ފެބްރުއަރީ ހަ ވަނަ ދުވަހާއި ހަތްވަނަ ދުވަހު ހިނގައިދިޔަ ކަންތައްތަކުގެ ތަހުގީގު ރިޕޯޓް މި ހަފުތާގެތެރޭ ކަމާބެހޭ ފަރާތްތަކަށް ފޮނުވާނެ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ބުނެފި އެވެ.

އެޗްއާރްސީއެމްގެ މެންބަރު އަހުމަދު އަބްދުލް ކަރީމް މިއަދު ވިދާޅުވީ ފެބްރުއަރީ ހަ ވަނަ ދުވަހާއި ހަތް ވަނަ ދުވަހު ހިނގައިދިޔަ ކަންތައް ތަކުގެ ތެރެއިން އެ ކޮމިޝަނުން ބެލި ކަންތައްތަކުގެ ތަހުގީގު ނިމުނު ނަމަވެސް އެ ތަހުގީގު ރިޕޯޓް އެކުލަވާލުމުގެ މަސައްކަތް އަދިވެސް މުޅިން ނުނިމޭ ކަމަށެވެ. އެހެން ނަމަވެސް މި ހަފުތާގެ ތެރޭގައި އެ މަސައްކަތް ނިންމާ ކަމާބެހޭ މުއައްސަސާތަކަށް ރިޕޯޓު ފޮނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރިޕޯޓު އެކުލަވާލުމުގެ މަސައްކަތް އަދި ވެސް ކުރިއަށް ދަނީ. އެ މައްސައްކަތް މި ހަފުތާގެ ތެރޭގައި ނިންމާލެވި ކަމާބެހޭ މުއައްސަސާތަކަށް ރިޕޯޓު ފޮނުވާލެވޭނެ ކަމަށް އުންމީދު ކުރެވޭ،" އަހުމަދު ވިދާޅުވި އެވެ.

އެޗްއާރްސީއެމުން ކުރިން ބުނެފައި ވަނީ ފެބްރުއަރީ ހަވަނަ ދުވަހުގެ ރެއާއި ހަތް ވަނަ ދުވަހުގެ ހާދިސާތަކުގެ ތެރެއިން އެ ކޮމިޝަނުން ބަލާ މައްސަލަތައް ނޫސްވެރިންނާއި ހިއްސާކޮށްފަ އެވެ.

އޭގެތެރޭގައި ހިމެނެނީ ފެބްރުއަރީ ހަތް ވަނަ ދުވަހު ރައީސް ނަޝީދަށް އަނިޔާކޮށް އަވަހާރަކޮށްލަން އުޅުނު ކަމަށް ބުނާ މައްސަލައާއި ހަވަނަ ދުވަހުގެ ރޭ އާޓިފިޝަލް ބީޗްގައިި މުޒާހަރާ ކުރިއިރު މީހުންނަށް އަނިޔާވި މައްސަލައާ ހަތްވަނަ ދުވަހުގެ ހާދިސާތަކުގައި ބަޔަކަށް އަނިޔާވެފައިވާތީއާ އެދުވަހު ހިނގި އިންސާނިއްޔަތާ ހިލާފު ކަންކަމާއި އެމްއެންބީސީ ކައިރީގައި ހިނގި ހާދިސާތަކާއި އެމްޑީޕީގެ ހަރުގެ ތަޅައިލި މައްސަލަތަކެވެ.

މި ތަހުގީގުގައި ފެބުރުއަރީ 7 ގައި ވެރިކަން ބަދަލުވި ގޮތެއް ނުހިމެނެ އެވެ.