ޤާހިރާ (އޮގަސްޓް 6): މިސްރުގެ ރައްޔިތުން އިންތިޚާބުކޮށްފައިވާ ދިމުޤްރާތީ ސަރުކާރާއި އެޤައުމުގެ ސިފައިންގެ މުއައްސަސާއާ ދެމެދު އޮތީ އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަމުގެ ވަރުގަދަ ގުޅުމެއްކަމަށް މިސްރުގެ އައު ރައީސް ޑރ. މުޙައްމަދު މަރްސީ ވިދާޅުވެއްޖެވެ.

މިސްރު ސިފައިންގެ ފީލްޑް އޮފްސަރުންނާ އިސްމާޢީލިއްޔާގައި ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން މަރްސީ ވިދާޅުވީ މިސްރުގެ ސިފައިންގެ އެހީތެރިކަން ނެތް ނަމަ ކުރީގެ ޚުދުމުޚްތާރު ނިޒާމުން ސަލާމަތްވެ ރައްޔިތުންގެ ވެރިކަމެއް މިސްރުގައި ޤާއިމް ނުކުރެވުނީސް ކަމަށާއި މިސްރުގެ ޚުދުމުޚްތާރު ވެރިކަމާ ދެކޮޅަށް ރައްޔިތުން ގެނައި އިންޤިލާބުގައި ސިފައިންގެ މުއައްސަސާ އޮތީ ރައްޔިތުންގެ ފަހަތުގައި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ކަމުގަ އެވެ.

ރައްޔިތުންނާއި ސިފައިންގެ މުއައްސަސާއާ ދެމެދުގައި ގާތްގުޅުންތަކަށް އިޝާރާތް ކުރައްވަމުން، ރައްޔިތުން އިންތިޚާބުކުރާ ރައީސަކީ މިސްރުގެ ސިފައިންގެ އެންމެ މަތީ ވެރިޔާ ކަމަށް އޮންނަ އޮތުމަކީ ސިފައިން ރައްޔިތުންގެ ޚިދްމަތުގައި ތިބިކަން ހާމަކޮށްދޭކަމެއްކަމަށް ވެސް މަރްސީ ވިދާޅުވި އެވެ. މިސްރުގެ ކުރީގެ ޚުދުމުޚްތާރު ވެރިޔާ ހުސްނީ މުބާރަކް އިސްތިއުފާދެއްވީ އޭނާއާދެކޮޅަށް ރައްޔިތުން ތެދުވުމުން ރައްޔިތުންނާ ދެކޮޅަށް މުބާރަކްގެ ޙިމާޔަތުގައި ސިފައިން ނުތިބޭނެކަން ސިފައިން އެންމެ އިސް އޮފިސަރުން މުބާރަކަށް އެންގެވުމުން ކަމަށް ޚަބަރު ލިބިފައިވެ އެވެ.

ސިފައިންގެ ޙިމާޔަތްނެތި ނުވަތަ ސިފައިންގެ ރުހުންނެތި ވެރިކަން ނުކުރެއްވޭނެކަން ޔަގީންވުމުން މުބާރަކް އިސްތިއުފާދެއްވީ ކަމަށް ވެސް އެދުވަސްވަރުގެ މީޑިޔާ ރިޕޯޓްތައް ބުނެފައިވެ އެވެ. މިސްރުގެ އެންމެ ފުރަތަމަ ދިމުޤްރާތީ އަދި މަދަނީ ރައީސް މުޙައްމަދު މަރްސީގެ ސަރުކާރުގެ ކެބިނެޓްގައި ދިފާއީ ވަޒީރަކަށް ހުންނަވަނީ މިސްރުގެ ސިފައިންގެ ކޮމާންޑަރު ފީލްޑް މާޝަލް މުޙައްމަދު ޙުސައިން ތަންތާވީ އެވެ.

މިސްރުގެ އިސްލާމީ ޚިޔާލުގެ އިޚްވާނުލްމުސްލިމީން ޖަމާއަތަށް ނިސްބަތްވާ ރައީސް ޑރ. މަރްސީއާއި ސިފައިންގެ މުއައްސަސާއާ ދެމެދު ގުޅުންތައް ރަނގަނޅު ނޫންކަމުގެ ޚަބަރުތަކެއް ދާދިފަހުން ފެތުރިފައިވެ އެވެ. ނަމަވެސް ސިފައިންގެ ކޮމާންޑަރު ފީލްޑް މާޝަލް މުޙައްމަދު ޙުސައިން ތަންތާވީ ވަނީ ރައްޔިތުން އިންތިޚާބުކުރި ރައީސަށް ސިފައިންގެ ފުރިހަމަ ތާއީދާއި އެއްބާރުން އޮންނާނެކަމުގެ ޔަގީންކަން މިސްރުގެ ރައީސް ޑރ. މަރްސީއަށް ދެއްވާފަ އެވެ. (ނޫސްއެޖެންސީތައް)