06 Aug 2012, 12:33
ދިރާގް ދިވެހި ލީގުގެ ދެ ވަނަ ބުރުގައި ރޭ ވިޔަންސާ އަތުން 3-1 ލަނޑުން މޮޅުވެ ލީގު ތާވަލްގެ ދެ ވަނަ މަގާމަށް މާޒިޔާ ޖެހިލައިފި އެވެ.
ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގައި ރޭ ކުޅުނު މެޗުގައި ވިޔަންސާ ކޮޅަށް މާޒިޔާ އިން ޖެހި އެ ޓީމްގެ ތިން ލަނޑުގެ ތެރެއިން ފުރަތަމަ ލަނޑު މެޗުގެ ފުރަތަމަ ހާފުގެ 27 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ ހުސެއިން ނިޔާޒް މުހައްމަދު (ބޮކުރީ) އެވެ. މާޒިޔާގެ ދެ ވަނަ ލަނޑު މެޗުގެ 31 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ އަހުމަދު މުހައްމަދެވެ. އަދި މާޒިޔާގެ ފަހު ލަނޑު މެޗުގެ 89 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ އަހުމަދު ރަޝީދު (އައްމަޑޭ) އެވެ.
ރޭގެ މެޗުގައި މާޒިޔާ ކޮޅަށް ވިޔަންސާއިން ޖެހި އެ ޓީމްގެ ހަމައެކަނި ލަނޑު މެޗުގެ ފުރަތަމަ ހާފުގެ 42 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ ކެޕްޓަން އަހުމަދު ޒާދެވެ.
ވިޔަންސާ އަތުން ލިބުނު ތިން ޕޮއިންޓާ އެކު ތާވަލްގެ ދެ ވަނާގައި މާޒިޔާ އޮތީ 23 ޕޮއިންޓާ އެކު އެވެ. ލީގުގެ އެއް ވަނާގައި 30 ޕޮއިންޓާ އެކު ނިއު އޮތްއިރު، ލީގުގެ ތިން ވަނާގައި 22 ޕޮއިންޓާ އެކު އޮތީ ވިކްޓަރީ އެވެ. އަދި ލީގުގެ ހަތަރު ވަނާގައި 21 ޕޮއިންޓާ އެކު ވީބީ އޮތް އިރު، ފަސް ވަނާގައި އޮތީ 14 ޕޮއިންޓާއެކު އީގަލްސްއެވެ.
ލީގުގައި މިރޭ ބައްދަލުކުރާ ދެ ޓީމަކީ ނިއު އާއި ވީބީ އެވެ. މިރޭ ނިއު އަތުން ވީބީ މޮޅުވެއްޖެ ނަމަ އެ ޓީމަށް ދެ ވަނަ އަށް އެރޭނެ އެވެ. މެޗް ފަށާނީ މިރޭ 10:00 ޖަހާއިރު އެވެ.