ފިލްމު "އާޝިގް ބަނާޔާ އާޕްނޭ"އިން ބެލުންތެރިންގެ ތެރޭ މަގުބޫލުވި ބަތަލާ ތަނުޝްރީ ދައްތާ ދިރިއުޅޭ މުމްބާއީގައި ހުންނަ ގޭތެރެއިން ބަޔަކު މީހުން ފުރައްސާރަކުރަމުންދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އެކަން ހާމަކޮށްފިއެވެ.

އެ ކަމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ތަނުޝްރީ އާއްމުކުރި ވީޑިއޯގައި ބުނެފައިވަނީ، 2018 ވަނަ އަހަރުގެ 'މީ ޓޫ މޫވްމަންޓް'އާ ގުޅިގެން އޭނާއަށް ގިނަ ބަޔަކު ފުރައްސާރަކުރަމުން އަންނަ ކަމަށެވެ.

އެ އަހަރު ތަނުޝްރީ އާއްމުކުރި ވީޑިއޯގައި ބުނެފައިވަނީ ފިލްމެއްގެ ޝޫޓިން ތެރޭ އެކްޓަރު ނާނާ ޕަޓޭކަރުގެ ފަރާތުން ޖިންސީ ފުރައްސާރަކުރުން ކުރިމަތިވި ކަމަށެވެ. ތަނުޝްރީއަށް ބަޔަކު މީހުން ފުރައްސާރަކުރާ ކަމަށް ބުނެ ޕޯސްޓުކުރި ވީޑިއޯގައި ބަތަލާ ބުނީ، ގޮތް ނޭނގޭ ބަޔަކު ރޭގަނޑުގެ ކަނު އަނދިރީގައި އޭނާ ދިރިއުޅޭ ގޭގެ ދޮރުގައި ބާރަށް ތަޅާ ކަމަށެވެ.

ބަތަލާ ތަނުޝްރީ އެކްޓަރު އިމްރާން ހާޝްމީއާ އެކު ފިލްމު "އާޝިޤް ބަނާޔާ އާޕްނޭ"ގެ މަންޒަރެއްގައި--ފޮޓޯ/ވެރައިޓީ

އެއީ ކޮންބައެއްތޯ ބަލަން ނުކުންނައިރު އެއްވެސް މީހަކު ފެންނަން ނުހުންނަ ކަމަށާއި އެކަން އެގޮތަށް ތަކުރާރުވަމުން އަންނަތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށް ބަތަލާ ވަނީ ބުނެފައެވެ. މީގެ އިތުރުން، ތަނުޝްރީގެ ގެއަށް މަސައްކަތްކޮށްދޭން އަންނަ މީހުން ވެސް ގެއިން ވައްކަންކޮށްގެން ފިލާ ކަމަށް ތަނުޝްރީ ވަނީ ބުނެފައެވެ.

މި މައްސަލަ މުމްބާއީގެ ފުލުހުންނަށް މިހާރު ހުށަހަޅާފައިވާއިރު ކަމާގުޅޭ އިދާރާތަކުން މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައިދިނުމަށް ތަނުޝްރީ ވަނީ ބުނެފައެވެ. ފިލްމު "އާޝިގް ބަނާޔާ އާޕްނޭ"އިން މަޝްހޫރުކަން ލިބުނު ނަމަވެސް ތަނުޝްރީ ފަހުން ކުޅުނު ފިލްމުތަކަށް މާ ބޮޑު މަގުބޫލުކަމެއް ލިބިފައެއްނުވެއެވެ.

ތަނުޝްރީގެ އަމަލުތައް ފަހަކަށް އައިސް ހުންނަ ގޮތާ ގުޅިގެން އޭނާއަށް ނަފުސާނީ ގޮތުން އެހީތެރިކަން ބޭނުންވާ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.