06 Aug 2012, 10:17
ޖިއްދާ (އޮގަސްޓް 6): މިޔަނަމްމާގެ ރޮހިންގިޔާ ދަރިކޮޅުގެ މިސްލިމުންނާ ދެކޮޅަށް އެޤައުމުގައި ހިންގަމުންގެންދާ އިންސާނިއްޔަތާޚިލާފު އަނިޔާތަކާއި ރަޙުމުކުޑަ ޢަމަލުތައް ބަލައި ތަޙްޤީޤްކުރުމަށް ޓަކައި އިސްލާމީ ޤައުމުތަކުގެ ޖަމްޢިއްޔާ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ޚާއްސަ މަންދޫބަކު މިޔަންމާ އަށް ފޮނުވުމަށް ނިންމައިފި އެވެ.
މިޔަންމާގެ މުސްލިމުންގެ މައްސަލާގައި އޯއައިސީގެ ތަންފީޒީ ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމެއްގައި ރިކޮމެންޑް ކޮށްފައި ވަނީ މިޔަނަމްމާގެ މިސްލިމުންނާ ދެކޮޅަށް ހިންގަމުންގެންދާ އިންސާނިއްޔާ ޚިލާފު ޢަމަލުތައް ބަލައި ތަޙްޤީޤްކުރުމަށް ޓަކައި އޯއައިސީގެ ސެކްރެޓަރީ ޖެނެރަލްގެ ޚާއްސަ މަންދޫބަކު އެ ޤައުމަށް ފޮނުވައިގެން މުސްލިމުންނާ ދެކޮޅަށް ހިންގާ ޢަމަލުތައް ބެލުމަށް ފަހު ކަމާބެހޭ ރިޕޯޓެއް ތައްޔާރުކޮށް ކުރިޔަށް އޮތް އޯއައިސީގެ އިސްވެރިންގެ ކުއްލި ސަމިޓަށް ހުށަހެޅުމަށެވެ.
މިޔަންމާގެ މުސްލިމުންގެ މައްސަލާގައި އޯއައިސީގެ މިކުއްލި ސަމިޓް ބޭއްވުުމަށް ހަމަޖެހިފައި ވަނީ މި އޮގަސްޓް މަހުގެ ފަހުކޮޅުގަ އެވެ. އަދި މިޔަނަމްމާގެ މިސްލިމުންނާ ދެކޮޅަށް ހިންގަމުންގެންދާ އިންސާނިއްޔަތާ ޚިލާފު ޢަމަލުތައް ހުއްޓުވުމަށް ޓަކައި މިޔަންމާ ސަރުކާރާ ވާހަކަ ދެއްކުމަށް އޯއައިސީގެ ޑިޕްލޮމެޓިކް ވަފްދެއް ޔަންގޫނަށް ފޮނުވުމަށް ވެސް މިބައްދަލުވުމުން ސެކްރެޓަރީ ޖެނެރަލް އަށް ގޮވާލާފައިވެ އެވެ. މީގެއިތުރުން މިޔަނަމްމާގެ މިސްލިމުންގެ އިންސާނީ ޙައްޤުތަކުގެ މައްސަލާގައި އިންސާނީ ޙައްޤުތަކާ ބެހޭ ބައިނަލްއަޤްވާމީ ކައުންސިލްގެ ޚާއްސަ ޖަލްސާއެއް ބޭއްވުމަށް މަސައްކަތް ކުރުމަށް ވެސް އޯއައިސީގެ ތަންފީޒީ ކޮމިޓީގެ ބައްދަލުވުމުން ނިންމާފައިވެެ އެވެ.
މިބައްދަލުވުމުގައި މިޔަންމާގެ މުސްލިމުންނަށް އެހީފޯރުކޮށްދިނުމުގައި އެޤައުމާ އަވައްޓެރި ބަންގްލަދޭޝް އިން އެެއްބާރުލުން ނުދޭ މައްސަލާގައި ތަންފީޒީ ކޮމިޓީން ބަންގްލަދޭޝްގެ ސަރުކާރު ކުށްވެރިކުރި އެވެ.
އިސްލާމީ އެތައް ޤައުމެއްގެ ރައްޔިތުން މިހާރު ގެންދަނީ މިޔަނަމްމާގެ ރޮހިންގިޔާ ދަރިކޮޅުގެ މިސްލިމުންނާ ދެކޮޅަށް އެޤައުމުގައި ހިންގަމުންގެންދާ އިންސާނިއްޔަތާ ޚިލާފު އަނިޔާތަކާއި ރަޙުމުކުޑަ ޢަމަލުތަކާ ދެކޮޅަށް އަޑުއުފުލައި އެކަން ކުށްވެރިކޮށް މުޒާހަރާތަކާއި އިޙްތިޖާޖްތައް ކުރަމުންނެވެ. މިގޮތަށް މިޔަންމާގެ މުސްލިމުންގެ ޙައްޤުގައި މުޒާހަރާތަކާއި އިޙްތިޖާޖްތައް ކުރަމުންގެންދާ ޤައުމުތަކުގެ ތެރޭގައި އިންޑޮނީޝިޔާ، އީރާން، ތުރުކީ، ޕާކިސްތާން އަދި ޔޫރަޕްގެ ޤައުމުތަކުގެ މުސްލިމުންނާއި އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމާއަތްތައް ހިމެނެ އެވެ.
މިޔަންމާގެ ސަލާމަތީ ބާރުތަކުންނާއި ހަރުކަށި ބުޑިސްޓުންގެ ޖަމާއަތްތަކުން އެޤައުމުގެ ރޮހިންގިޔާ ދަރިކޮޅުގެ ބައިމަދު މުސްލިމުންނާ ދެކޮޅަށް ހިންގަމުން ގެންދާ ލާއިންސާނީ ޢަމަލުތަައް އަމާޒުކޮށްފައި ވަނީ އެ މީހުންގެ ނަަސްލު ވުޖޫދުން ނައްތާލުމަށެވެ. މިގެތެރޭގައި މުސްލިމުންގެ ގެދޮރުގައި ހުޅުޖެހުމާއި އެމީހުންގެ މުދަލާއި ތަކެތި ފޭރުމާއި އަންހެނުން ރޭޕްކުރުމާއި ކުޑަކުދިން ވަގަށްނެގުމުގެ އިތުރުން ޤަތްލުޢާންމުތައް ހިންގުން ހިމެނެ އެވެ.
މީގެއިތުރުން ރޮހިންގިޔާ މުސްލިމުން ނަމާދުކުރާ މިސްކިތްތައް ހަލާކުކުރުމާއި ނަމާދުކުރުން މަނާކުރުމާއި އެމީހުންގެ ދީނީ ޢިލްމުވެރިންނާއި ޝަރީޢާ ކިޔަވާ ދަރިވަރުން ހައްޔަރުންފަދަ ލާއިންސާނީ ޢަމަލުތައްވެސް އެމީހުންނާ ދެކޮޅަށް ފުޅާދާއިރާއެއްގައި ހިންގަމުން ގެންދެ އެވެ. (އަލްޖަޒީރާ)