06 Aug 2012, 12:24
ދަނޑުވެރިންގެ ދުވަހާ ގުޅުވައިގެން ށ. އަތޮޅުގައި ބަކަރި ކޮއްޓެއް އަޅައިދީ ދަނޑުވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރުން އެއަތޮޅު ފުނަދޫގައި ބާއްވަން އެގްރިކަލްޗަރު މިނިސްޓްރީން ހަމަޖައްސައިފި އެވެ.
އެ މިނިސްޓްރީން ބުނީ ދަނޑުވެރިންގެ ދުވަސް ފާހަގަކުރަން ބޭނުންވާ ރަށްތައްކަށް ފުރުސަތު ހުޅުވާލުމުން ފަސް ރަށަކުން އެކަމަށް އެދި ހުށައެޅިއިރު އެންމެ ރަނގަޅު ޕްރޮޕޯސަލެއް ހުށައަޅާފައިވަނީ ފުނަދޫއަށްވުމުން މިއަހަރު ދަނޑުވެރިންގެ ދުވަސް އެރަށުގައި ފާހަގކުރަން ނިންމީ ކަމަށެވެ.
ދަނޑުވެރިންގެ ދުވަހުގެ ގޮތުގެ ފާހަގަކުރާ ދުވަހަކީ އޯގަސްޓް 10 ވަނަދުވަހެވެ. ނަމަވެސް ސުކޫލްތަކުގެ ޓެސްޓާއި ރޯދަމަސް ދިމާވުމުން ދަނޑުވެރިންގެ ދުވަހުގެ ރަސްމިއްޔާތުތަށް ބާއްވަން ހަމަޖައްސާފައިވަނީ އަންނަ މަހުގެ 26 އާއި 27 ވަނދުވަހު އެވެ.
ޑެޕިއުޓީ މިނިސްޓަރު އަލީ ސޯލިހު ވިދާޅުވީ ދަނޑުވެރިންގެ ދުވަސް ފާހަގަކުރާއިރު ށ. އަތޮޅުގެ ހުރިހާ ރަށްރަކަށް ބައިވެރިވެވޭ ގޮތަށް ފުރުސަތު ހުޅުވާލާނެ ކަމަށާއި އެހެން އަހަރުތަކާއި ހިލާފަށް މިއަހަރުގެ ދަނޑުވެރިންގެ ދުވަހަކީ ނަތީޖާ ހާސިލްކުރާ ދުވަހަކަށް ހަދާނެ ކަމަށެވެ.
"ދަނޑުވެރިންގެ ދުވަސް ފާހަގަކުރެވިގެން މިދަނީ މުޅިއަތޮޅު ޝާމިލްވެގެން ދާނެ ނިޒާމެއްގެ ތެރެއިން އެހެން އަހަރުތަކާއި ހިލާފަށް މިއަހަރުގެ ދަނޑުވެރިންގެ ދުވަސް ވެގެންދާނީ ނަތީޖާ ހާސިލްކުރެވޭ ދުވަހަކަށް. މިއަހަރު ދނަޑުވެރިންނަށް އަމާޒުކޮށްގެން ގިނަ ހަރަކާތްތަކެއް ހިންގޭނެ،" އަލީ ސޯލިހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދަނޑުވެރިންނަށް އަމާޒުކޮށްގެން ށ. އަތޮޅުގެ ކޮންމެވެސް އެއްރަށެއްގައި ބަކަރިކޮއްޓެއް އެޅުމުގެ މަސައްކަތް މިނިސްޓްރީން ކުރާ ކަމަށާއި އޭގެ އިތުރަށް ދަނޑުވެރިންނަށް ހިންގާ ތަމްރީނު ޕްރޮގްރާމަކާއި ހޯމް ގާޑުން ދަނޑުވެރިކަން ދަސްކޮށްދިނުމުގެ އިތުރުން ގައުމީ ފެންވަރުގައި ޖަލްސާއެއް ބޭއްވުމުގެ އިތުރަށް ދަނޑުވެރިކަމާއި ބެހޭ ފޯރަމެއް ވެސް ބާއްވާނެ ކަމަށެވެ.