06 Aug 2012, 10:13
ކީރިތި ޤުރްއާނުގެ ސޫރަތުލް ޢަންކަބޫތުގެ އަށްވަނަ އާޔަތުގައި އަރަހުށި މާތްﷲ ވަޙީކުރައްވާފައި ވެއެވެ. "އިންސާނާއަށް އޭނާގެ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ތިމަންރަސްކަލާނގެ ވަޞިއްޔަތް ކުރައްވައި އަމުރު ކުރެއްވީމެވެ." ކީރިތި ޤުރްއާނުގެ އެތައް ތަނެއްގައި މި މޭރުމުން ބާރުއަޅުއްވައި ވަނީ އަމުރުކުރައްވާފައެވެ. އިންސާނާ އޭނާގެ މައިންބަފައިންނާމެދު އެންމެ ރީތި ޚުލުޤުން އަޚްލާޤު ބެހެއްޓުމަށެވެ. އެންމެ ހެޔޮ ގޮތުގައި މުޢާމަލާ ކުރުމަށެވެ. އެބައިމީހުންގެ ހުރިހާ ޙައްޤުތަކެއް ކުޑަވެސް ކަންފުޅެއް ދޫކޮށްނުލައި އަދާކުރުމަށެވެ. މަޔަކު ބަފަޔަކު އޭނާގެ ދަރިޔަކު ދެކެ ކަމަކާ ނުޤަބޫލުވެ އަޑުލި ކަމުގައި ވިޔަސް ދަރީންގެ މައްޗަށް ވާޖިބުވެގެން ވަނީ އެބައިމީހުންގެ ހަރުކަށި ބަސްތަކާމެދު ތިމާގެ ހިތުގައި ކުޑަވެސް ނުރުހުމެއް ނުބޭއްވުމެވެ. އެބައިމީހުން ދެކެ ވާ ލޯތްބަށާއި އެބައިމީހުންނަށް ކުރާ ޚިދްމަތަށް ޒައްރެއްގެ މިންވަރުގެ ވެސް އުނިކަމެއް ނުގެނައުމެވެ.
ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘުފުޅެއްގައި ވެއެވެ. އެމާތް ސާހިބާގެ އަރިހަށް މީހަކު އައިސް ދެންނެވިއެވެ. އޭ މާތްﷲ ގެ ރަސޫލާއެވެ. އަޅުގަނޑު ރީތި ގޮތުގައި ގުޅުން ބާއްވައި ކަމޭހިތުން އެންމެ އައުލާކަން ބޮޑީ ކާކަށްތޯއެވެ. އިތުރު ސާހިބާ ޙަދީޘު ކުރެއްވިއެވެ. ކަލޭގެ މަންމައެވެ. ދެވަނަ ފަހަރަށް އޭނާ ދެންނެވިއެވެ. ދެން ކާކަށްތޯއެވެ؟ އިތުރު ސާހިބާ އިރްޝާދު ދެއްވިއެވެ. ކަލޭގެ މަންމައެވެ. އޭނާ ތިންވަނަ ފަހަރަށް އެ ސުވާލު ތަކުރާރު ކުރުމުން ޙަދީޘު ކުރެއްވިއެވެ. ކަލޭގެ ބައްޕައެވެ.
ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އެތައް ޙަދީޘުފުޅުތަކަކުން އެނގި ސާބިތުވާގޮތުގައި އަރަހުށި މާތްﷲގެ ރަސްކަންފުޅު ފިޔަވައި އިންސާނާގެ މައްޗަށް އެންމެ ބޮޑު ޙައްޤެއް އޮތީ އޭނާގެ މައިންބަފައިންގެ މައްޗަށެވެ. މާތްﷲ ގެ ޙުރުމަތް ފިޔަވައި ދެން އޮތް އެންމެ ބޮޑު ޙުރުމަތަކީ މައިންބަފައިންގެ ޙުރުމަތެވެ. އޭގެ ސަބަބަކީ މާތްﷲ ފިޔަވައި އިންސާނާއަށް މި ދުނިޔޭގައި އެންމެ ބޮޑު އިޙްސާންތެރިކަމެއް ލިބިފައިވަނީ އޭނާގެ މައިންބަފައިންގެ ފުށުންކަމެވެ. އެހެންކަމުން ކޮންމެ މީހަކަށްވެސް ލާޒިމުވެގެންވަނީ ތިމާ ބޮޑުވެ އަތްފައިފޯރާވަރު ވުމުން ހުރިހާ ގޮތަކުންވެސް މައިންބަފައިންނަށް ޚިދުމަތް ކުރުމެވެ. ތިމާގެ ޅަފަތުގައި މައިންބަފައިންގެ ފަރާތުން ތިމާޔަށް ޚިދުމަތް ލިބުނު ފަދައިން މައިންބަފައިންގެ މުސްކުޅި ޢުމުރުގައި އެމީހުނށް ޚިދުމަތްކޮށް އެބައިމީހުންނަށް ބޭނުން ހިފެވޭ މީހަކަށް ވުމެވެ.
އިންސާނާ އޭނާގެ މައިންބަފައިންނަށް ޚިދުމަތްކުރުމުން އޭނާގެ ނަފްސު އެ ތައްޔާރުކުރެވެނީ ފުޅާ ދާއިރާއެއްގައި އިންސާނިއްޔަތަށް ޚިދުމަތް ކުރުމަށެވެ. އެންމެހައި އާދަމުގެ ދަރީންނާމެދު ލޯބީގެ ނަޒަރަކުން ބެލުމަށެވެ. އެންމެހައި އިންސާނުންނަށް ކަމޭހިތައި އިޙްތިރާމުކުރުމަށެވެ. އޭނާއަކީ އިންސާނުންގެ ޙައްޤުތައް ފުރިހަމަޔަށް އަދާކުރާ މީހަކަށް ވުމަށެވެ.