އައްޑޫ ސިޓީގެ ގެއެއް ކައިރީ ޕާކުކޮށްފައިހުރި ދެ ސައިކަލެއްގައި ރޯވެ ގެއްލުންތަކެއް ލިބިއްޖެއެވެ.

މަގުމަތީގައި ހުރި ސައިކަލުތަކެއްގައި ރޯވެ އަދަމުންދާ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި މީހަކު ވަނީ ހިއްސާކޮށްފައެވެ.

މި ވީޑިއޯތަކުން، ދެ ސައިކަލެއްގައި ގަދަޔަށް އަލިފާންހިފާ އަނދާ މަންޒަރުފެނެއެވެ. އަނެއް ވީޑިއޯއިން ފެންނަނީ ފަޔާ ޓްރަކަކުން ސައިކަލްތަކަށް ފެންޖައި އަލިފާން ނިންވާލާ މަންޒަރެވެ.

މި ހަދިސާއާ ގުޅިގެން ފުލުހުގެ މީޑިއާއިން "ސަން"އަށް ހިއްސާކުރި މައުލޫމާތެއްގައި ވަނީ ރޭ ދަންވަރު ހުޅުދޫގެ މަގުމަތި ޕެޓްރޯލްކުރަން އުޅުން ފުލުހުންތަކަކަށް ދެ ސައިކަލެއްގައި ރޯވެފައިވާ މަންޒަރު ފެނުނު ކަމަށެވެ. އެއީ ދަންވަރު 3:55 ހާއިރު ކަމަށް ފުލުހުން ބުނެފައި ވެއެވެ.

މި ހާދިސާގައި ގެއްލުން ލިބުނު ދެ ސައިކަލުގެ ކައިރީގައި ހުރި އިތުރު ސައިކަލަކަށް ވެސް އަލިފާނުގެ އަސަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭގެ އިތުރުން ކައިރީގައި ހުރި އިމާރާތުގެ ބިއްލޫރިތައް ތަޅައިގެންގޮސް އެތަނަށް ވެސް އެކިވަރުގެ ގެއްލުން ލިބިފައިވާކަމަށް ފުލުހުން ބުންޏެވެ.

މި ހާދިސާ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.