24 Jul 2025, 08:48
އިންޑިއާއަށް 1994 ވަނަ އަހަރު މިސް ޔުނިވާސްގެ ތާޖު ކާމިޔާބުކޮށްދިނުމަށްފަހު ފަހުން ފިލްމީ ދާއިރާއާ ގުޅުނު ބަތަލާ ސުޝްމިތާ ސެން ބޭނުންވާ ފެންވަރުގެ ޖަވާހިރު ގަނެދިނުމުގެ ގާބިލުކަން ލިބިފައިނުވާ ކަމަށް ބަތަލާގެ ކުރީގެ ލޯބިވެރިޔާ ރޯމަން ޝޯލް ބުނެފިއެވެ.
އިންސްޓެންޓް ބޮލީވުޑަށް ދިން އިންޓަވިއުއެއްގައި ސުޝްމިތާއާ އެކު ގިނަ ދުވަސްތަކެއް ވަންދެން ދެމިގެންދިޔަ ލޯބީގެ ގުޅުމާ ގުޅޭގޮތުން ރޯހްމަން ބުނެފައި ވަނީ ސުޝް އަކީ ޖަވާހިރު އެއްކުރުމަށް ވަރަށް ލޯބިކުރާ މީހެއް ކަމަށާއި ބަތަލާއަށް އެންމެ ކަމުދަނީ ވެސް 22 ކެރެޓްގެ ޖަވާހިރު ކަމަށެވެ.
އެހެންކަމުން އެވަރުގެ އަގުބޮޑު ޖަވާހިރެއް ގަންނަން ވަރަށް ވަގުތު ނަގާނެ ކަމަށާއި އެކަމަށް މަސައްކަތްކޮށް ގާބިލު މީހަކަށްވާ ދުވަހަކުން ކުރީގެ ލޯބިވެރިޔާ ސުޝްމިތާގެ އެ ހުވަފެން ހަގީގަތަކަށް ހަދައިދޭނެ ކަމަށް ރޯމަން ވަނީ ބުނެފައެވެ.

ސުޝްމިތާ ސެން ކުރީގެ ލޯބިވެރިޔާ ރޯމަންއާ އެކު--ފޮޓޯ/ވެރައިޓީ
ސުޝްމިތާ އާއި ރޯމަން ގިނަ ދުވަސްތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ވަކިވިކަން އިއުލާނުކުރީ 2021 ވަނަ އަހަރުގެ ފަހުކޮޅުއެވެ. ދެ މީހުންގެ މެދުގައި އުފެދުނު ލޯބީގެ ގުޅުމަށް ނިމުމަށް އައުމަށްފަހު ވެސް ރޯމަން އާއި ސުޝްމިތާ ވަނީ ބޮލީވުޑްގެ އެކިއެކި ހަފްލާތަކުން އެކީގައި ފެނިފައެވެ.
ސުޝްމިތާއާ އެކު ލޯބީގެ ގުޅުން ނިމުނު ނަމަވެސް އޭގެ ކުރިން ވެސް ދެ މީހުންނަކީ ވަރަށް ގާތް ރަހްމަތްތެރިން ކަމަށާއި ރަހްމަތްތެރިއެއްގެ ގޮތުން ދެ މީހުން އެކަކު އަނެކަކު ދެކެ މިހާރުވެސް އިންތިހާއަށް ލޯބިވާ ކަމަށް ސުޝްމިތާ އާއި ރޯމަން ވަނީ ބުނެފައެވެ.
ފިލްމު "ތާލީ"އިން އެންމެފަހުން ބެލުންތެރިންނަށް ފެނުނު ބަތަލާ އަކީ ފައިސާވެރި ވިޔަފާރީގެ ދާއިރާގައި މަޝްހޫރު ޝަހްސިއްޔަތުންނާ އެކު ލޯބީގެ ގުޅުން ބާއްވަމުން އަންނަ ބަތަލާއެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ.
އޭގެ ސަބަބުން ވަރަށް ގިނަ ބައެއްގެ ފާޑުކިޔުމާއި ނުރުހުން މީގެކުރިން ވެސް ސުޝްމިތާއަށް ރައްދުވެފައިވާއިރު ބަތަލާ ބުނެފައި ވަނީ އެއްވެސް މީހަކު ސުޝްމިތާއަށް އަގުބޮޑު ޖަވާހިރު ނުވަތަ އަގުބޮޑު މައުދަން ހުންނަ ގަހަނާ ގަނެދޭން ނުޖެހޭނެ ކަމަށާއި އަމިއްލައަށް އެފަދަ ތަކެތި ގަތުމުގެ ގާބިލުކަން ބަތަލާއަށް ލިބިފައިވާކަމަށެވެ.