މި މަހުގެ 18 ވަނަ ދުވަހު ރިލީޒްކޮށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނަ ފިލްމު "ސައްޔާރާ"އަކީ ބޮލީވުޑްގެ މިހާރުގެ ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުންނަށް ލިބުނު ވަރަށް ރަނގަޅު ފިލާވަޅެއް ކަމަށް ތަޖުރިބާކާރު ފިލްމު ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ސުބާޝް ގާއީ ބުނެފިއެވެ.

ޑައިރެކްޓަރު މޯހިތު ސޫރީ ޔަޝް ރާޖް ފިލްމްސްއަށް އުފެއްދި ފިލްމު "ސައްޔާރާ"އަށް ލިބެމުން އަންނަ ކާމިޔާބީން ލިބޭ ފިލާވަޅަކީ ފިލްމުތައް އޯވަ ބަޖެޓުނުކޮށް ވެސް ކާމިޔާބު ކުރެވިދާނެކަން ކަމަށް ފިލްމު "ކަލް ނާޔަކް"، "ޕަރުދޭސް" އަދި "ތާލް" ފަދަ ފިލްމުތައް ސިނަމާއަށް ގެނެސްދިން ޑައިރެކްޓަރު ވަނީ ބުނެފައެވެ.

ފިލްމު "ސައްޔާރާ"ގެ މަންޒަރެއްގައި އެ ފިލްމުގެ ލީޑް ތަރިން ކަމަށްވާ އަހާން ޕާންޑޭ އަދި އަނީތު ޕައްޑާ--ފޮޓޯ/ފިލްމުފެއަ

ވައިއާރްއެފްގެ އިސްވެރިޔާ ޕްރޮޑިއުސަރު އަދިތިޔާ ޗޯޕްޅާ އަދި ޑައިރެކްޓަރު މޯހިތު ސޫރީއަށް މަރުހަބާ ކިޔަމުން ސުބާޝް ގާއީ ބުނީ، ފިލްމު "ސައްޔާރާ"އިން އަންގައިދިނީ އުފެއްދުންތެރި ސާދާ ސީދާ ވާހަކަތަކުގެ ބާރުގަދަކަން ކަމަށާއި އޯޑިއަންސްއިން އެފަދަ ވާހަކަތަކަށާއި ސާދާ ސީދާ އާދައިގެ ލީޑް ތަރިންނަށް ބެލުންތެރިން ބޭނުންވެފައިވާ މިންވަރު ކަމަށް ސުބާޝް ބުނެފައިވެއެވެ.

މުޅިން އަލަށް ފިލްމު އިންޑަސްޓަރީއަށް ތައާރަފުކުރާ ތަރިންތަކެއް ހިމެނޭ ފިލްމެއް ބޮކްސް އޮފީހުގައި ކާމިޔާބު ހޯދާ އޯޑިއަންސްގެ ޖާދޫގައި ޖެހުމުން ފިލްމުތަކަށް އިންވެސްޓްކުރާ މީހުންނާއި ޕްރޮޑިއުސަރުން ފިލްމު އުފެއްދުމުގައި ތަރިންނަށާއި ފިލްމު މާކެޓް ކުރުމަށް ކުރާ ހޭދަ މަދުކޮށް މުސްތަގުބަލުގައި ފިލްމުގެ ވާހަކައަށް އިތުރަށް ސަމާލުކަންދިނުމަށް ސުބާޝް ވަނީ ގޮވާލާފައެވެ.

ފިލްމު "ސައްޔާރާ" ހޯދަމުން އަންނަ ކާމިޔާބީއާ ގުޅިގެން ސޯޝަލް މީޑިއާގައި ސުބާޝް ކުރި ޕޯސްޓުގައި ބުނެފައިވަނީ ފިލްމުތަކުގެ ލީޑް ތަރިން ބުނާހާ ގޮތަކަށް ކަންކަން ކުރުމުގެ ސަގާފަތް ޕްރޮޑިއުސަރުން ދޫކޮށްލަންވެއްޖެ ކަމަށެވެ.

ހިންދީ ސިނަމާއިން މީގެ ކުރިން ގެނެސްދެމުން އައި ކަހަލަ ހިތްގައިމު ފިލްމުތައް އޯޑިއަންސަށް ގެނެސްދެވޭނީ އެފަދަ ކަންކަން ރަނގަޅުކޮށްގެން ކަމަށް ސުބާޝް ވަނީ ބުނެފައެވެ.

ސުބާޝް ގާއީގެ އިތުރުން ވެސް ފިލްމު "ސައްޔާރާ"އަށް ތައުރީފުކޮށް އެ ފިލްމުގެ ޖާދޫގައި ގިނަ ބަޔަކު ޖެހިފައިވާއިރު މިއީ ބޮލީވުޑްގެ ތާރީޚުގައި ރަން އަކުރުން ލިޔެވިގެންދާނެ ކާމިޔާބު ފިލްމެއް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ފިލްމު "ސައްޔާރާ"އިން ބޮލީވުޑަށް ތައާރަފުވި އަހާން ޕާންޑޭއާއި ފިލްމުގައި ބަތަލާގެ ރޯލް ކުޅުނު އަނީތު ޕައްޑާގެ ޕާފޮމެންސަށް ގިނަ ބަޔަކު ވަނީ ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ.