05 Aug 2012, 17:05
މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު މިނިސްޓްރީގައި އިންނަވާ ކޮޓަރިކޮޅުގެ ތަޅު ހަލާކުކޮށްލަން ބަޔަކު މަސައްކަތް ކުރުމުން އެ މައްސަލަ ބަލަން ފޮރެންސިކް ތަހުގީގު ޓީމް ދިޔައިރު ތަޅު ބަދަލުކޮށް ސީން ހަލާކުކޮށްލައިފި އެވެ.
އިސްލާމީ މަރުކަޒުގެ ދިރާގާވީ ފަޅީގެ ވުލޫކުރާ އިސްކުރު ބަރިއަށް ދެވެން އޮންނަ ދިމާގައި ހުންނަ އެކޮޓަރި ކޮޅުގެ ތަޅު ހަލާކުކޮށްލާފައިވާ ކަމަށް ބުނެ ފުލުހުންނަށް މައްސަލަ ހުށަހެޅީ މިއަދު އެވެ.
މިނިސްޓާ ޝަހީމް ވިދާޅުވީ ފުލުހުންނަށް ހުށަހެޅުނު އެ މައްސަލައާ ގުޅިގެން ފުލުހުންގެ ތަހުގީގު ޓީމު އެއޮފީހަށް ދިޔައިރު އޭނާ އިންނަވާ ކޮޓަރި ކޮޅުގެ ތަޅު އެއޮފީހުގެ މަސައްކަތު މީހުން ލައްވާ ބަދަލުކޮށްފައިވަނީ އޭނާއަށް އެންގުމަކާއި ނުލައި ކަމަށެވެ.
"ފުލުހުން ދިޔައިރު ތަޅު ހުރީ ބަދަލުކޮށްފައި، އެހެން ކަމުން ފުލުހުންގެ ތަހުގީގު ޓީމަށް ޕިންގާ ޕްރިންޓް ވެސް ނޭގޭނެ ގޮތެއް ނުވި، މިއީ ތަޅު ހަލާކުކޮށްލައިފައި ހުއްޓާ ފެނިގެން ތަޅު ބަދަލުކުރަން ޖެހުން ދެވަނަ ފަހަރު،" ޝަހީމް ވިދާޅުވި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެފަދަ މައްސަލައެއް ފުލުހުންނަށް ހުށަހެޅުމާ ގުޅިގެން އެމައްސަލަ ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް އެކަމުގެ އެއްވެސް ތަފްސީލެއް ނުދެއްވަ އެވެ.
އިސްލާމިކް މިނިސްޓަރަށް މަގުމަތިން ކާރުގައި ވަޑައިގެންނަވަނިކޮށް އެމަނިކިފާނުގެ އިންނެވި ކާރުކޮޅު ހުއްޓުވުމަށްފަހު ކާރުގައި ތަޅައި ދޮރުހުޅުވަން މަސައްކަތް ކުރި މައްސަލައަކާ އެމަނިކުފާނު ކާރުކޮޅުގައި އިންނަވަނިކޮށް ސައިކަލަކުން ކާރުގައި ޖައްސައި ކާރުކޮޅުގެ ބިއްލޫރީގަނޑު ތަޅާލި މައްސަލައެއް ވެސް ފުލުހުންނަށް ވަނީ ހުށަހަޅައިފަ އެވެ. މީގެއިތުރުން ވެސް ޝަހީމް މިރޯދަ މަހު ބަޔަކާ އެކު ރޯދަ ވިއްލަވަން ވަޑައިގެންނަވަނިކޮށް ވެސް ބަޔަކު ވަނީ މިނިސްޓަރާ ދިމާކޮށް ހަޑިހުތުރު ބަހުން މުހާތަބުކޮށްފަ އެވެ.