26 Jul 2025, 09:58
މިއަދު ފާހަގަކުރާ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
ހެނދުނު ހައެއް ޖެހިއިރު ޖުމްހޫރީ މައިދާނުގައި އޮތް މި ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒާއި ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގަތެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ނައިބުރައީސް ޙުސައިން މުޙައްމަދު ލަޠީފާއި ސަރުކާރުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ދިދަ ނެގުމުގެ އިތުރުން، ދުވަހާއި ގުޅޭ ޚާއްޞަ ދުޢާއެއް ވަނީ ކޮށްފައެވެ. އެއާއެކު، ރަސްމިއްޔާތު ނިންމާލީ ޤައުމީ ދިފާއީ ބާރުގެ ބޭންޑްޕާޓީގައި ޤައުމީ ސަލާމް ކުޅުމާއެކުގައެވެ.
މިދިޔަ ބުރާސްފަތި ދުވަހު ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ތިން ދުވަހަށް މާލޭ ސަރަހައްދުގެ މަގުތަކުގައި ބައެއް ވަގުތުތަކުގައި އުޅަނދުފަހަރު ދުއްވުން ޓްރާންސްޕޯޓް މަނާކޮށްފައެވެ.
މިނިވަން ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ ރާއްޖެ ވަޑައިގެންފައެވެ.