮޑުކޮށް ފެރީތަކުގައި ސައިކަލް ގެންދާ އަގުތަކުގެ އިތުރުން ފެރީ ޓާމިނަލްތަކުގައި ޕާކިން ޒޯންގައި ޕާކްކުރުމުގެ ހިދުމަތުގެ އަގު ވަނީ ބޮޑުކޮށްފަ އެވެ.
އެމްޓީސީން ވިލިމާލޭގެ ފެރީ ޓާމިނަލްގައި އެންޓަޓެއިންމެންޓް ސެންޓަރެއް އެޅުމަށް ނިންމާފައިވާ އިރު ހުޅުމާލެ ފެރީ ޓާމިނަލްގައި އޮޓޯ ގޭޓެއްގެ ހިދުމަތް މިއަހަރުގެ ތެރޭގައި ފަށަން ވަނީ ނިންމައިފަ އެވެ.