މިއަހަރުގެ ތެރޭ ހުޅުމާލެ ފެރީ ޓާމިނަލްގައި އޮޓޯގޭޓްގެ ހިދުމަތް ފަށަން ނިންމާފައިވާ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

ޓްރާންސްޕޯޓް ޑިޕާޓްމަންޓްގެ ހެޑް އިސްމާއިލް ފާރިގް ވިދާޅުވީ މާލެ އާއި ހުޅުމާލެގައި ހުންނަ ފެރީ ޓާމިނަލްގައި މިއަހަރު އޮޓޯ ގޭޓް ގާއިމުކޮށް އެ ހިދުމަތް ދޭން ކުންފުނީގެ ބޯޑުން ނިންމާފައިވާ ކަމަށާއި ޑިސެމްބަރު މަހުގެތެރޭގައި ހިދުމަތް ދޭން ފަށާނެ ކަމަށެވެ.

އޮޓޯ ގޭޓްގެ ހިދުމަތުގައި މިހާރު ބޭނުން ކުރާ ޓިކެޓްގެ ބަދަލުގައި ދަތުރުވެރިން ބޭނުން ކުރާނީ އިލެކްޓްރޯނިކް ކާޑެވެ. ކާޑު ބޭނުންކޮށްގެން ދަރުވެރިންނަށް އޮޓޯ ގޭޓް ހުރަސްކޮށް ފެރީގެ ހިދުމަތް ހޯދޭނެ އެވެ.

"އޮޓޯ ގޭޓް ގާއިމު ކުރުމުން ދަތުރުވެރިން ޓިކެޓް ނަގަން ކިއޫގައި މަޑު ނުކޮށް އެ ގޭޓްގެ އެހީގައި ޓާމިނަލްއަށް ވަދެގެން ފެރީގެ ހިދުމަތް ހޯދޭނެ. ބޭރުގެ ގައުމުތަކުގައި އެކަން ކުރަމުން އަންނަ ގޮތް އަޅުގަނޑުމެން މި ބަލަނީ،" ފާރިގް ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ ކުންފުނީގެ ބޯޑުން ނިންމާފައިވަނީ މިއަހަރު ނިމުމުގެކުރިން އޮޓޯ ގޭޓްގެ ހިދުމަތް ދިނުމަށް،" އެނާ ވިދާޅުވި އެވެ.

އޮޓޯގޭޓް ގާއިމު ކުރުމުގެ ޓިކެޓްގެ ބަދަލުގައި ބޭނުން ކުރާ އިލެކްޓްރޯނިކް ކާޑް ހައްދައިދޭ އުސޫލުތަކެއް އަދި އެމްޓީސީސީއަކުން ނުބުނެ އެވެ.