އެމެރިކާގެ ވިސްކޮންސިން ސްޓޭޓުގެ އޯކް ކްރީކުގައި ހުންނަ، ސިކުންގެ ފައްޅިއަކަށް ނުވަތަ ގުރުދުވާރާއަކަށް އިރުހާބީ (ޓެރަރިސްޓު) ދޮން މީހުންތަކެއް ހަތިޔާރާ އެކު ވަދެގަނެ، އެތަނުގެ ތެރޭގައި ތިބި މީހުން ކިޑްނެޕް ކޮށް، ހަ މީހުން މަރައިލައިފިއެވެ.

ފައްޅިއަށް ހާޒިރު ވެ ތިބި މީހުންގެ ތެރެއިން ހަ މީހަކު އިރުހާބީ ބަޑިވެރީންގެ ހަމަލާތަކުގެ ސަބަބުން މަރު ވި އިރު، ބަޑިވެރީންގެ ތެރެއިން ވެސް އެކަކު މަރު ވެފައި ވާ ކަމަށް އޯކް ކްރީކުގެ ފުލުހުން މައުލޫމާތު ދެއެވެ.

މަރު ވި މީހުންގެ އިތުރުން، ފައްޅީގައި ތިބި މަދަނީންގެ ތެރެއިން މަދު ވެގެން ދެ މީހަކަށް އެކި ވަރުވަރުގެ އަނިޔާ ލިބި ޒަހަމް ވެފައި ވާ ކަމަށް ފުލުހުން ބުނާ އިރު، ފައްޅީގެ ތެރޭގައި ތިބި މީހުންގެ ފަރާތުން މައުލޫމާތު ލިބޭ ގޮތުގައި 25 މީހެއްގެ ގަޔަށް ބަޑީގެ ހަމަލާ ވަނީ އަރައިފައެވެ. ހަމަ އެޔާއެކު ފުލުހުންގެ މީހެއްގެ ގަޔަށް ވެސް ގިނަ އަދަދަކަށް ވަޒަން އެރުމާ ގުޅިގެން އޭނާއަށް ހަސްފަތާލުގައި ފަރުވާ ދެވެމުން ދާ ކަމަށް ވެސް ގްރީންފީލްޑުގެ ފުލުހުންގެ ވެރިޔާ ބްރެޑްލީ ވެންޓްލޭންޓް މައުލޫމާތު ދެއްވިއެވެ.

އިރުހާބީންގެ މި ހަމަލާގައި މަރު ވި މީހުންގެ އުމުރާއި ޖިންސާ ބެހޭ މައުލޫމާތެއް އަދި ފުލުހުން ހާމަ ކޮށްފައެއް ނުވެއެވެ. އިރުހާބީން އަދިވެސް ފައްޅީގެ ތެރޭގައި ތިބުމާ އެކު، ފުލުހުން ގެންދަނީ އެ ސަރަހައްދު ބަންދު ކޮށް، ފައްޅީގެ ތެރޭގައި ތިބި މީހުން ސަލާމަތް ކުރެވޭތޯ މަސައްކަތް ކުރަމުންނެވެ. ފައްޅީގެ ތެރޭގައި ތިބި މީހުންގެ ތެރޭގައި ދެ ޖިންސުގެ ބޮޑެތި މީހުންގެ އިތުރުން، ކުޑަކުދީން ތިބި ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ފުލުހުންގެ ވެރިޔާ ވެންޓްލޭންޓް ވިދާޅު ވި ގޮތުގައި ސިކުންގެ ގުރުދުވާރާއަށް ފުލުހުން ފޮނުވުނީ އިމަޖެންސީ ނަންބަރު ކަމުގައި ވާ 911 އަށް އާދީއްތަ ދުވަހު ހެނދުނު 10:25 ހާކަށް ހާއިރު ތަކުރާރު ކޮށް އައި ކޯލުތަކަކާ ގުޅިގެންނެވެ. އެއާއެކު ފުލުހުންގެ ޔުނިޓެއް އެ ސަރަހައްދަށް ފޮނުވިފައި ވެއެވެ. ފުލުހުންގެ ތެރެއިން ޒަހަމް ވި މީހާ ޒަހަމް ވެފައި ވަނީ ފައްޅިއަށް ގޮސް، ބަޑި ހިފައިގެން އެތަނުގައި ތިބި އިރުހާބީންނާ ކުރިމަތިލުމުގެ ތެރޭގައި ކަމަށް ވެސް ވެންޓްލޭންޓް ވިދާޅު ވިއެވެ. މަރުވި ބަޑިވެރިޔާ މަރުވީ ފުލުހުންގެ ރައްދު ހަމަލާގައި ކަން ވެސް އޭނާ ކަށަވަރު ކޮށް ދެއްވިއެވެ.

މި ހަމަލާ ދިން މީހުންނަކީ އެމެރިކާގެ ދޮން ކްރިސްޓިޔަން ނަސްލަށް ނިސްބަތް ވާ ބައެއް ކަމަށް ގުރުދުވާރާގެ އެތެރޭގައި ތިބި މީހުންގެ ފަރާތުން ފުލުހުންނަށް މައުލޫމާތު ދީފައި ވެއެވެ.

ފުލުހުން ވަނީ މި ހާދިސާއާ ގުޅިގެން ފުލުހުން އެ ތަނުގައި ހަރަކާތްތެރި ވަމުން ދާ ގޮތުގެ މަންޒަރުތައް ވީޑިޔޯކޮށް ދުރަށް ނުފޮނުވުމަށް ނޫސްވެރީންނަށް އަންގައިފައެވެ. އެއީ އެ ތަނުގައި ފުލުހުން ހިންގަމުންދާ އޮޕަރޭޝަނަށް ހުރަސް އެޅިދާނެ ކަމަށް ގަބޫލު ކުރެވޭތީއެވެ.

އޯކް ކްރީކަކީ ތިރީހަކަށް ހާސް މީހުންގެ އާބާދީއެއް އޮންނަ ބަލްދާއެކެވެ. ސިކުންގެ ފައްޅިއެއް މި ބަލްދާގައި ހުޅުވައިފައި ވަނީ 1999 ވަނަ އަހަރުއެވެ. މި ފައްޅީގެ މެންބަރުންގެ ގޮތުގައި އޯކް ކްރީކުގައި ދިރި އުޅޭ 350 އާއި 400 އާ ދެމެދުގެ އަދަދެއްގެ ސިކުން ރަޖިސްޓަރީ ކުރެވިފައި ވާ ކަމަށް ފައްޅީގެ ރަސްމީ ވެބްސައިޓުގައި ވާ ކަމަށް ބީބީސީން ބުނެއެވެ.

ހުޅަނގުގެ ގައުމުތަކުގައި ކްރިސްޓިޔަނުން ހިންގާ މިފަދަ އަމަލުތަކަކީ އިރުހާބިއްޔަތުގެ އަމަލުތަކެއް ކަމަށް އިއުތިރާފު ވުމަށް ހުޅަނގުގެ ގައުމުތަކުގެ ރަސްމީ އިދާރާތައް އަބަދު ވެސް ފަސް ޖެހެއެވެ. ހަމައެއާއެކު، ސިކުންނަކީ ތުނބުޅި ލައިފައި، ފަގުޑި އަޅައިގެން ތިބޭ ބަޔަކަށް ވާތީ، އެމީހުންނަކީ މުސްލިމުން ކަމަށް ޝައްކު ކޮށްގެން ވެސް ހުޅަނގުގެ ގައުމުތަކުގައި ސިކުންނަށް ހަމަލަތައް އަމާޒު ކުރުން މިހާރަކަށް އައިސް ވަނީ އާންމު ވެފައެވެ.