23 Jul 2025, 21:38
ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަންސް (ކާވާ) މެންސް ޗެމްޕިއަންސް ލީގުގެ ލޯ މެޑަލް ހެލްޕް ނޭޕާލް ސްޕޯޓްސް ކުލަބުން ހޯދައިފިއެވެ.
މުބާރާތުގެ ލޯ މެޑަލް ނޭޕާލުން ހޯދީ ތިންވަނަ ހޮވާ މެޗުގައި ސްރީ ލަންކާ ޕޯޓްސް އޮތޯރިޓީއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.

ހެލްޕް ނޭޕާލާއި ސްރީ ލަންކާ ޕޯޓްސް އޮތޯރިޓީ ކުޅުނު މެޗުގެ ތެރެއިން -- ސަން ފޮޓޯ/ މޫސާ ނަދީމް
މި މުބާރާތުގެ ތިންވަނަ ހޮވާ މެޗުގައި ނޭޕާލް ވާދަކުރަން ޖެހުނީ ލީގު ބުރު ނިމުނުއިރު ތިންވަނައިގައި އޮތުމުންނެވެ. އެ ޓީމާއެކު ދެވަނައިގައި އޮތް ބިޝްކެކް އާއެކު އޮތީ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށެވެ. ނޭޕާލަށް ތިންވަނަ ލިބުނީ ސެޓް ރޭޝިއޯ އިން ބަލައިގެންނެވެ.
ތިންވަނަ ހޮވި މެޗުގެ ފުރަތަމަ ދެ ސެޓު ނޭޕާލުން ގެންގޮސްފައިވަނީ 25-20 އަދި 25-15 އިންނެވެ. ތިންވަނަ ސެޓު ލަންކާއިން ކާމިޔާބުކުރީ 20-25 އިންނެވެ. އަދި ހަތަރުވަނަ ސެޓު ނޭޕާލުން ކާމިޔާބުކުރީ 25-21 އިންނެވެ.

ހެލްޕް ނޭޕާލާއި ސްރީ ލަންކާ ޕޯޓްސް އޮތޯރިޓީ ކުޅުނު މެޗުގެ ތެރެއިން -- ސަން ފޮޓޯ/ މޫސާ ނަދީމް
މި މެޗުގެ ތިންވަނަ ސެޓުން ފެށިގެން ލަންކާއިން ވަނީ ބޮޑުތަނުން ކުޅުން ރަނގަޅުކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ތިންވަނަ ސެޓު އެ ޓީމުން ހޯދިއިރު، ހަތަރުވަނަ ސެޓުގެ ވަކި ހިސާބަކުން އެ ޓީމުން އެންމެ ރަނގަޅަށް ކުޅެމުންއައި އެއް ކުޅުންތެރިޔާ ކަމަށްވާ ލަސިންދުއަށް އަނިޔާވި ހިސާބުން ފެށިގެން ލަންކާގެ ކުޅުން ދަށްވެ ސެޓު ގެއްލުނެވެ.
އޭގެ ފައިދާ ނަގައިގެން ހެލްޕް ނޭޕާލުގެ ޕާކިސްތާނު ގައުމީ ތަރި މުރާދު ވަނީ ގިނަ ޕޮއިންޓުތަކެއް ހޯދާފައެވެ.