05 Aug 2012, 16:40
ސަރުކާރުން އެކި ކުންފުނިތަކާއެކު ކޮށްފައިވާ ވިޔަފާރީގެ އެއްބަސްވުންތަކަށް ފުރިހަމައަށް އަމަލުކުރަން ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) ގެ ލީޑަރު އަހުމަދު ތަސްމީން އަލީ ސަރުކާރަށް ގޮވާލައްވައިފި އެވެ.
އިންޑިއާގެ ސަރުކާރުގެ ދައުވަތަކަށް އިންޑިޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިންޑިޔާގެ "ހިންދުސްތާން ޓައިމްސް" އަށް ދެއްވި އިންޓަވިއުއެއްގައި ތަސްމީން ވިދާޅުވެފައިވަނީ ސަރުކާރުން އެކި ކުންފުނިތަކާއެކު ކޮށްފައިވާ އެގްރިމަންޓްތަކަށް އަމަލުކުރުމަކީ މިވަގުތު ވަރަށް މުހިންމު ކަމެއް ކަމަށާއި ރާއްޖެ އަންނަ އިންވެސްޓަރުން މާޔޫސްވާފަދަ ގޮތަކަށް ސަރުކާރުން އަމަލުކޮށްގެން ނުވާނެ ކަމަށެވެ.
"ދުނިޔެއަށް މިފަދަ ތަދު ދުވަސްތަކެއް ކުރިމަތިވެފައިވާއިރު ސަރުކާރުން ބޭރުގެ އެކި ކުންފުނިތަކާއެކު ކޮށްފައިވާ ވިޔަފާރީގެ އެއްބަސްވުންތަކަށް އަމަލު ކުރުމަކީ ސަރުކާރަށް ލާޒިމްވާނެ ކަމެއް. ފޮރިން އިންވެސްޓަރުން ހޯދުމަކީ ވެސް މިފަދަ ދަނޑިވަޅެއްގައި އުނދަގޫ ކަމެއް،" ތަސްމީން ވިދާޅުވެފައިވެ އެވެ.
މިހާރުގެ ސަރުކާރަކީ އަށް ޕާޓީއެއްގެ މައްޗަށް އެކުލެވޭ ސަރުކާރެއް ކަމަށް ފާހަގަ ކުރައްވަމުން ތަސްމީން ވިދާޅުވެފައިވަނީ ޑީއާރްޕީގެ ސްޓޭންޑަކީ ބޭރުގެ އިންވެސްޓަރުންނާއެކު ކުރެވިފައިވާ އެގްރިމަންޓްތަކަށް އަމަލު ކުރާކަން ކަށަވަރު ކުރުން ކަމަށާއި އަދި ޑީއާރްޕީގެ ވިސްނުމަކީ މައްސަލައެއް ހުރިނަމަވެސް ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރުން ކަމަށެވެ.
ތަސްމީން ވަނީ އިންޑިއާގެ ބޮޑުވަޒީރު މަންމޯހަން ސިންހާއި އެގައުމުގެ ސަރުކާރުގެ އިސްވެރިންނާ އެކު މަޝްވަރާތައް ބާވަވައިފަ އެވެ. ސަރުކާރުން ކޮށްފައިވާ އެގްރިމަންޓްތަކަށް ފުރިހަމަޔަށް އަމަލުކުރުމަށް ތަސްމީން ގޮވާލައްވާފައިމިވަނީ އެއާޕޯޓް އޮޕަރޭޓް ކުރާ އިންޑިއާގެ ކުންފުނި، ޖީއެމްއާރުގެ މައްސަލަ އަނެއްކާވެސް ހޫނުވެފައިވާ ދުވަސްވަރެއްގަ އެވެ. އެއާޕޯޓް ޑިވަލޮޕްމަންޓް ޗާޖް (އޭޑީސީ)ގެ މައްސަލައި ޖީއެމްއާރުން މިހާރު ވަނީ ސިންގަޕޫރުގެ އާބިޓްރޭޝަން ކޯޓަށް ވައްދައިފަ އެވެ.