06 Aug 2012, 12:06
މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިތަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އަމިއްލަ ފަރާތްތަކަށް ޓީ ބިލަށް އިންވެސްޓް ކުރުމުގެ ފުރުސަތު ހުޅުވާލަން ނިންމައިފި އެވެ.
ޓީ ބިލްސް އަކީ ބަޖެޓްގެ ޑެފިސިޓް ފޫބެއްދުމަށް މަރުކަޒީ ބޭންކުން ވިއްކާ ދައުލަތުގެ ދަރަންޏެކެވެ. ޓީ ބިލަށް ވަކި މުއްދަތެއްގައި ދައުލަތުން އަނބުރާ ފައިސާ ދައްކަން ޖެހޭނީ ކަނޑައެޅިފައިވާ އިންޓަރެސްޓް ރޭޓާ އެކު އެވެ. މިހާރު ޓީ ބިލްގައި އިންވެސްޓް ކުރަނީ ބޭންކްތަކާއި ޕަބްލިކް ކުންފުނިތަކާއި އަދި ޕެންޝަން އޮފީހެވެ.
އެމްއެމްއޭގެ އޮފިޝަލަކު މިއަދު ވިދާޅުވީ ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އަމިއްލަ ކުންފުނިތަކަށް ޓީ ބިލުގައި އިންވެސްޓްކުރުމުގެ ފުރުސަތު ހުޅުވާލަން އެ ބޭންކުގެ ބޯޑުން ނިންމާފައިވާ ކަމަށާއި އެކަމާ ގުޅޭ މަސައްކަތްތައް ވެސް ކުރިއަށްދާ ކަމަށެވެ.
"އެކަން ކުރިއަށް ދާނެ ގޮތުގެ އުސޫލުތައް އަދި ކަނޑައެއް ނޭޅޭ، ނަމަވެސް ކުރިއަށް މި އޮތް ދުވަސްތަކުގައި އެކަން އިއުލާން ކުރެވެމުން ދާނީ،" އޮފިޝަލް ވިދާޅުވި އެވެ. "އޭރުން އަމިއްލަ ކުންފުނިތަކަށް ޓީ ބިލްސްގައި އިންވެސްޓް ކުރުމުގެ ފުރުސަތު އޮންނާނީ ހުޅުވިފައި،"
އެމްއެމްއޭގެ ގަވަރުނަރު ފަޒީލް ނަޖީބު ދާދިފަހުން ވިދާޅުވެފައިވަނީ ރާއްޖެއަށް ދިމާވެފައިވާ ބޭރުގެ ފައިސާގެ މައްސަލަ ހައްލުކުރުމަށް އާ އިންސްޓްރޫމަންޓެއް ތައާރަފްކުރުމުގެ މަސައްކަތް ކުރައްވާ ކަމަށާއި އެ އިންސްޓްރޫމަންޓުގެ ސަބަބުން ބޭރު ފައިސާގެ މައްސަލައަށް ލުޔެއް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
"އަޅުގަނޑުމެން އުންމީދު ކުރަނީ އަލަށް ތައާރަފްކުރާ އިންސްޓުރޫމަންޓުގެ ސަބަބުން ކުރިއަށްއޮތް ފަތުރުވެރިކަމުގެ ސީޒަންފެށެން ދެން ކޮންމެވެސް މިންވަރެއްގެ ލުޔެއް ލެބޭނެ ކަމަށް" ގަވަރުނާ ވިދާޅުވެފައިވެ އެވެ.
އެމްއެމްއޭއިން މިހާރު ޓީ ބިލް ވިއްކަމުން އަންނަނީ ބީލަމުގެ އުސޫލުން ހަފްތާއަކު އެއްފަހަރު އެވެ. އެ ބޭންކުން ޓީ ބިލް ވިއްކަނީ 28 ދުވަސް ތެރޭ އަނބުރާ ފައިސާ ދައްކަންޖެހޭ ޓީ ބިލާއި 91 ދުވަހުގެ ތެރޭ ފައިސާ ދައްކަން ޖެހޭ ޓީ ބިލާއި އަދި 182 ދުވަސް ތެރޭ ފައިސާ ދައްކަން ޖެހޭ ޓީ ބިލެވެ. އަށާވީސް ދުވަހުގެ ޓީބިލް ދޫކުރަނީ 7.16 ޕަސެންޓްގެ އިންޓަރެސްޓަކާ އެކު އެވެ. އަދި 91 ދުވަހުގެ ޓީބިލް 7.21 ޕަސެންޓްގެ އިންޓަރެސްޓް ރޭޓަކާ އެކު ދޫކުރާއިރު 182 ދުވަހުގެ ޓީބިލް ދޫކުރަނީ 7.13 ޕަސެންޓްގެ އިންޓަރެސްޓް ރޭޓަކާ އެކު އެވެ.