06 Aug 2012, 12:37
އެސްޓީއޯ އިން ސްޕޮންސާކޮށް، ކުރިކެޓް ބޯޑުން އިންތިޒާމް ކޮށްގެން ބާއްވާ ރަމަޝާން ކުރިކެޓް ކާނިވަލްގައި އިއްޔެ ކުޅުނު މެޗްތައް އެންކާ ލިލީ އާއި ޕެލަސް ސިޗްއާން އިން ކާމިޔާބު ކޮށްފި އެވެ.
ކުޅިވަރު އެކުވެނީ އެއްނަންބަރު ކުރިކެޓް ދަނޑުގައި އިއްޔެ ކުޅުނު ފުރަތަމަ މެޗުގައި އެކްޓްރީމްއާއި ބައްދަލުކޮށް އެންކާ ލިލީއިން މެޗް ކާމިޔާބު ކުރީ 22 ލަނޑުންނެވެ. ދެ ވަނަ މެޗް ޕެލަސް ސިޗްއާން އިން ކާމިޔާބު ކުރީ ކުލަބް ޕީކޭއާއި ބައްދަލުކޮށް 30 ލަނޑުންނެވެ.
އިއްޔެގެ މެޗުގައި ފުރަތަމަ ޓޮސް ދިމާވުމުން އެންކާ ލިލީ ކުޅެންއަރާ އަށް އޯވަރުގެ ތެރޭގައި 95 ލަނޑުހެދި އެވެ. މެޗުގައި އެންމެ ރަނގަޅަށް ކުޅުނީ 18 ލަނޑުހެދި ރިޒާންނެވެ. ޖަވާބުގައި އެކްސްޓްރީމް ކުޅެންއަރާ އަށް އޯވަރުގެ ތެރޭގައި ހަ ކުޅުންތެރިން ނުބައިވެގެން 77 ލަނޑުހެދި އެވެ. އެންމެ ރަނގަޅަށް ކުޅުނީ 14 ލަނޑު ހެދި އަޒްމާނެވެ.
އިއްޔެގެ ދެ ވަނަ މެޗް ޓޮސް ދިމާވުމުން ޕެލަސް ސިޗްއާން ކުޅެންއަރާ އަށް އޯވަރުގެ ތެރޭގައި 114 ލަނޑުހެދި އެވެ. އެންމެ ރަނގަޅަށް ކުޅުނީ 34 ލަނޑުހެދި އަފްލާހެވެ. ޖަވާބުގައި ޕީކޭ ކުޅެންއަރާ އަށް އޯވަރުގެ ތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން ހެދުނީ 84 ލަނޑެވެ. އެންމެ ރަނގަޅަށް ކުޅުނީ 22 ލަނޑު ހެދި އެކްރަމްއެވެ.
ޖުމްލަ 20 ޓީމް ވާދަކުރާ މިމުބާރާތް ހަތަރު ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ އިރު، މުބާރާތުގައި މިއަދު ހަވީރު ކުޅޭ ފުރަތަމަ މެޗުގައި ބައްދަލު ކުރާ ދެ ޓީމަކީ ސްޓެލްކޯއާއި ސީއީސީ އެވެ. އަދި މިއަދުގެ ދެ ވަނަ މެޗުގައި ހަވީރު 5:00 ޖަހާއިރު ބައްދަލުކުރާ ދެޓީމަކީ އެސްޓީއޯ އާއި މާލޭ ސްޕޯޓްސް ކުލަބެވެ.