05 Aug 2012, 19:55
ހިނގާ މީހުނަށާއި ދުއްވާ އެއްޗިއްސަށް ދަތިވާ ގޮތަށް ޕޭމަންޓް މަތީގަ އާއި މަގުމަތީގައި ބަހައްޓަފައިހުންނަ ތަކެތި ނަގަން އެތަކެތީގެ ވެރިފަރާތަށް އެންގުމަށްފަހު އެތަކެތި ނުނަގާނަމަ އެއްޗެއް ފުލުހުންގެ ބެލުމުގެދަށަށް ގެންދަން ނިންމައިފި އެވެ.
ފުލުހުން ބުނީ އެގޮތަށް ހަމަޖެއްސީ ފަހަކަށް އައިސް ދުއްވާ އެއްޗިއްސާއި ހިނގާ މީހުނަށް އުނދަގޫވާ ގޮތަށް މަގުމަތީގައި ތަކެތި ބެހެއްޓުން އާންމުވެފައިވާތީ އެކަމުގެ އުނދަގޫ އާންމުނަށް ކުރިމަތިވެ ޝަކުވާ ލިބެމުން ދާތީ ކަމަށެވެ.
އަދި ބުނީ އެގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ތަކެތި ގެންދާނީ އެތަކެތި ބަހައްޓާފައި ހުންނަ ތަންތަނުން އެތަކެތި ނެގުމަށް އެތަކެތީގެ ވެރިފަރާތަށް އެންގުމަށް ފަހު އެތަކެތި ނުނަގާނަމަ ކަމަށެވެ.
ފުލުހުން އެގޮތަށް ނިންމާފައިވާއިރު މާލޭގެ ފިހާރަތަކަށް ގެންނަ މުދަލާއި އުކާލަންޖެހޭ ކުނި ފަދަ ތަކެތި ދުވާރުމަތީގައި ބަހައްޓައި ކަމުގެ ޝަކުވާ މާލޭ ސިޓީ ކައުންސިލަށް ލިބެމުންދާތީ އެކަން އެގޮތަށް ނުކުރުމަށް ސިޓީ ކައުންސިލުން ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.
މާލޭގެ މަގުތައް މަތީގަ އާއި ފިހާރަތަކުގެ ދޮރުމަތީގައި ކުންޏާއި މުދާ ބެހެއްޓުމަކީ އާންމު ކަމެކެވެ.