އިނގިރޭސި ވިލާތުގެ ކުރީގެ ބަންޑާރަ ނައިބު ބެރޮނަސް ސްކޮޓްލެންޑްގެ ގާނޫނީ ލަފާ ހޯދުމަށް ބަންޑާރަ ނައިބުގެ އޮފީހުން ހަރަދު ކޮށްފައިވާ 75000 ޕައުންޑް (1.8 މިލިއަން ރުފިޔާ) ހަރަދުކޮށްފައި ވަނީ މާލިއްޔަތު ގާނޫނާ އެއްގޮތަށް ކަމަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު މިއަދު ވިދާޅުވެއްޖެ އެވެ.

އެ މައްސަލައިގައި ސަން އޮންލައިން އިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ފިނޭންސް މިނިސްޓަރު ޖިހާދު މިއަދު ވިދާޅުވީ ބެރޮނަސް ސްކޮޓްލޭންޑްގެ ލަފަޔަށް ހަރަދު ކުރި 1.8 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވަނީ އެ މިނިސްޓްރީން ނަގަން ޖެހޭ ހުއްދަތައް ނަގައިގެން އެ އޮންނަ އުސޫލުގެ ތެރެއިން ކަމަށެވެ.

އެހެންކަމުން މާލިއްޔަތު ގާނޫނާ އެކަން ހިލާފު ނުވާ ކަމަށް ވެސް ޖިހާދު ވިދާޅުވި އެވެ.

"މީގައި މާލިއްޔަތު ގާނޫނާ ހިލާފުކަމަށް ބުނެވޭނެ ޖާގައެއް ނެތް،" ޖިހާދު ވިދާޅުވި އެވެ.

ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރު އިއްޔެ ވިދާޅުވެފައި ވަނީ ބަރޮނަސް ސްކޮޓްލޭންޑްގެ ލަފާ ހޯދާފައި ވަނީ ކޮމަންވެލްތުގެ، މިނިސްޓީރިއަލް އެކްޝަން ގްރޫޕު (ސީމެގް)ގައި ރާއްޖޭގެ މައްސަލަ އެޖެންޑާ ކުރުމާ ގުޅިގެން ކަމަށެވެ.

އަދި ބުނެފައި ވަނީ އެކަމަނާ ފަދަ ބޭފުޅެއްގެ ގާނޫނީ ލަފަޔަށް 1.8 މިލިއަން ރުފިޔާ ހަރަދު ކުރުމަކީ ބޮޑު އަދަދެއް ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ.

އެ ފައިސާ ހަރަދުކުރި މައްސަލަ މިހާރު ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށްވެސް ވައްދައިފަ އެވެ. ބެރޮނަސް ސްކޮޓްލެންޑްގެ ދެހަފްތާގެ މަސައްކަތަށް ދުވާލެއްގެ މައްޗަށް 7500 ޕައުންޑް (181425ރ.) މަގުން 75000 ޕައުންޑް (1.8 މިލިއަން ރުފިޔާ) އެކަމަނާ އަށް ދިވެހި ސަރުކާރުން ދީފައިވެ އެވެ.