ކަތިވަޅިއަކާއެކު ފުލުހުންނާއި ކުރިމަތިލި ދެ މީހެއްގެ މައްޗަށް ދައުވާ ކުރަން ޝަރީއަތަށް ފޮނުވައިފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ މީޑިއާ އޮފިސަރު ހުސެއިން ނާޝިދު މިއަދު ވިދާޅުވީ އެ މައްސަލައިގައި ދައުވާ ކުރަން ފޮނުވާފައި ވަނީ ޏ. ފުވައްމުލައް ދިގުވާނޑު، އައިރީ، އަހުމަދު މުންސިފު އާއި މ. ކޮޅުފުށީ ޒަހީރާމަންޒިލް، އަހުމަދު ސިރުހާން ޝަމީމްގެ މައްޗަށް ކަމަށެވެ.

މިއހަރުގެ އޭޕްރީލް މަހުގެ ހަވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި މަޖީދީމަގު ނަލަހިޔާ ހޮޓެލް ކައިރިން ފުލުހުން ވެހިކަލްތައް ޗެކްކުރަމުން ދަނިކޮށް ބާރު ސުޕީޑުގައި އެ ދެ މީހުން ސައިކަލަކުން ގޮސް ކަތިވަޅިއަކުން ހަމަލާދިން ކަމަށް ވަނީ ތުހުމަތު ކުރެވިފަ އެވެ. ކަތިވަޅިން ހަމަލާދި ނުމުން އެވަގުތު އެ ދެމީހުން ކައިރީ މަޑުކުރަން ފުލުހުން އެންގުމުން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ފިލަން އުޅުމުގެ ތެރޭގައި އެ ދެމީހުން ވަނީ އެކްސިޑެންޓް ވެފަ އެވެ.

ނާޝިދު ވިދާޅުވީ އެ ހާދިސާއާ ގުޅިގެން އެމީހުންގެ މައްޗަށް ތިން ދައުވާއެއް ކުރާ ކަމަށެވެ. އަދި ކަތިވަޅިން ހަމަލާދީފައި ވީނަމަވެސް އެކަން ސާބިތުކުރެވޭ ވަރުގެ ހެއްކާއި ގަރީނާ ލިބިފައި ނުވާތީ އެ ހަމަލާދިނުމުގެ ކުށުގައި ދައުވާ ނުކުރާ ކަމަށެވެ. އޭގެ ބަދަލުގައި ކަތިވަޅި ގެންގުޅުމުގެ ކުށުގައި މުންސިފުގެ މައްޗަށް އާންމުތަނެއްގައި ތޫނުއެއްޗެއް ގެންގުޅުމުގެ ދައުވާ ކުރަން ފޮނުވީކަމަށެވެ.

ފުލުހުންގެ މަޑުކުރަން އެންގުމުން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ފިލަން އުޅުމުން އެކްސިޑެންޓްވުން ސިރުހާންގެ މައްޗަށް ކުރަނީ ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރުމުގެ ކުށުގެ ދައުވާ އާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދައުވާ އެވެ.