06 Aug 2012, 10:52
އާސަންދައިގެ ހިދުމަތުގައި އަމިއްލް ހޮސްޕިޓަލްތަކާއި ކުލިނިކްތަކުން ވަކިވަރަކަށް ފައިސާ ދައްކަންޖެހޭ ގޮތައް ހަމަޖެއްސުމުން އެކަމާ ދެކޮޅަށް އެމްޑީޕީން ރޭ މުޒާހަރާ ކޮށްފި އެވެ.
އެމްޑީޕީގެ މެންބަރުން ކޭމްޕް ޖަހައިގެން ތިބޭ އުސްފަސްގަނޑުން ރޭ 11:30 ގައި ފެށި މުޒާހަރާ މާލެ އެކި މަގުތަކުގައި ކުރިއަށް ގެންދިޔައިރު ގޮވާލާފައި ވަނީ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުން އާސަންދަ ހުއްޓާލަން މަސައްކަތް ކުރާ ކަމަށާއި ހިދުމަތް ހޯދާ ފާރަތްތަކުގެ އަތުން އަގެއް ނަގަން ނިންމީ ބަޖެޓްގައި ފައިސާ ނެތިގެން ނޫން ކަމަށެވެ.
އެމްޑިޕީންވީ ވައުދަކީ ހިލޭ ބޭސްފަރުވާ ކުރެވޭނެ ނިޒާމެއް ގާއިމު ކުރުން ކަމަށާއި އެކަން ރައްޔިތުނަށް ކޮށްދީފައި ވަނިކޮށް މިހާރުގެ ސަރުކާރު އެކަން ހުއްޓާލައި އެ ހިދުމަތުން އަގު ނަގާނަމަ އެމްޑީޕީގެ އިހްތިޖާޖު ހުއްޓާނުލާނެ ކަމަށް ވެސް ބުނަމުން ދިޔައެވެ.
އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕްގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި ޗެއާޕާސަން މޫސާމަނިކާއި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައެއް މެންބަރުން ބައިވެރިވި މުޒާހާރާގައި ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާއި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދުގެ އިތުރުން ރައީސް ވަހީދު ހައްޔަރުކުރުމަށް ވެސް ގޮވާލި އެވެ. މުޒާހަރާ ނިންމާލީ އިތުރު މުޒާހާރާތައް ކުރިއަށް ގެންދާނެ ކަމަށް އިއުލާން ކުރަމުން އުސްފަސްގަނޑަށެވެ.