06 Aug 2012, 10:50
ކެރަމް އެސޯސިއޭޝަނުން އިންތިޒާމް ކޮށްގެން ބާއްވާ ދެ ވަނަ ރަމަޟާން ކެރަމް ކަޕް ރޭ ފަށައިފި އެވެ.
މިމަހުގެ 11 ވަނަ ދުވަހަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި ޖުމްލަ 58 ފިރިހެން ކުޅުންތެރިއަކާއި 22 އަންހެން ކުޅުންތެރިއަކު ވާދަކުރެ އެވެ.
މިމުބާރާތުގައި ކުޅުމަށް ހަމަޖެހިފައިވާ އިވެންޓުތަކަކީ ފިރިހެން އަދި އަންހެން ސިންގަސް އާއި ފިރިހެން އަދި އަންހެން ޑަބަލްސް އިވެންޓެވެ.
ކެރަމްގެ އެހެން މުބާރާތްތަކާއި ޚިލާފަށް ރަމަޟާން ކަޕުގެ ޑަބަލްސް އިވެންޓުގައި ޕެއާތައް ހަދަނީ ބައިވެރިވެފައިވާ ކުޅުންތެރިން ދެ ކެޓަގަރީ އަކަށް ބެހުމަށް ފަހު އެ ދެ ކެޓަގަރީގެ ދެމެދުގައި ގުރުއަތުން ހޮވޭ ދެ ކުޅުންތެރިއަކު ޕެއާ ހަދާ އުސޫލުންނެވެ.
މުބާރާތުގެ ކުޅުން ރޭ ފަށާފައި ވަނީ ފިރިހެން ސިންގަލްސް އިވެންޓުގެ މެޗުތަކުންނެވެ. ފިރިހެން ސިންގަލްސް އިވެންޓުގައި ރޭ ކުރިއަށް ދިޔައީ ގުރޫޕް ސްޓޭޖުގެ މެޗުތަކެވެ. އަށް ގުރޫޕަކަށް ބަހާލައިގެން ކުރިއަށްދާ ގުރޫޕް ސްޓޭޖްގެ މެޗުތަކުން ކޮންމެ ގުރޫޕަކުން ދެ ކުޅުންތެރިއަކު ގަދަ 16 އަށް ހޮވުމަށް ވަނީ ހަމަޖެހިފަ އެވެ.
މުބާރާތުގައި މިރޭ ކުޅުމަށް ހަމަޖެހިފައި ވަނީ އަންހެން ސިންގަލްސް އިވެންޓުގެ މެޗުތަކެވެ. ކޮންމެ ރެއަކުވެސް ރޭގަނޑު 9:15 އިން 12:00 އަށް ގަލޮޅު ދަނޑުގައި ހުންނަ ރަސްމީ ކެރަމް ހޯލުގައި ކުރިއަށްދާ މިމުބާރާތުގެ ކުޅިބެލުން ވަނީ އާންމުކޮށް ހުޅުވާލައިފަ އެވެ.