23 Jul 2025, 09:15
މީގެ 28 އަހަރު ކުރިން ޑައިރެކްޓަރު އަދި ފިލްމު ޕްރޮޑިއުސަރު ޖޭޕީ ދައްތާ ގެނެސްދިން ފިލްމު "ބޯޑާ"ގެ ދެވަނަ ފިލްމުގެ ޝޫޓިންގް މިހާރު ނިމިފައިވާ ކަމަށް އެ ފިލްމުގެ އެކްޓަރު ސަނީ ޑިއޯލް ބުނެފިއެވެ.
އަނޫރާގު ސިންގް ޑައިރެކްޓަރެއްގެ ގޮތުގައި މިފަހަރު މަސައްކަތް ކުރާ ފިލްމު "ބޯޑާ 2"ގައި ބޮޑު ކާސްޓެއް ހިމެނޭއިރު ސަނީ އަކީ ފިލްމުގެ ކާސްޓުންގެތެރޭ އެންމެ މުހިއްމު އެއް އެކްޓަރެވެ.
ފިލްމުގެ ޝޫޓިންގް ނިންމާލިކަން އެކްޓަރުގެ ރަސްމީ އިންސްޓަގްރާމް އެކައުންޓުގައި ހާމަކުރަމުން ސަނީ ބުނީ އޭނާގެ މިޝަން ފުރިހަމަވެއްޖެ ކަމަށާއި އެހެންވެ އަސްކަރީ އޮފިސަރުގެ ރޯލްއިން އޭނާ މިވަގުތަށް ޗުއްޓީ ނަގައިފި ކަމަށެވެ.

ފިލްމު "ބޯޑާ 2"ގެ ތަރިން ފިލްމުގެ ޕްރޮޑިއުސަރުން އަދި ޑައިރެކްޓަރާ އެކު--ފޮޓޯ/ޓެލެގްރާފްއިންޑިއާ
އަންނަ އަހަރުގެ ޖަނަވަރީ މަހުގެ 23ގައި ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތް މި ފިލްމުގެ ޕްރޮޑިއުސަރުންގެ ޓީމުގެ ތެރޭގައި ޓީ-ސީރީސްގެ އިސްވެރިޔާ ބޫޝަން ކުމާރު، ކްރިޝްނާ ކުމާރު، ޖޭޕީ ދައްތާ އަދި ނިދީ ދައްތާ ހިމެނެއެވެ. ސަނީގެ އިތުރުން ފިލްމު "ބޯޑާ 2"އިން މިފަހަރު ފެންނާނެ ތަރިންގެތެރޭ ވަރުން ދަވަން، އަހާން ޝެޓީ އަދި ދިލްޖީތު ދޮސާންޖް ހިމެނެއެވެ.
މި ފިލްމުގެ ކާސްޓުގައި ޕަންޖާބު އެކްޓަރު ދިލްޖީތު ދޮސާންޖު ހިމެނޭތީ އެކްޓަރު ފިލްމުގެ ޓީމުން ވަކި ކުރުމަށް އިންޑިއާގެ ގިނަ ބައެއްގެ އިތުރުން ފިލްމު ފެޑަރޭޝަނުން ވެސް ވަނީ ކުރިން ގޮވާލާފައެވެ.
ޕާކިސްތާނު ބަތަލާއިންތަކެއް ހިމަނައިގެން ދިލްޖީތުގެ އެންމެ ފަހު ފިލްމު "ސަރުދާރު ޖީ" އުފެއްދި މައްސަލަ ހޫނުވެ އެކްޓަރު ފިލްމުން ވަކިކުރަން ގޮވާލިއިރު "ބޯޑާ 2"ގައި ދިލްޖީތު ކުޅޭ ވަރަށް ބޮޑު ބައެއްގެ ޝޫޓިންގް ވަނީ ނިންމާލާފައެވެ. އެހެންވެ ފަހުން ފިލްމު ފެޑެރޭޝަނުން ވަނީ ދިލްޖީތު ހިމެނޭހެން ފިލްމުގެ މަސައްކަތް ކުރުމުގެ ހުއްދަ "ބޯޑާ 2"ގެ ޕްރޮޑަކްޝަން ކުންފުންޏަށް ދީފައެވެ.
ވަރަށް ވަރުގަދަ އެކްޝަން ތުރިލާއެއް ކަމަށްވާ "ޖާޓް"އިން އެންމެފަހުން ފެނުނު ސަނީ ޑިއޯލް ފިލްމު "ބޯޑާ 2"ގެ މަސައްކަތް ނިންމާލުމަށްފަހު ދެން ފަށާނީ "ލާހޯރު 1947"ގެ މަސައްކަތެވެ. އެކްޓަރު އާމިރު ޚާންގެ ފިލްމު ކުންފުނިން ގެނެސްދޭ އަދި އާމިރު ޕްރޮޑިއުސްކުރާ މި ފިލްމުގެ ބަތަލާ އަކީ ޕްރިތީ ޒިންތާއެވެ.