24 Jul 2025, 12:09
ބޮލީވުޑްގެ ގިނަ ފިލްމުތަކެއް ޑައިރެކްޓްކޮށް ކޮރިއަގްރާފަރެއްގެ ގޮތުގައި މަޝްހޫރު ފަރާ ޚާންގެ ޔޫޓިއުބް ޝޯގެ ސަބަބުން ފަރާގެ ކައްކާއެއްގެ ގޮތުގައި މަސައްކަތްކުރާ ދިލިޕްގެ ކުދިން ފެންވަރު ރަނގަޅު ސްކޫލަކަށް ވެއްދުމަށް މަގުފަހި ކުރުވި ކަމަށް ފަރާ ޚާން ބުނެފިއެވެ.
ފަރާ ޚާންގެ ކައްކާއެއްގެ ގޮތުގައި މަސައްކަތްކުރާ ދިލިޕް އަކީ އޭނާގެ ޔޫޓިއުބް ޝޯގެ ވެސް ހޯސްޓެކެވެ. ފަރާ އާއި ދިލިޕް ގުޅިގެން ގެނެސްދޭ ޔޫޓިއުބް ޝޯ އަކީ ވަރަށް ގިނަ ބައެއްގެ މަގުބޫލުކަން ހޯދަމުން އަންނަ ޝޯއެކެވެ.
މި ޝޯއަށް ގިނަ ބައެއްގެ މަގުބޫލުކަން ލިބެންފެށީ ބޮލީވުޑްގެ އިތުރުން އިންޑިއާގެ މުނިފޫހިފިލުވުމުގެ ދާއިރާގައި މަސައްކަތްކުރާ ފިލްމީ ތަރިންނާއި އިންޑިއާގެ މަޝްހޫރު ޝަހްސިއްޔަތުން ޝޯގައި މެހެމާނެއްގެ ގޮތުގައި ބައިވެރިކުރަން ފެށުމުންނެވެ.
ފަރާ އާއި ދިލިޕްގެ ކެއްކުމުގެ ހުނަރުތަކާ އެކު ޝޯގައި ބައިވެރިވާ މެހެމާނުންނަށް އެންމެ ކަމުދާ ކެއުންތައް ކައްކާނެގޮތް މި ޝޯގައި އަންނަނީ ގެނެސްދެމުންނެވެ.

ފަރާ ޚާން އަދި ދިލިޕް އެމީހުންގެ ޓީމާ އެކު ދިވެހިރާއްޖޭގައި--ފޮޓޯ/އިންސްޓަގްރާމް
ފަރާ އާއި ދިލިޕްގެ މި ޝޯއަށް ލިބެންފެށި މަޝްހޫރުކަމާ އެކު ޝޯ ކާމިޔާބުވާން ފެށުމުން ފެންވަރު ރަނގަޅު އިނގިރޭސި މީޑިއަމަށް ކިޔަވައިދޭ ސްކޫލަކަށް ދިލިޕްގެ ތިން ކުދިން މިހާރު ކިޔަވަން ވައްދާފައިވާ ކަމަށް ފަރާ ވަނީ ބުނެފައެވެ.
މީގެއިތުރުން ދިލިޕްގެ އަންހެން ދަރިފުޅު މިހާރު ވަނީ އިންޑިއާގެ ކަލިނަރީ ސްކޫލެއްގައި ކިޔަވަން ފަށާފައިވާ ކަމަށާއި އެ ކުއްޖާ ބޭނުންވަނީ މުސްތަގުބަލުގައި ޝެފެއްގެ ގޮތުގައި ކުރިއަށް ދިއުމަށް ކަމަށް ފަރާ ވަނީ ބުނެފައެވެ.
އެ ކުއްޖާއަށް ކަލިނަރީ ސްކޫލަކުން ފުރުސަތު ހޯދައިދިނުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ބޮޑުވެގެން ވަޒީފާގެ މާހައުލަށް ނުކުންނައިރު ގޭގޭގައި ކެއްކުމުގެ ވަޒީފާއަށްވުރެ ބޮޑަށް ފެންވަރު ރަނގަޅު ހޮޓަލެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ދިލިޕްގެ އަންހެން ދަރިފުޅަށް ހޯދައިދިނުން ކަމަށް ފަރާ ވަނީ ބުނެފައެވެ.
އިންޑިއާގެ ބިހާރުގެ ވަރަށް އާދައިގެ އާއިލާއަކަށް ނިސްބަތްވާ ދިލިޕް މިހާތަނަށް ވަރަށް ގިނަ ބަޔަކަށް ކައްކާފައި ކާންދީފައިވާއިރު އޭގެ ފޮނިމީރުކަން މިހާރު ދިލިޕަށް ލިބެމުން އަންނަ ކަމަށް ކުޅަދާނަ ކޮރިއަގްރާފަރު ވަނީ ބުނެފައެވެ.
ދިލިޕަށް ލިބެމުން އަންނަ މަޝްހޫރުކަމާއި ކާމިޔާބީއާ އެކު އޭނާ ނިސްބަތްވާ ބިހާރުން ލަގްޒަރީ ފެންވަރުގެ ގެއެއް ވެސް ދިލިޕް ވަނީ ގަނެފައެވެ. ދާދިފަހުން އެމްއެމްޕީއާރުސީގެ ދައުވަތަކަށް ފަރާ ރާއްޖެއަށް ކުރި ދަތުރުގައި ވެސް ދިލިޕް ވަނީ ބައިވެރިވެފައެވެ. އެ ދަތުރަކީ ދިލިޕް އިންޑިއާއިން ބޭރު ޤައުމަކަށް ކުރި ފުރަތަމަ ދަތުރެވެ.