އެމެރިކާޖެ ޖައްވީ އިދާރާ ނެޝަނަލް އެރޮނޯޓިކްސް އެންޑް ސްޕޭސް އެޑްމިނިސްޓްރޭޝަން (ނާސާ) އިން މާސް އަށް ފޮނުވި އަގުބޮޑު ޖައްވީ އުޅަނދު ކިއުރިއޮސިޓީ ރޯވާ މާސްގެ ބިމުގައި ހަރަކާތްތެރިވާން ފަށައިފި އެވެ.

މާސްގައި އެއްވެސް ދުވަސްވަރެއްގައި ދިރުން ހުރިތޯ ބެލުމަށް 2.5 ބިލިޔަން ޑޮލަރު ހަރަދުކޮށްގެން ނާސާއިން އުފެއްދި، ދިރާސާކުރާ އުޅަނދު ކިއުރިއޯސިޓީ ރޯވާ މާސްއަށް ތިރިކުރީ ޕެސިފިކް-ޔޫއެސް ގަޑިން އާދީއްތަ ދުވަހުގެ ރޭ 10.30ގައި (މީގެ ކުޑައިރުކޮޅެއް ކުރިން)ނެވެ. އެއުޅަނދު މާސްއަށް ޖައްސާފައި މިވަނީ އަޑު ދަތުރުކުރާ ވަރަށް ވުރެެ 17 ގުނަ ބާރުމިނުގައި ގާތްގަނޑަކަށް ނުވަ މަސް ދުވަހުގެ ދަތުރުކުރުމަށް ފަހުގަ އެވެ.

އުޅަނދު ޖެއްސި މަންޒަރު ނާސާ އިން ވަގުތުން ދުރަށް ދެއްކި އިރު އެމެރިކާ އާއި ދުނިޔޭގެ އެތައް މިލިޔަން މީހުންނެއް ވަނީ އެމަންޒަރު ބަލައިފަ އެވެ. ކުރިން އުފެއްވި އެފަދަ އުޅަނދުތަކާ ހިލާފަށް ކިއުރިއޯސިޓީއަކީ ބަރު އުޅަނދަކަށް ވާތީ އެ އުޅަނދު މާސްގެ ވަޅުގަނޑުތަކުގެ ތެރެއިން ވަޅުގަނޑެއްގައި ޖެއްސީ (ޖައްވީ) ކްރޭނެއްގެ އެހީގައި ކަމަށް ނާސާއިން ބުންޏެވެ.

ނާސާއިން ކުރިން ހިންގި ޖައްވީ ދިރާސާ މަޝްރޫއުތަކާ ހިލާފަށް ކިއުރިއޯސިޓީ ބޭނުންކޮށްގެން ބަލާނީ ހަމައެކަނި މާސްގައި ފެންހުރިތޯ ނޫން ކަމަށާއި ދިރުމަކަށް ބޭނުންވާ ކާބަން ފަދަ އެހެން މާއްދާތައް ހުރިތޯ ވެސް ބަލާނެ ކަމަށް ނާސާއިން ބުންޏެވެ. ބުރަދަނުގައި 900 ކިލޯ ހުންނަ ކިއުރިއޯސިޓީ މާސްގައި ހޭދަކުރާނީ މާސްގެ އަހަރުން އެއް އަހަރު (ދުނިޔޭގެ އަހަރުން 2 އަހަރު) ކަމަށް ވެސް ނާސާ އިން ވަނީ ބުނެފަ އެވެ.

ކިއުރިސޯސިޓީ ތިރިކުރި " ގޭލް ކްރޭޓާ" ނެ ނަންދީފައިވާ ވަޅުގަނޑަކީ ފަސް ކިލޯމީޓަރު އުސް ފަރުބަދައެއްގެ މަތީގައިވާ، ވަށަމިނުގައި 154 ކިލޯމީޓަރު ހުންނަ ވަޅުގަޑެއް ކަމަށް ނާސާއިން ބުނެ އެވެ. ދުނިޔެއާ އެންމެ ކައިރީގައިބާ ޕްލެނެޓް މާސް އަށް ރޮބޮޓިކް މިޝަން އެއް ފޮނުވުމަށް ކުރި މަސައްކަތް ކާމިޔާބު ވެފައިވާ އިރު ނާސާ އިން އުއްމީދު ކުރަނީ އެ ޕްލެނެޓަށް ކައިރި މުސްތަގުބަލެއްގައި މީހުން ފޮނުވުމަށެވެ. އަދި އެ އިދާރާގެ ޖައްވީ ދިރާގެ މަސައްކަތުގެ އެންމެ މުހިއްމު އެއް އަމާޒަކީ މާސް އެވެ.