24 Jul 2025, 09:26
އިންސްޓަގްރާމްގެ އެކައުންޓުތަކަށް ރައްކާތެރިކަން އިތުރުކުރުމުގެ ގޮތުން ސެކިއުރިޓީ އާ ފީޗާތަކެއް ތައާރަފުކޮށްފިއެވެ.
ސޯޝަލް މީޑިއާގެ އެންމެ ބޮޑު އެއް ކުންފުނި، މެޓާއިން އިންސްޓަގްރާމް ޔޫޒަރުންގެ އެކައުންޓުތަކަށް އަމާޒުކޮށް ރައްކާތެރިކަން އިތުރުކުރުމުގެ ގޮތުން އާ ފީޗާތަކެއް ތައާރަފުކޮށްފައިވާއިރު، މެޓާއިން ބުނި ގޮތުގައި މި ފީޗާތަކުގެ މައިގަނޑު މަޤުސަދަކީ ޒުވާނުންނާއި ފުރާވަރުގެ ކުދިންނަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ލިބިދާނެ ގެއްލުމުން ރައްކާތެރިކޮށް، އެ ކުދިންގެ އުމުރާ ގުޅޭފަދަ ރައްކާތެރި މާޙައުލެއް ޑައިރެކްޓް މެސެޖިން (ޑީއެމް)ގެ ތެރެއިން ޤާއިމުކޮށްދިނުމެވެ.
މިގޮތުން ތައާރަފުކުރި އެއް ފީޗާއަކީ ފުރާވަރުގެ ކުއްޖަކު އެހެން މީހަކަށް ފުރަތަމަ ފަހަރަށް ޑީއެމް ކުރާއިރު، އެ މީހެއްގެ އެކައުންޓް އިންސްޓަގްރާމްގައި ހެދި މަހާއި އަހަރު ޗެޓްގެ މަތީގައި ފެންނަން ހުރުމެވެ. މެޓާއިން ބުނާ ގޮތުގައި، މީގެ ސަބަބުން އެއީ ކިހާ ދުވަސްވީ އެކައުންޓެއްކަން އެނގި، މަކަރާއި ހީލަތް ހަދާ ފަރާތްތައް ފަސޭހައިން ދެނެގަތުމަށް މަގުފަހިވާނެއެވެ.
މީގެ އިތުރުން، ފުރާވަރުގެ ކުއްޖަކު އެހެން މީހަކާ ޗެޓްކުރަން ފެށުމުގެ ކުރިން ރައްކާތެރިކަމާ ބެހޭ އިރުޝާދުތަކެއް ފެންނާނެއެވެ. މި އިރުޝާދުތަކުގައި ވާހަކަދައްކަން ފެށުމުގެ ކުރިން އަނެއް މީހާގެ ޕްރޮފައިލް ރަނގަޅަށް ބެލުމަށާއި، އެއްވެސް ކަމެއް ގޯސްހެން ހީވާނަމަ ވާހަކަދައްކަން މަޖުބޫރުނޫންކަން ހަނދާންކޮށްދެއެވެ. އަދި، އަމިއްލަ މައުލޫމާތުތައް ހިއްސާކުރުމުގައި ސަމާލުވުމަށް ވެސް މި ފީޗާއިން ހަނދާންކޮށްދެއެވެ.

މީހަކު ބްލޮކް ކޮށްލަން ބޭނުން ވުމުން މިހާރު ފަސޭހަ އޮޕްޝަނެއް ހުރޭ -- ފޮޓޯ: މެޓާ
ޑީއެމް (ޑައިރެކްޓް މެސެޖް)ގެ ތެރެއިން މީހަކު ބްލޮކްކުރަން އުޅުމުން، "ބްލޮކް އެންޑް ރިޕޯޓް" (ބްލޮކްކޮށް ރިޕޯޓްކުރުން)ގެ ނަމުގައި އިތުރު އޮޕްޝަނެއް ފެންނާނެ ގޮތް ވެސް ވަނީ ހަދާފައެވެ. މެޓާއިން ބުނީ، މީގެ ސަބަބުން ނޭދެވޭ މުއާމަލާތެއް ހުއްޓުވާލުމާ އެކު، އެކަން މެޓާއަށް ވަރަށް ފަސޭހައިން އެންމެ ކްލިކަކުން ރިޕޯޓް ކުރެވޭނެ ކަމަށެވެ.
މި ރައްކާތެރިކަމުގެ ފިޔަވަޅުތައް ބޮޑެތި މީހުން، ކުޑަކުދިންގެ ނަމުގައި ހިންގާ އެކައުންޓުތަކަށް ވެސް ފުޅާކޮށްފައިވެއެވެ. މިފަދަ އެކައުންޓުތަކަކީ އާންމުކޮށް އުމުރުން 13 އަހަރުން ދަށުގެ ކުދިންގެ ފޮޓޯއާއި ވީޑިއޯ ހިއްސާކުރުމަށް ބޭނުންކުރާ އެކައުންޓުތަކެވެ.
މި ރައްކާތެރިކަމުގެ ފިޔަވަޅުތައް ފުޅާކުރުމުގެ ދަށުން، ކުޑަކުދިންގެ ނަމުގައި ބޮޑެތި މީހުން ހިންގާ އެކައުންޓުތަކަށް އަމާޒުކޮށް ވަނީ ޚާއްސަ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން، އެފަދަ އެކައުންޓުތައް ހިންގާ ފަރާތްތަކަށް ނޭނގި، ނުދަންނަ މީހުން ފޮނުވާ ނޭދެވޭ މެސެޖުތަކުން ރައްކާތެރިކުރުމުގެ ގޮތުން، އެ އެކައުންޓުތައް އިންސްޓަގްރާމްގެ ސްޓިރިކްޓްސް މެސެޖް ސެޓިންސްއަށް އޮޓޮމެޓިކުން ބަދަލުކުރެވޭނެއެވެ.
މި ބަދަލުގެ ސަބަބުން، އެ އެކައުންޓު ފޮލޯނުކުރާ ފަރާތްތަކުން ފޮނުވާ މެސެޖުތައް އިންބޮކްސްއަށް އައުން ހުއްޓުވޭނެއެވެ. މީގެ އިތުރުން، ނަފުރަތު އުފެދޭ ނުވަތަ ހަޑިހުތުރު ބަސްތައް ހިމެނޭ ކޮމެންޓުތައް އޮޓޮމެޓިކުން ފޮރުވުމަށްޓަކައި، "ހިޑަން ވޯޑްސް"ގެ ފީޗާވެސް އަމިއްލައަށް އޮންކުރެވޭނެއެވެ.
މިފަދަ ބަދަލުތަކެއް އެކައުންޓަށް ގެނެވިފައިވާކަން އެކައުންޓް ހިންގާ ފަރާތަށް އެންގުމުގެ ގޮތުން، އިންސްޓަގްރާމް ފީޑްގެ މަތީގައި، "ތިބާގެ ސަލާމަތީ ސެޓިންތައް އަޕްޑޭޓް ކުރެވިއްޖެ"ކަމުގެ މެސެޖެއް ދައްކާނެ ކަމަށް ވެސް މެޓާއިން ވަނީ ބުނެފައެވެ.