23 Jul 2025, 09:19
ބޮލީވުޑްގެ ކުރީގެ ބަތަލާ އަދި އެކްޓަރު އަކްޝޭ ކުމާރުގެ އަންހެނުން ޓުވިންކަލް ކަންނާ އާއި ބަތަލާ ކާޖޮލް ދޭވްގަން ގުޅިގެން ހޯސްޓު ކުރާނެކަން ކުރިން އިއުލާނުކޮށްފައިވާ ޓޯކް ޝޯގެ ނަމާ އެކު ޝޯގެ ފަސްޓް ލުކް އެމޭޒަން ޕްރައިމްއިން ދައްކާލައިފިއެވެ.
"ޓޫ މަޗް ވިތު ކާޖޮލް އެންޑް ޓުވިންކަލް"ގެ ނަމުން ގެނެސްދޭ މި ޝޯގެ ކޮންޓެންޓް ބިނާކޮށްފައި ވަނީ ޝޯގައި ބައިވެރިވާ މެހެމާނުންނާ އެކު އެއްވެސް ކަހަލަ ޖެހިލުމެއް ނެތި އަދި ފިލްޓާއެއް ނެތި ބަހުސް ކުރިއަށް ގެންދެވޭނެ ކަހަލަ ގޮތަކަށެވެ.
ކާޖޮލް އާއި ޓުވިންކަލް ފަދަ ފިލްމު އިންޑަސްޓްރީގެ ތަޖުރިބާހުރި ދެ ބަތަލާއިންނާ އެކު ޓޯކް ޝޯއެއް ގެނެސްދިނުމާ ގުޅޭގޮތުން އެމޭޒަން ޕްރައިމް ވީޑިއޯގެ އިންޑިއާ ގޮފީގެ ޑައިރެކްޓަރު ނިކިލް މަދޮކް ބުނީ، ކާޖޮލް އާއި ޓުވިންކަލް އަކީ ވަރަށް ވިސްނުންތޫނު އިންޑަސްޓްރީގައި ހިނގާ ކަންކަމަށް ފާޑުކިޔަން ކެރޭނެ ދެ ބަތަލާއިން ކަމަށެވެ. އެހެންވެ މިއީ ބެލުންތެރިންނަށް ވަރަށް ކަމުދާނެ ޓޯކް ޝޯއަކަށް ވާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ނިކިލް ވަނީ ބުނެފައެވެ.

ކާޖޮލް ފިރިމީހާ އަދި އެކްޓަރު އަޖޭ ދޭވްގަންއާ އެކު ކޮފީ ވިތު ކަރަންގެ އެޕިސޯޑެއްގައި--ފޮޓޯ/އެންޑީޓީވީ
ފިލްމު ކުޅުމާ ދުރުވުމަށްފަހު ލިޔުންތެރިއެއްގެ ގޮތުގައި މިހާރު މަސައްކަތް ކުރަމުން އަންނަ ޓުވިންކަލް އާއި ކާޖޮލް އެކީގައި ޓޯކް ޝޯއެއް ހޯސްޓު ކުރަން ނިންމާފައިވާއިރު ގިނަބަޔަކު ބޭނުންވަނީ މި ޝޯގެ ފުރަތަމަ މެހެމާނުންގެ ގޮތުގައި ދެ މީހުންގެ ފިރިން ކަމަށްވާ އަޖޭ ދޭވްގަން އަދި އަކްޝޭ ކުމާރު ގެނައުމަށެވެ.
މިކަމާ ގުޅިގެން ޓުވިންކަލްގެ ފިރިމީހާ އަކްޝޭ ކުމާރު ބުނެފައި ވަނީ ޝޯގެ ކަންކަން ހަލަބޮލިވާނެ މިންވަރު ހިތަށް ގެންނަން ވެސް ޖެހިލުންވާ ކަމަށާއި ޓުވިންކަލް އާއި ކާޖޮލް އެއް ޝޯއެއް ހޯސްޓު ކުރުމަކީ އޭނާ މިހާރުވެސް ކަންބޮޑުވާ ކަމެއް ކަމަށެވެ. ނަމަވެސް ޝޯގައި އަކްޝޭ ބައިވެރިވާނެ ކަމުގެ އިޝާރާތެއް އެކްޓަރު ދީފައެއް ނުވެއެވެ.
އެމޭޒަން ޕްރައިމްއިން ކާޖޮލް އާއި ޓުވިންކަލްގެ ޓޯކް ޝޯ އިއުލާނުކުރި ނަމަވެސް އެ ޝޯ ޕްރީމިއާ ކުރާނެ ތާރީޚެއް އަދި އިއުލާނު ނުކުރެއެވެ.